ސްކޫލް ކުދިން ދީނީ ގޮތުން ވަރުގަދަ ކުރުމަށް ޓަކައި ކޭމްޕެއް ބާއްވައިފި

ތައުލީމީ މަރުހަލާގެ ދަރިވަރުންގެ ތެރޭގައި ދީނީ އަދި ގައުމިއްޔަތު ކަމުގެ ލޯބި އަށަގެންނެވުމަށް މާލޭ ސްކޫލުގެ ކުދިންނަށް އަމާޒުކޮށްގެން ކޭމްޕެއް ބާއްވައިފި އެވެ. "ދަރިވަރުންގެ ކޭމްޕް"ގެ ނަމުގައި އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ކޭމްޕަކީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޕޮލިސް ސާވިސް އާ ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. ޖުމްލަ ފަސް ދުވަހަށް ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި މާލޭގެ ސްކޫލުތަކުން 20 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. "ސަން" އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ މާލޭގެ ސްކޫލުތަކުން ގްރޭޑް އަށަކާއި ނުވައެއް އަދި ގްރޭޑް 10ގެ ފިރިހެން ކުދިން އެ ކޭމްޕުގައި ބައިވެރި ވެފައިވާ ކަމަށެވެ. "މި ކޭމްޕް ބޭއްވި މިއީ ފުރަތަމަ ފަހަރު. އެހެން ކަމުން ހަމައެކަނި ފިރިހެން ކުދިން ބައިވެރިވީ އެ ކޭމްޕުގައި. ނަމަވެސް ކުރިއަށް ހުރި ކޭމްޕުތަކުގައި އަންހެން ކުދިން ވެސް ބައިވެރި ކުރާނެ ގޮތްތަކެއް ހަމަޖައްސާނެ،" މިނިސްޓަރު ވިދާޅުވި އެވެ. ފޭދޫ ފިނޮޅުގައި ކުރިއަށް ގެންދިޔަ އެ ކޭމްޕުގެ ސަބަބުން ދަރިވަރުންތަކުގެން ހިތުގައި ދީނީ ލޯބި އިތުރުވެ ދީނީގޮތުން ވަރުގަދަ ޝަހުސިއްޔަތުތަކަށް ހެދުމަށް ގިނަ ޕްރޮގްރާމްތަކެއް ބާއްވާފައިވާ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ. އެގޮތުން ދީނީ ގޮތުން މައުލޫމާތު ދިނުމަށް ގިނަ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ. ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަން އޮފް މޯލްޑިވްސް (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް ވާހަކަފުޅު ދައްކަވަނީ--- ފައިލް ފޮޓޯ ކޭމްޕު ނިންމުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަން އޮފް މޯލްޑިވްސް (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ ދަރިވަރުން ދީނީ ގޮތުން ހަރުދަނާ ބަޔަކަށް ހެދުމަށް ޓަކައި މުޖުތަމައުގައި ބޮޑަށް ތިބޭ ފަރާތްތައް މިސާލަކަށް ނަގަން ޖެހޭނެ ކަމަށެވެ. "ބޮޑު ސޯބު އެނބުރޭ ފަދައިން ޚުދަ ސޯބު އެނބުރެޔޭ ބުނާ ބުނުން އެނގޭނުންތޯ. އެހެން ކަމުން އަޅުގަނޑުމެން ބޮޑަށް ތިބި ފަރާތްތަކުން ވާން ޖެހޭ ކުޑަ ކުދިންނާއި ޒުވާނުންނަށް ރަނގަޅު ނަމޫނާ އަކަށް. އޭރުން އެ ކުދިންނަކީ ދީނީ ގޮތުން ވަރުގަދަ އަދި ގައުމިއްޔަތަށް ލޯބި ކުރާ ބަޔަކަށް ހެދޭނީ." ޝަމީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ