ވޯލްޑްކަޕް ވޯލްޑްކަޕް މިސްރު ފުޓުބޯޅަ އެސޯސިއޭޝަނުން ވީއޭއާރު ނިންމުންތަކަށް ފާޑުކިޔައި ފީފާއަށް ޝަކުވާ ހުށަހަޅައިފި

ވޯލްޑް ކަޕް ގެ ގަދަ 16 ގައި އާޖެންޓީނާ އަތުން 3-2 އިން މިސްރު ބަލިވި މެޗުގައި ވީއޭއާރު ރަނގަޅަށް ބޭނުންނުކުރާ ކަމަށްބުނެ މިސްރުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ރެފްރީންގެ ނިންމުންތަކަށް ފާޑުކިޔައި ރަސްމީ ޝަކުވާއެއް ހުށަހަޅައިފިއެވެ.
ރޭ ކުޅުނު އެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ކޮޅަށް 2-0 ގެ ލީޑެއް ނަގައި، މެޗު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް މިސްރުން އެ ލީޑް ދޫކޮށްލީ ފަހު ވަގުތު ތިން ގޯލު ވަދެގެންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި މިސްރުގެ މުސްތަފާ ޒީކޯ ޖެހި ގޯލު ވީއޭއާރުން ބެލުމަށްފަހު ބާތިލުކުރީ މިސްރު ކުޅުންތެރިޔަކު ފައުލެއް ކުރި ކަމަށް ބެލުމަށް ފަހުގައެވެ. އޭގެ އިތުރުން، ހަމްދީ ފަތުހީ ޕެނަލްޓީ އޭރިއާ ތެރެއިން ވެއްޓުނު ނަމަވެސް ޕެނަލްޓީ ނުދީ، އާޖެންޓީނާއިން ކައުންޓާގައި ގޮސް އިތުރުވަގުތުކޮޅުގެ ތެރޭގައި މޮޅުވި ގޯލު ޖެހީއެވެ.
މިސްރުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި ބުނީ ”މެޗުގެ ތެރޭގައި ހިނގި މުހިންމު ގިނަ ހާދިސާތަކުގެ ސަބަބުން، ނިންމުންތަކުގެ ހަމަހަމަ ކަމާއި އިންސާފާ މެދު ބޮޑެތި ކަންބޮޑުވުންތައް އުފެދި، މެޗުގެ ނަތީޖާއަށް ސީދާ އަސަރު ފޯރި“ ކަމަށެވެ.
ކުރީގެ އިނގިރޭސި ގޯލްކީޕަރު ރޮބް ގްރީން، ޒީކޯގެ ގޯލު ބާތިލުކުރި ނިންމުމާ ގުޅިގެން ބުނީ ”ދަނޑުގެ އެއްކޮޅުން އަނެއް ކޮޅަށް ކުރި ފައުލެއް ބެލުމަކީ ވީއޭއާރުގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން“ ކަމަށެވެ. ކުރީގެ އިނގިރޭސި ކެޕްޓަން އެލަން ޝިއަރާ ސޯޝަލް މީޑިއާގައި ލިޔުފައިވާ ގޮތުގައި ”އެ ދެ ހާދިސާ ވެސް ފައުލެއް ކަމަށް ބަލަންޖެހޭ، ނުވަތަ ދެ ހާދިސާ ވެސް ފައުލެއް ނޫން ކަމަށް ބަލަންޖެހޭ“ ކަމަށެވެ. ކުރީގެ ލިވަޕޫލް ޑިފެންޑަރު ޖެމީ ކެރެގާ ބުނީ ”ޕްރިމިއާ ލީގުގައި ނުވަތަ ލަ ލީގާ ނުވަތަ ސެރީއާގައި ނަމަ، ވީއޭއާރުން ބެލުމަށްފަހު ވެސް އެ ގޯލު ގުނީސް“ ކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިސްރުގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސް ހާނީ އަބޫ ރީޑާ، ފަރަންސޭސި ރެފްރީ ފްރާންސުވާ ލެޓެކްޒިއޭ އާއި އޭނާގެ އެސިސްޓެންޓުންނާ ދެކޮޅަށް ރަސްމީ ޝަކުވާއެއް ފީފާއަށް ހުށަހަޅާފައިވެއެވެ. ފީފާއިން އަދި މިކަމާ ގުޅޭގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ