ވޯލްޑްކަޕް ވޯލްޑްކަޕް ޕޯޗުގަލްގެ ކޯޗުކަމުން މާޓިނޭޒް ވަކިވެފައިވާކަން ރަސްމީކޮށް އިއުލާންކޮށްފި

ޕޯޗުގަލް ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ ކޮންޓްރެކްޓް ހަމަވުމާ ގުޅިގެން އޭނާ މަގާމުން ވަކިވެއްޖެކަން ޕޯޗުގަލްގެ ފުޓުބޯޅަ ފެޑެރޭޝަނުން މިއަދު ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
ވޯލްޑް ކަޕް ގަދަ 16 ގައި ސްޕެއިން އަތުން 1-0 އިން ބަލިވި މެޗަށްފަހު މާޓިނޭޒް ވެސް ވަނީ މަގާމުން ވަކިވާނެކަން ހާމަކޮށްފައެވެ. އެ މެޗުން ބަލިވުމާއެކު ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ހުވަފެނަށް ވެސް ވަނީ ނިމުން އައިސްފައެވެ.
”ޕޯޗުގީޒް ފުޓުބޯޅަ ފެޑެރޭޝަނުން އިއުލާނުކުރަނީ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް އަދި އޭނާގެ ކޯޗިން ސްޓާފުންނާ ދެމެދު އޮތް ކޮންޓްރެކްޓުގެ ގުޅުން މި ބުދަ ދުވަހު ރަސްމީކޮށް ނިމިފައިވާ ކަމެވެ،“ ފެޑެރޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
އުމުރުން 52 އަހަރުގެ ސްޕެއިންގެ މި ކޯޗު ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރުގެ ޖެނުއަރީގައި ބެލްޖިއަމް ދޫކޮށްލުމަށް ފަހުގައެވެ. އޭނާގެ ކޯޗުކަމުގައި ޕޯޗުގަލް ވަނީ 2025 ވަނަ އަހަރު ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފައެވެ.
ޕޯޗުގަލް ފެޑެރޭޝަނުން ބުނެފައިވާ ގޮތުގައި ގައުމީ ޓީމުގެ ”އެތެރޭގައި އުންމީދާއި މޮޅުވުމުގެ ސަގާފަތް ކުރިއެރުވުން“ ކުރިއަށް ގެންދިއުމަށްޓަކައި އާ ކޯޗެއް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ