އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގައި ފައިޒަރ ކޮވިޑް ވެކްސިން ދޭން ފަށަނީ

ކޮވިޑް-19 ބަލިން ދިފާއުވުމަށް ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ގައުމީ ވެކްސިން ދިނުމުގެ ހަރަކާތުގެ ތެރެއިން އަންނަ އާދިއްތަ ދުވަހުން ފެށިގެން ފައިޒަރ ވެކްސިން ދޭން ނިންމައިފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ އެޕްރީލް 11ވާ އާދިއްތަ ދުވަހުން ފެށިގެން ފައިޒަރ ވެކްސިން ދޭނެކަމަށާއި، ވެކްސިން ދެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެންކަމަށެވެ.
މި ވެކްސިން ލިބޭ އާ ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ 16 އަދި 17 އަހަރުގެ ކުދިން، 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތައް، އަދި 18 - 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ ފަރާތްތަކެވެ.
މި ވެކްސިން ޖެހުމަށް އެޗް.ޕީ.އޭ ގެ ވައިބަރ/ޓްވިޓަރ އެކައުންޓްގައިވާ ގޫގްލް ފޯމެއް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ. ދިވެހިރާއްޖެއަށް ކޮވެކްސް ފެސިލިޓީން ވަނީ ފައިޒަރ ވެކްސިންގެ 5850 ޑޯޒް ލިބިފައެވެ.
ދިވެހިރާއްޖޭގައި ހިންގަމުންދާ ކޮވިޑް-19 ވެކްސިނޭޝަން ކެމްޕެއިންގައި ފައިޒަރ ވެކްސިން ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މާޗްމަހުގެ 15ވަނަ ދުވަހުގައި ވަނީ ދީފައެވެ. މިއީ ޑަބްލިޔުއެޗްއޯގެ އިމަރޖެންސީ ޔޫޒް ލިސްޓިންގގައި އެންމެ ފުރަތަމަ ހިމެނި ވެކްސިންކަންވެސް ފާހަގަކޮށްލެވެއެވެ.
ފައިޒަރ ވެކްސިނަކީ އެމްއާރއެންއޭ ބާވަތުގެ ވެކްސިނެކެވެ. މި ވެކްސިން ހަށިގަނޑަށް ޖެހުމުން އެމްއާރުއެންއޭ ކިޔާ ބޮޑީ ޖެނެޓިކް މެޓީރިއަލެއް ހަށިގަނޑަށް ތަޢާރަފުކޮށްދޭނެއެވެ. މީގައި ކޮރޯނާ ވައިރަހުގެ ސްޕައިކް ޕްރޮޓީން އުފެއްދުމުގެ އިންސްޓްރަކްޝަންތައް ހިމެނިގެންވެއެވެ. މި ޕްރޮޓީންތަކުގެ ރައްދުގައި ހަށިގަނޑުގެ ދިފާޢުތައް އެކްޓިވޭޓްވެގެންދެއެވެ.
މި ވެކްސިނަކީ ވަކި ފިނިހޫނުމިނެއްގައި ބަހައްޓާ ގެންގުޅެން ޖެހޭ ވެކްސިނެކެވެ. އެހެންކަމުން މި ވެކްސިން ގެނައުމުގެ ކުރިން ބޭނުންވާނެ ކޯލްޑް ޗެއިން އަދި ލެބޯޓްރީ ސަޕްލައިތައް މިދިޔަ މަހުގެ ތެރޭގައި ޑަބްލިޔުއެޗްއޯއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ