ޑޮލަރު ކީއްކުރަންތޯ ރުފިޔާކޮޅުވެސް މަސްވެރިންނަށް ނުލިބޭ: މެމްބަރު ޝިޔާމް

މި ސަރުކާރުން މަސްވެރިންނާއި މެދު ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަސްވެރިން ބާނާ މަހަށް ޑޮލަރު ނުދެވޭ ތަނުގައި ރުފިޔާކޮޅުވެސް އެންމެ ކުޑަމިނުން ދެވިފައިނުވާކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް، އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.ޝިޔާމް މިހެން ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރު އަދި 2023 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ނެރުމަށް ހަމަޖައްސާފައިވާ ރައީސް އަބްދުﷲ ޔާމީނަށް ނުހައްގުން ކޮށްފައިވާ ޖަލު ހުކުމާއި ދެކޮޅަށް އަޑު އުފުލުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ."މި ސަރުކާރުން މަސްވެރިންނަށް ދެއްކީ ޑޮލަރުގެ ކުލަ. މި ސަރުކާރު ބުނަމުން އައީ ހަމައަގު ލިބޭނީ ޑޮލަރުން ކަމަށް. ނަމަވެސް ރުފިޔާ ކޮޅުވެސް ނުލިބިގެން މި އުޅެނީ. ދެން ކޮން ހަމަ އަގެއްތޯ ލިބޭނީ. އެތައް ތަނަކުން މަހުގެ އަގު ދަށްވެއްޖެ. މި ސަރުކާރު މި ވަނީ ބޮޑުތަކުން ފެއިލްވެފަ." ޝިޔާމް ވިދާޅުވިއެވެ.މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ޕީޕީއެމް ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދަށް ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް 8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާނެ ކަމަށާއި ނަމަވެސް މި ސަރުކާރުގެ ފުރަތަމަ އަހަރު ނިމުނު އިރު 2 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްގައި ސޮއިވެސް ކުރެވިފައިވާ ނުވާކަމަށެވެ.އޭނާ ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި ރާއްޖޭގެ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނާނެ ކަން ފާހަގަކުރައްވާފައެވެ. ޝިިޔާމް ފާހަގަކުރެއްވިގޮތުގައި މި ސަރުކާރުގެ ކުރިމަތީގައި އިދިކޮޅު ކޯލިޝަން ކުޑަކަކޫ ނުޖަހާނެއެވެ. އަދި މިހާރުވެސް ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމުގެ މަސައްކަތް މިސަރުކާރުން ކުރިއަށް އެބަ ގެންދާ ކަމަށާއި ނަމަވެސް އެއްވެސް ފަސްޖެހުމެއް ނެތި، ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ."މި ސަރުކާރުގެ ކުރިމަތީގަ އަޅުގަނޑުމެން ކުޑަކަކޫ ނުޖަހާނަން. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ދައްކާނަން. ތިބޭފުޅުން އަޅުގަނޑުމެންނާއި އެކު ތިއްބަވާ. އަޅުގަނޑުމެން މި ތިބީ އެއްގޮތަކަށްވެސް ދޫދޭ ގޮތަކަށް ނޫން." ޝިޔާމް ވިދާޅުވިއެވެ.ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ނުކުރެވި ރައްޔިތުންގެ އެތަކެއް ހައްގުތަކެއް ގެއްލިގެންދާކަން އިދިކޮޅު ކޯލިޝަނުން އަންނަނީ ފާހަަގަކުރަމުންނެވެ. ރައީސް ޔާމީން ބަންދުކޮށްގެން ސަރުކާރުން ގެންގުޅޭ އެންމެ ބޮޑު ސަބަބަކީ އެމަނިކުފާނަކީ އިދިކޮޅު ހަމައެކަނި ސިޔާސީ ލީޑަރަށްވެފައި 2023 ވަނަ އަހަރުގެ ރިޔާސީ ކެނޑިޑޭޓަށް ވުމުން ކަން އެކޯލިޝަނުން އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ