ރައީސް އަބްދުﷲ ޔާމީން 2018 ގެ ރިޔާސީ ކެމްޕެއިންނަށް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ މަތިންދާ ބޯޓްގައި ކަމަށް ޕީޕީއެމް ޕާލިމެންޓަރީ ގުރޫފްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުދަދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި ޕީޕީއެމް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ދެވަނަ ދައުރަކަށް ވަރަށް ސާފު، ސާދާކޮށް ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމަށް ތައްޔާރުވެވަޑައިގެން ކަމަށާއި އަދި އެ ކެމްޕެއިންނަށް ކުޅުދުއްފުއްޓަށް އެމަނިކުފާނު ވަޑައިގަންނަވާނީ މަތިންދާ ބޯޓްގައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެ ކެމްޕެއިންނަށް އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ މަތިންދާ ބޯޓްގަ. އަދި އަޅުގަނޑު ދުނިޔޭގަ ހުރެއްޖެކަމަށްވާ ނަމަ ރޮއިހޭރި އާދާސްކޮށްގެން ނަމަވެސް އެ މަނިކުފާނާއެކުގައި އެބޯޓްގައި މިރަށްށަށް ޖެއްސޭތޯ އަޅުގަނޑު މަސައްކަތްކުރާނަން،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެމްޕެއިން ޓީމުން ކުޅުދުއްފުއްޓަށް ވެފައިވާ ވައުދެއްގެ ވާހަކައަކީ ރައީސް ޔާމީން ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމެއް ކަމަށާއި އެކަން އެ ސޯޝަލް މީޑީއާ މެދުވެރިކޮށް ކުރާ ޓްވީޓްތަކުންނާއި ފޭސްބުކްއަށްލާ ސްޓޭޓަސްތައް ބައްލަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަމަށެވެ
”މިކުޅުދުއްފުށީގެ އެއާޕޯޓްގެ ހަބަރެއް ވޭތޯ މިރަށުން ބޭރު މީހެއްގެ ހައިސިއްޔަތުން އެންމެ ގިނައިން އެކަމަށް ޝައުގުވެރިވާ އެކަކަކީ އަޅުގަނޑު. ތިޔަ އިޒައްތެރި ރައްޔިތުން ގާތު ބުނެލަން ބޭނުންވޭ މިއީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެކޭ” ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓް ލަސްވިކަން އެމަނިކުފާންވެސް ގަބޫލުފުޅުކުރައްވާ ކަމެއް ކަމަށާއި އެކަމުގައި ތަފާތު ބައިވަރު ސަބަބުތައް އެބަހުރިކަމަށެވެ.
"ކުޅުދުއްފުށީގައި އެއާޕޯޓެއް ގާއިމްކުރުމަކީ ރައީސް ވެސް ކޮންމެހެން ކުރަން ބޭނުންވެ އަދި ނުކުރެވި އޮތްކަމެއް. އެކަން ނުވެ އޮތުމުގައި ބައިވަރު ސަބަބުތައް އެބަހުރި، އެވާހަކަތަކާއި އެ ފަސާނާ އަލުން ބަލުން އެ ސަފްހާތަކާއި އެޑައިރީތަކަށް ނުގޮސް ކުރިމަގުގައި މިތާ އަވަހަށް މިކަން ނިންމުމުގެ އަޒްމު ފިޔަވާ އިތުރު އެއްވެސް އަޒްމެއް މިހާރަކު އެއްވެސް މީހެއްގެ ނެތް," ނިހާން ވިދާޅުވި އެވެ.
2018 ގެ ކެމްޕެއިންނަށް ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ މަތިންދާ ބޯޓްގައި - ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ