ކާނިވާ ސަރަޙައްދުގައި ހުރި ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކޮށްދޭން ނިންމައިފި

ކާނިވާ ސަރަޙައްދުން ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރުމަށާއި، މުއްދަތުހަމަވާ އެއްބަސްވުންތައް ބާތިކުރުމަށް ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކާނިވާ ސަރަޙައްދުގައި ހުރި ބިންތައް ބެލެހެއްޓުމުގެ މަސައްކަތް ހަވާލުވެފައިވަނީ ސިޓީ ކައުންސިލާކަމަށް އެކައުންސިލުން ވިދާޅުވެއެވެ.
ކާނިވާ ސަރަޙައްދުގައި ހުރި ބިންތައް ހަވާލުކުރުމުގައި، ބިންތަކުގައި ކުރާ ވިޔަފާރިތަކުގެ އެއްބަސްވުން ބެލެހެޓުމުގެ ބައެއް މަސައްކަތްތައް މާލެ ސިޓީ ކައުންސިލްއާއިވަނީ ހަވާލުކޮށްފައެވެ. ކައުންސިލުން ވިދާޅުވީ އެ ސަރަޙައްދުގައި މިހާރު ހިންގަމުންދާ ކެފޭ ތަކާއި އެނޫންވެސް ތަންތަނަށް ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވެފައިވާނަމަ އެތަންތަން ހުސްކުރުމާއި، އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް އެއްބަސްވުމެއްގެ މުއްދަތު އިތުރުނުކުރުމާއި، އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާ ފަރާތްތަކުގެ އެއްބަސްވުން ބާޠިލްކުރުމަށް ކައުންސިލަށް މަތިކޮށްފައިވާކަމަށެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ މި މަސްއޫލިއްޔަތު، ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ މާލެ ރީ ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކާނިވާ ސަރަޙައްދަށް އެކުލަވާލާފައިވާ ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ ތެރެއިންކަމަށެވެ.
ކާނިވާ ސަރަޙައްދުގައި ހުރި ބިންތައް ސިޓީ ކައުންސިލާއި ހަވާލުކުރުމާ ގުޅިގެން އެތަނުގެ އެއްބަސްވުންތައް ދިރާސާކޮށް، އެއްބަސްވުންތަކާ ގުޅިގެން ހޯދަންޖެހޭ އިތުރު ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރުވަނީ ކޮށްފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ ބިންތަކާމެދު ޢަމަލުކުރާނީ ސަރުކާރުން ބިންތައް ހަވާލުކުރިއިރު ހަމަޖައްސާފައިވާ އުސޫލުގެ ތެރެއިންކަމަށެވެ. އެގޮތުން މިހާރު އޮތް އެއްވެސް ބިމެއްގެ މުއްދަތު އިތުރު ނުކުރެވޭނެކަމާއި، މުއްދަތު ހަމަވެފައިވާ އެއްބަސްވުންތައް ބާޠިލުކުރާނެކަން ސިޓީ ކައުންސިލުންވަނީ އަންގާފައެވެ. މިފަދަ ތަންތަނާ ބެހޭ މަޢުލޫމާތު ސިޓީ ކައުންސިލްގެ ވެބްސައިޓްގައި ހާމަކުރަމުންދާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މީގެއިތުރަށް ކާނިވާ ސަރަޙައްދުގެ އިރު ދެކުނުފަރާތުގައި ހުރި ގުދަންތައް ހުސްކުރުމަށްވެސްވަނީ އަންގާފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ ގުދަނުގެ ވެރިން ހޯދުމަށް މިމަހު އިޢުލާންވެސް ކުރިކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން މިކަމާ ގުޅޭ މަޢުލޫމާތެއް ސިޓީ ކައުންސިލަށް އަންގާފައި ނުވާކަމަށެވެ. އެހެންކަމުން 3 މަރޗްގެ ކުރިން ގުދަންތަކުގައި ހުރި މުދާ ނެރެ އެތަކެތި ގެންގޮސް، ގުދަން ހުސްކުރުމަށްވަނީ އަންގާފައެވެ. މި މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާމެދު ކައުންސިލުން ނިންމާގޮތެއްގެ މަތިން ޢަމަލުކުރާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ