ފާރިސް ހައްޔަރުކޮށްގެން އުޅޭ މީހުން އެކަމުގެ އަގު ދައްކަން ޖެހޭނެ – މައުމޫން

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ހައްޔަރު ކޮށްފައި ހުންނަތާ އިއްޔެއަށް 180 ދުވަސް ވެފައިވާއިރު، އެކަމުގެ އަގު ދައްކަން ޖެހޭނެކަމަށް ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫނު މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ހުކުމަކާއި ނުލައި ޤާނޫނާއި ހިލަފަށް ފާރިސް ހައްޔަރުކޮށްފައިވާތާ 180 ދުވަސް ވެފައިވާއިރު ފާރިސް ގޯސްކޮށް ކޮށްފައިވާކަމެއްގެ ހެތްކެއް ކޯޓަށް ހުށައެޅިފައިވެސް ނުވާ ކަމުގައެވެ.
އަދި މިކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކުން ފަހުން ނަމަވެސް އެކަމުގެ އަގު ދައްކަން ޖެހޭނެކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމަށްބުނެ ފާރިސް ހައްޔަރު ކޮށްފައިވަނީ 2017 ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.
ރިޝްވަތުގެ ދައުވާގެ އިތުރުން ފާރިސްގެ މައްޗަށް ވަނީ ޝަހުސް އޮޅުވާލުމުގެ ދައުވާ ވެސް އުފުލާފައެވެ. އެ ދައުވާ ފާރިސްގެ މައްޗަށް ކުރަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ހުއްދަނެތި ބޭނުންކުރި މައްސަލައިގަ އެވެ.
މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ހުންނެވި ފާރިސްގެ މައްޗަށް ޕީޖީން ފުރަތަމަ ކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. އެއީ ރިޝްވަތު ގަބޫލުކުރުމުގެ ކުށެވެ.
މިމައްސަލާގައި ޕީޖީއަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ދައުވާ މިހާރުވަނީ ފާރިސްގެ މައްޗަށް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ