ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ ސަރުކާރާއެކު ކަމަށް އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖޭޕީއަކީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕާޓީއެކެވެ. ދެން އެ ކޯލިޝަނުގައި ހިމެނެނީ އެމްޑީޕީއާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރްއެމްއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވުމަކީ ގައުމު ލަދުވެތިވާން ޖެހޭ ކަމެއް ކަމަށާއި ރައީސް ޔާމީނާއެކު މަޝްވަރާއަށް ދާން ޖޭޕީ އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެ ގާސިމް ކުރެއްވި ކަމަށް ބުނާ ޓުވީޓެއްގެ ސްކްރީން ޝޮޓެއް ދަނީ ދައުރުކުރަމުންނެވެ.
އެ ސްކްރީން ޝޮޓަކީ ބަޔަކު ހަދައިގެން ދައުރުކުރާ ސައްހަ ނޫން ސްކްރީން ޝޮޓެއްކަން ފާހަގަކުރައްވައި ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުރުވަމުންދާ ޓުވީޓަކީ އޭނާ ކުރައްވާފައިވާ ޓުވީޓެއް ނޫން ކަމަށާއި ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރާއެކު ކަމަށެވެ.
"ގާސިމް އާއި ޖުމްހޫރީ ޕާޓީ އޮތީ ދިވެހި ރައްޔިތުންނާއި ސަރުކާރާއެކު. މިކަން ކޮށްފައި މިވަނީ ގާސިމް އާއި ޖޭޕީއަށް ކުރާ ތާއީދު ގެއްލުވައިލުމަށް،" ގާސިމްގެ ޓުވީޓުގައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ޖޭޕީގެ މެންބަރުން އެބަތިއްބެވެ. އެގޮތުން މިނިސްޓަރު ފެންވަރުގެ މަގާމުތަކުން ފެށިގެން، ކުންފުނިތަކުގެ ވެރިންނަށްވެސް އެޕާޓީގެ މެންބަރުން އެބަތިއްބެވެ.
ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރާއެކު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ