ނުވަދިހަ ފަސް ޕަސެންޓް ރައްޔިތުން ތިބީ ތަރައްގީއާއެކު: ސަލީމް

ރާއްޖޭގެ ނުވަދިހަ ފަސް ޕަސެންޓް ރައްޔިތުން ތިބީ ތަރައްގީއާއެކު ކުރިއަށް ދިއުމަށް ކަމަށް ހޯމްމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. ޗެނަލް ތާޓީންނަށް މައުލޫމާތު ދެއްވަމުން އަހުމަދު ސަލީމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ބައެއް ބޭފުޅުން ތާއީދުކުރާ ލާދީނީ ފިކުރަށް ރާއްޖޭގެ ނުވަދިހަ ފަސް ޕަސެންޓް ރައްޔިތުން ނުގަބޫލު ކަމަށާއި، ނުވަދިހަ ފަސް ޕަސެންޓް ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީންގެ ތަރައްގީއާއެކު ކުރިއަށް ދިއުމަށް ކަމަށެވެ.  އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ސަރުކާރުން ގެންނަ ތަރައްގީ އިދިކޮޅު ފަރާތްތަކަށް ހަޖަމް ނުވާ ކަމަށާއި، ތަރައްގީއާ ގައުމުގެ ހަމަޖެހުމާއި ސުލްހަވެރިކަމަށް ވުރެ އިދިކޮޅުގެ ބައެއް ބޭފުޅުން ބޭނުންވަނީ ގައުމު ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިއުމަށް ކަމަށެވެ.  އަދި ސަރުކާރާ ދެކޮޅަށް އަޑުއުފުލައިފި ކޮންމެ މީހެއްގެ އަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިފަމުންދާކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ބޮޑު އިއްތިހާދުގެ ނަމުގައި އެއްވާ އެއްވުންތަކުގައި ސާޅީސް މީހުން ވެސް ހަމަނުވާކަމަށެވެ. އަދި ސަރުކާރާ ދެކޮޅުވާ ކޮންމެ މީހެއްގެ އަތުގައި ނަޝީދު ހިފަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން ބަރީއަވުމަށް ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. މީގެއިތުރުން މުޒާހަރާއަށް މާލެ އެރުމަށް ރާއްޖޭގެ ރައްޔިތުންނަށް ނަޝީދު ގޮވާލެއްވުމަކީ ޣައިރު ގާނޫނީ ގޮވާލެއްވުމެއް ކަމަށް ސަލީމްވަނީ ވިދާޅުވެފައެވެ.  އެގޮތުން ޖަލުހުކުމެއް އިއްވުމުން އެ ހުކުމުން ފިލަން ގޮސް ހުރި މީހަކަށް ރައްޔިތުންނަށް އެންގުންތައް ނޭނގޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ