ދައުލަތުގެ ފައިސާއިން ވައްކަން ކުރުމަކީ އަނިޔާއެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އަނިޔާއަކީ ކޮބައިކަން ބުނެދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ކުށެއްނެތި މީހުން ހައްޔަރުކުރުމަކީ އަނިޔާއެއްކަމަށެވެ. އަދި ޝަރީއަތަށް ބާރު ފޯރުވުމަކީވެސް އަނިޔާއެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ފައިސާއިން ވައްކަން ކުރުމަކީވެސް އަނިޔާއެއްކަމަށެވެ.
ރައީސް މައުމޫން މި މޭރުމުން ޓްވީޓެއް ކުރެއްވީ ކީއްވެގެންކަން ސާފުކޮށްދެއްވާފައިނުވިނަމަވެސް ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ތުހުމަތެއްގައި ހުކުމެއްނެތި ޖަލު ބަންދުގައި ހުންނަވާތާ މިހާރު ވަނީ 132 ދުވަސް ފާއިތުވެގެން ގޮސްފައެވެ.
ޝަރީއަތަށް ބާރު ފޯރުވުމަކީވެސް އަނިޔާއެއްކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާއިރު، ފާރިސް މައުމޫންގެ މައްޗަށް ކޯޓްތަކުގައި ކުރިއަށްދާ ޝަރީއަތާއި، އިސްތިއުނާފު އަޑުއެހުންތަކަށް ސަރުކާރުން ނުފޫޒް ފޯރުވާކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
މީގެ އިތުރަށް ދައުލަތުގެ ފައިސާއިން ވައްކަން ކުރުމަކީވެސް އަނިޔާއެއްކަމަށް މައުމޫން ވިދާޅުވެފައިވާއިރު، ދައުލަތުގެ ފައިސާއަށް ސަރުކާރުގެ އެކި ލެވެލްގެ ބޭފުޅުން ޚިޔާނާތްތެރިވަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ދައުލަތުގެ ފައިސާއިން ވައްކަންކުރާ ކަމުގެ ސާފު ހެކި އެބަހުރިކަމަށާ ދެން އަންނަ ސަރުކާރެއްގައި އެ މައްސަލަތައް ބަލާ އެ ބޭފުޅުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށްވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ދައުލަތުގެ ފައިސާއިން ވައްކަން ކުރުމަކީ އަނިޔާއެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ