ސްކޫލް ޓްރެފިކް މޮނިޓަރ ޕްރޮގްރާމުގެ ދަށުން ތާޖުއްދީން ސްކޫލްގެ ދަރިވަރުން ތަމްރީނުކުރަން ފަށައިފިއެވެ.
މިތަމްރީނުތަކުގައި އެއްގަމު ދަތުރުފަތުރުގެ ޤާނުނާއި، ޤަވާއިދުތަކުގެ އިތުރުން، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތަކާއި މަގުމަތީގައާއި ޚާއްޞަކޮށް ސްކޫލް ސަރަޙައްދުގައި ޙަރަކާތްތެރިވާ ދަރިވަރުން ޢާންމުންނާ މުޢާމަލާތް ކުރުމާ ގުޅޭގޮތުންނާއި، ވާހަކަ ދެއްކުމުގެ ރީތި އާދައާއި، ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭ ކޮމިއުނިކޭޝަން ސްކިލްސްގެ ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ފުލުހުން ހާމަކުރިގޮތުގައި، މިތަމްރީން ތަކުގައި މިއަހަރުގެ ފެބްރުއަރީ މަހު ތާޖުއްދީން ސްކޫލްގައި ކުރިޔަށް ގެންދެވުނު އޮޑިޝަނުން ހޮވިފައިވާ ގްރޭޑް 8 އަދި 9 ގައި ކިޔަވަމުންދާ 34 ދަރިވަރަކު ބައިވެރިވެއެވެ. މި ޕްރޮގްރާމްގައި، ދަރިވަރުންނަށް ކިޔަވައިދެއްވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑު ސޭފްޓީ ޔުނިޓާއި، އައިލްސްގެ މުދައްރިބުންނެވެ.
ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލް މަދަރުސާ ހިމެނޭ ސަރަޙައްދުގެ ޓްރެފިކް މެނޭޖުކޮށް ބެެލެެހެއްޓުމުގައި ސްކޫލް މަދަރުސާގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި، ޓްރެފިކް މައްސަލަތައް ޙައްލުކުރުމުގެ ރޫހު އަށައިގަނެފައިވާ ދަރިވަރުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ފުލުހުން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.
މީގެކުރިން ޣިޔާސުއްދީން ސްކޫލާއި ހުޅުމާލޭ ރެހެންދި ސްކޫލާއި ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލާއި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ސްކޫލް ޓްރެފިކް މޮނިޓަރ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވެއެވެ.
ސްކޫލް ޓްރެފިކް މޮނިޓަރ ޕްރޮގްރާމުގެ ދަށުން ތާޖުއްދީން ސްކޫލްގެ ދަރިވަރުން ތަމްރީނުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ