ދޫދިނުމެއް ނެތް، ފަހަތަށް ނުޖެހޭނަށް: ރައީސް މައުމޫނު

ސަރުކާރުން ކިތައްމެ ބިރެއް ދެއްކި ނަމަވެސް ދޫނުދެއްވާނެކަމަށާއި ފަހަތައްވެސް ޖެހިވަޑައި ނުގަންނަވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވިކަމަށް ރައީސް މައުމޫނުގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ މައުމޫނު ހަމީދު ވިދާޅުވެއްޖެއެވެ.
ޤާނޫނާއި ހިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރެއްވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫނާއި ހަވާލާދެއްވާ ރައީސް މައުމޫނަށް ބޮޑުބޭބެ ވިދާޅުވީ މައުމޫނު ހަމީދު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މައުމޫނު ހަމީދު ވިދާޅުވީ ދައުވާ އުފުލާ ހުކުމެއް ކޮށްފާނެކަމަށް ރައީސް މައުމޫނު ގަބޫލުފުޅު ކުރައްވާ ކަމުގައެވެ. އަދި އެކަނި ވިޔަސް އިސްލާހީ މަސައްކަތުގައި ދޫ ނުދެއްވާނެ ކަމަށާއި ފަހަތައްވެސް ޖެހިވަޑައި ނުގަންނަވާނެކަމަށް ރައީސް މައުމޫނު ވިދާޅުވިކަމަށް މައުމޫނު ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން ބިރު ދައްކައިގެން ފަހަތައް ޖެހިވަޑައިގަންނަވާނެކަމަށް އެއްވެސް ފަރާތަކުން ހީކުރުމަކީ ކުށް ހީއެއްކަމަށް ރައީސް މައުމޫނު ވިދާޅުވި ކަމަށްވެސް މައުމޫނު ހަމީދު ވިދާޅުވިއެވެ.
ރައީސް މައުމޫނު ހައްޔަރުކޮށްފައިވަނީ މިމަހުގެ ފަސް ވަހަ ދުވަހު ކުއްލި ހާލަތު އިއުލާނު ކުރުމަށް ފަހުގައެވެ.
ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތާއި ފަނޑިޔާރުންނަށް ރިޝްވަތު ދެއްވުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި ސަމާމަތީ ބާރުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް މަސައްކަތް ކުރެއްވުމުގެ ތުހުމަތުވެސް ރައީސް މައުމޫނުގެ މައްޗަށް ފުލުހުންވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ