ދިރާސާއަށް ސާމްޕަލް ދިނުން ދެން ކުރިއަށް ދާނީ ހޮނިހިރު ދުވަހު ހަވީރު: އެޗްޕީއޭ

މާލޭ ސަރަހައްދުގައި ކޮވިޑް ބައްޔަށް މީހުން ހުށަހެޅިފައިވާ މިންވަރާއި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ކުރެވޭ ސީރޯސާވޭލަންސް ދިރާސާއަށް ގުރުއަތުން ހޮވާލެވިފައިވާ ބައިވެރިން ސާމްޕަލް ދިނުމަށް ދެން އަންނަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، ކުރިއަށް އޮތް ބުރާސްފަތު ދުވަހާ ހުކުރު ދުވަހަކީ ބަންދު ދުވަހެއް ކަމުން އެ ދުވަސްތަކުގައި ސީރޯސާވޭލަންސް ދިރާސާއަށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެ ކަމަށެވެ. އެހެންކަމުން ދެން ސާމްޕަލް ނަގާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 7:00 އާ ދެމެދުގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި ޓެސްޓުކުރުމަށް މާލޭ ސަރަހައްދުގެ ބައެއް ތަންތަނުގައި ސްޓޭޝަންތަކެއް ބެހެއްޓީފައި ހުންނާނެއެވެ. އެގޮތުން މާލޭގައި ސްތޭޝަންތައް ގާއިމްކޮށްފައި ހުންނާނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައެންސަސް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަން ގައެވެ. ހުޅުމާލޭގައި ޖެމްސް ޕްރީސްކޫލްގައި ސްޓޭޝަން ހުންނައިރު ވިލިމަލޭގައި ސްޓޭޝަން ހުންނާނީ ވިލިމީލެ ހޮސްޕިޓަލް ގައެވެ. މީގެ އިތުރުން ގުރުއަތުން ހޮވާލެވޭ ބަލިހާލު ހުރިގޮތުން ޓެސްޓް ކުރާތަނަށް ނާދެވޭ ހާލަތެއްގައި ހުރިނަމަ، ގެއަށް ގޮސް ސާމްޕަލް ނަގައި ދިނުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިދިރާސާއަށް ބޭނުންވާ ޓެސްޓު ހަދާނީ 3 މިލިލީޓަރުގެ ލޭ ނަގައިގެންނެވެ. ލޭ ނަގާނީ މިކަމަށް ތަމްރީނު ލިބިފައިވާ ސިއްހީ ދާއިރާގެ މީހުންނެވެ. ލޭ ނެގުމުގައި ހުރިހާ ކަމެއް ބަހައްޓާނީ ޑަބްލިޔު.އެޗް.އޯގެ ސަލާމަތީ މިންގަޑާއި އެއްގޮތަށެވެ.
މި ދިރާސާގައި ބައިވެރިވާ މީހާގެ ނަތީޖާއިން އެމީހެއްގެ ހަށިގަނޑަށް މި ބަލި ހުށައެޅިފައި ވޭތޯއާއި އެ ވައިރަސްއަށް ހަށިގަނޑުގައި ދިފާއީ ބާރު ހުރިތޯ އެނގޭނެއެވެ. އަދި އެ މީހެއްގެ ނަތީޖާ އެމީހަކާ މެސެޖުން ހިއްސާކުރެވޭނެއެވެ. މި ދިރާސާގައި ގުރުއަތުން ހޮވާލެވޭ ބައިވެރިން ދިރާސާގައި ބައިވެރިވުމުގެ އެއްވެސް އިއުތިރާޒެއް ނެތްނަމަ، ލޭ ނަގަން ދާންޖެހޭނެ ދުވަހާއި ގަޑި ފޯނަށް މެސެޖަކުން ފޮނުވާނެއެވެ. އަދި ދިރާސާގެ ނަތީޖާއާ ގުޅިގެން ބައިވެރިވި މީހާ އިތުރު ކަމެއްކުރާކަށް ނުޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ