މަޖިލީހުގެ މެންބަރުންގެ މެންބަރުކަމާ ގުޅޭ މައްސަލަ އެއް ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެންބަރުކަމާގުޅޭ ޢާންމު މަޞްލަޙަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅުމަށްފަހު އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެންބަރުކަމުން ވަކިވާނެ ގޮތުގެ ޝަރުޠުތަކާއި އިޖުރައާތުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2017/SC-C/17 ޤަޟިއްޔާގައި ވާގޮތަށް ޢަމަލުކުރުމަށް ކަނޑައަޅާފައިވަނީ ސަރުކާރުން އެންޓި-ޑިފެކްޝަން ޤާނޫނެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށް، އެޤާނޫނު ވުޖޫދުވުމާ ހަމައަށްކަމަށް އެޤަޟިއްޔާގައި ބަޔާންކޮށްފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް ސަރުކާރުން އެފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެންބަރުކަމުން ވަކިކުރެވޭ އުޞޫލުތަކަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ސިޔާސީ ޕާޓީގެ ޤަވާއިދުގައި ޢަމަލުކުރުމަށް ބަޔާންކޮށްފައިވާ ދުސްތޫރީ ޤާޢިދާތަކާއި ޤާނޫނީ އިޖުރައާތުތަކަށް ވަގުތީގޮތުން ލިބިދެވުނު އިސްތިޘްނާ ޙާލަތެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ސުޕްރީމް ކޯޓުގެ ޙުކުމަށްފަހު ދިގު މުއްދަތެއް ފާއިތުވެގެން ދިޔައިރުވެސް، އެޙުކުމުގައި ބުނާ ޤާނޫނު ފާސްނުކޮށް މިހާރު އޮތް ޙާލަތު އެގޮތަށް ދެމިގެން ދިއުމަކީ ޤާނޫނުއަސާސީ އާއި ޢަމަލުކުރެވޭ ކަމާބެހޭ އެހެނިހެން ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ޤާނޫނީ އިޖުރައާތުގެ ބާރުކެނޑިގެން ދާނެކަމެއްކަމަށްވާތީ، ސުޕްރީމް ކޯޓުގެ ޙަވާލާދީފައިވާ ޙުކުމުގައި ބަޔާންކޮށްފައިވާ އިސްތިޘްނާ ޙާލަތު ނިމުމަކަށް ގެނައުމަށް މިއަދު ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވާނެއެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅުމުގައި ޤާނޫނީ ގޮތުން ތަބާވުން ލާޒިމުވެގެންވަނީ ސިޔާސީ ޕާޓީގެ ޤާނޫނާއި ސިޔާސީ ޕާޓީގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ދުސްތޫރީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށާއި އަދި މި ގޮތުން ޢަމަލުކުރުމަކީ، ޤާނޫނުއަސާސީގެ ސިޔާދަތާއި ޤާނޫނީ ވެރިކަމާއި ރައްޔިތުންގެ ލާބަޔާއި މަންފާ މުޅި މުޖުތަމަޢުގެ ޢާންމު މަޞްލަޙަތާއި އަމްނު ޢާންމާއި ރައްޔިތުންގެ ސުލްޙަމަސަލަސްކަމާއި އަދި މުޅި ދައުލަތުގެ ސިޔާދަތީ މިނިވަންކަން ކަށަވަރުކޮށްދިނުމަށްޓަކައި ޒަރޫރަތްތެރިކަމެއްކަމަށްވާތީ، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާއަށް ރިޢާޔަތްކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑިއާމެދު ދައުލަތުގެ މުއައްސަސާތަކުން ނިންމާފައިވާ އެންމެހައި ނިންމުންތައް ބާޠިލްކޮށްދިނުމަށްވެސް ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައިގައި އެދިފައިވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ، އެމީހުންގެ ފިކުރު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރާ ރައްޔިތުންގެ މަންދޫބުންނެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކަށް ރައްޔިތުންގެ މަޖިލީހަށް ވަދެ އެމީހުންނަށް ޤާނޫނުއަސާސީއިން މަތިކޮށްފައިވާ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް ސަރުކާރުން ހުރަސްއެޅުމުން، ދިވެހި މުޖުތަމަޢުގެ ޢާންމު މަޞްލަޙަތާއި އަމްނު ޢާންމާއި ރައްޔިތުންގެ ޞުލްޙަ މަސަލަސްކަންވަނީ ގެއްލިފައެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ޢާންމު މަޞްލަޙަތާ ގުޅުންހުރި ދުސްތޫރީ މިމައްސަލަ އެކޯޓަށް ލިބިދީފައިވާ އަޞްލީ އިޙްތިޞާސްގެ ދަށުން ބަލައިދިނުމަށް އެދިފައިވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ