ފްލެޓް ދޭން ކަމަށް ބުނެ ފައިސާ ނަގާ ސައްޚަ ނޫން ރަޖިސްޓްރީ ހަދައިދޭ މައްސަލަ ބަލަނީ

ފްލެޓުދޭނެ ކަމަށްބުނެ ހައުސިން މިނިސްޓްރީގެ ނަމުގައި ފްލެޓްތައް ދިނުމަށްފަހު، ވަގު ރަޖިސްޓްރީތަކެއް ހަދާ އާންމުންގެ އަތުން ފައިސާނަގަމުންދާ މައްސަލަތަކެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފްލެޓް ދޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުގެ އަތުން ފައިސާ ނަގައި ފުލެޓްތަކުގެ ސައްޚަ ނޫން ރަޖިސްޓްރީ ހަދައިދޭ ކަމުގެ މައުލޫމާތު ލިބިފައިވާތީ ހައުސިންގ މިނިސްޓްރީން ކަމާއިބެހޭ މުއައްސަސާތަކާއި ގުޅިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އަދި މި ކަމަކީ ރައްޔިތުންގެ ހައްގުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ އެއްވެސް މީހަކު މިފަދަކަމެއްގައި ބައިވެރިނުވުމަށް ހައުސިންގ މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.   މީގެއިތުރުން މިފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކުގައި އެދިފައިވާ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި ސަރުކާރުގެ ގެދޮރުވެރިކަމުގެ އެކި މަޝްރޫއުތަކުގެ ދަށުން އެ މިނިސްޓްރީން ފްލެޓްތައް ދޫކުރަމުން ދަނީ އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ އުސޫލުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ކަމަށާއި، އެނޫން ގޮތަކަށް އެ މިނިސްޓްރީން އެއްވެސް ފަރާތަކަށް ފްލެޓް ދޫނުކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ