ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ކިތަންމެ ދުވަހަކު ޖަލުގައި ބޭއްވި ނަމަވެސް އެމަނިކުފާނު ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތްޕުޅުގައި ދޫދެއްވައި ފަހަތައް ޖެހިވަޑައިނުގަންނަވާނެ ކަމަށް އިދިކޮޅު އިއްތަހާދުން ބުނެފިއެވެ.
އެކެއް ފެބްރުއަރީގެ ހުކުމާއި ގުޅިގެން ނެރުނު ކުއްލި ހާލަތުގެ ދަށުން ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލިތާ 100 ދުވަސް އިއްޔެ ވަނީ ވެފައެވެ. މިއަދު އެކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްލާހީ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް އެ މަސައްކަތުގައި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން މައުމޫން ދެއްވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުގެ ބަޔާނުގައި ވަނީ މައުމޫން ރޯދަ މަހަށް އެކަނި ނަމަވެސް ގޭބަންދަށް ބަދަލު ކުރުމަށް އެދިފައެވެ.މައުމޫންގެ އަނބިކަނބަލުން ނަސްރީނާވެސް ވަނީ ރޯދަ މަހަށް އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އެމަނިކުފާނު ހައްޔަރުކޮށްގެން ގެންގުޅެނީ ޒާތީ ހަސަދައެއްގެ ސަބަބުން ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްކަން ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ ބަންދުުގައި ބަހައްޓައިގެން އެމަނިކުފާނަށް އެކަށީގެންވާ ފަރުވާވެސް ނުދޭ ކަމަށެވެ.
"ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު އިންތިހާއަށް ގޯސްވެ، ތަކުރާރުކޮށް ފަރުވާ ދޭންޖެހިފައިވާއިރު އަދި ބަންދުގައި ހުންނަ މަރުކަޒުގައި އެމަނިކުފާނަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ދެމުން ނުދާއިރު، އަދި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރިގޮތުން އަބަދުމެ އަރިހުގައި ބޭފުޅަކު ހުންނެވުމަށް ތަކުރާރުކޮށް ޑޮކްޓަރުން ލަފާދެއްވާފައިވާއިރު ޑޮކްޓަރުގެ ލަފައާ އެއްގޮތަށް އަމަލުކުރައްވަމުން ނުދާކަން ފާހަގަކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އިދިކޮޅުގެ ބަޔާނުގައި ބުނެފައި ވަނީ މައުމޫންގެ ރޯދަ މަހުގައިވެސް ޖަލުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަަކީ އެމަނިކުފާނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.
ރައީސް މައުމޫންގެ ބަންދު ކުރިތާ 100 ދުވަސް ވެފައިވާއިރު އެމަނިކުފާނުގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ ދައުވާއާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.
ކިތަންމެ ދުވަހަކު ޖަލުގައި ބޭއްވިޔަސް މައުމޫން ދުލެއް ނުދެއްވާނެ - އިދިކޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ