ޖޭއެސްސީގެ މެމްބަރު ކަމަށް ޝަރީފް އައްޔަން ކުރައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުގެ މަގާމަށް ހައްދުންމަތި ކަލައިދޫ، އީރާފް އަލްއުސްތާޛު އަލީ ޝަރީފް މިއަދު އައްޔަން ކުރައްވައިފި އެވެ.
ޝަރީފް އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގަ އެވެ.
ޝަރީފް ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމަށް ހަމަޖެއްސެވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ރ) އާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގެ ތިންވަނަ މާއްދާގެ ހަތަރުވަނަ ނަންބަރުގައިވާ ގޮތުގެ މަތީންނެވެ.
ޖޭއެސްސީގެ މެމްބަރު ކަމަށް ޝަރީފް އައްޔަން ކުރެއްވުމުގެ ކުރިން ޝަރީފް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި ހުވާ ކުރައްވާފަ އެވެ. ޝަރީފަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.
އެ ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، ވަނީ ޝަރީފަށް ހަވާލުކޮށްދެއްވާފަ އެވެ.
ޝަރީފް ޖޭއެސްސީގައި އިންނަވާނީ ދަށު ކޯޓުތަކުން އެ ކޮމިޝަނުގައި ތަމްސީލުކުރައްވާ ފަނޑިޔާރެއްގެ ގޮތުގަ އެވެ. އޭނާއަކީ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓެވެ.
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި ހުންނެވި ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު ހަމަވާތީ ބޭއްވި އިންތިހާބުގައި ތިން ބޭފުޅަކު ވާދަކުރެއްވި އެވެ. އެއީ ޝަރީފްގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާއި ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދެވެ.
ޝަރީފަށް 127 ވޯޓު ލިބިވަޑައިގެންނެވިއިރު ހައިލަމަށް ލިބިވަޑައިގަތީ 37 ވޯޓެވެ. އަބްދުއްރައްޒާގަށް ލިބިވަޑައިގެންނެވީ އެންމެ ވޯޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ