ލަންކާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މައުމޫން މާލެ ވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސްރީ ލަންކާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ މާލެ ވަޑައިގެންފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މައުމޫން ލައްކާ އަށް ފެއްޓެވި ދަތުރުފުޅުގައި ވަނީ އެ ގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ. އަދި ލަންކާގެ އެހެން ބައެއް ސިޔާސީ ފަރާތްކުގެ އިތުރުން ވިޔަފާރީގެ ދާއިރާގެ ފަރާތްތަކާ ވެސް މައުމޫން ބައްދަލު ކުރެއްވި ކަމަށް ސެކްރެޓޭރިއޭޓް އޮފް ދަ ފޯމަ ޕްރެޒިޑެންޓް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ޔޫއޭއީގެ ސަފީރު މަހުމޫދު މުހަންމަދު އަލް މަހުމޫދު، މައުމޫންގެ ޝަރަފުގައި ބޭއްވެވި ފަރިއްކޮޅެއްގައި ވެސް އެ މަނިކުފާނު ބައިވެރިވެ ވަޑައިގެންނެވި އެވެ. އިއްޔެ އޮތް މި ފަރިއްކޮޅުގައި ލަންކާ ސަރުކާރުގައި ތިއްބަވާ މުސްލިމް މިނިސްޓަރުންނާއި ރާއްޖެ އަށް ކަނޑައަޅާފައިވާ އަރަބި ގައުމުތަކުގެ ހުރިހާ ސަފީރުން ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް މައުމޫންގެ ސެކްރެޓޭރިއޭޓުން ބުންޏެވެ.
މައުމޫންގެ މި ދަތުރުފުޅުގައި ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ވެސް ޒިޔާރަތް ކުރެއްވި އެވެ.
ލަންކާއިން ފުރާވަޑައިގެންނެވުމުގެ ކުރިން މައުމޫން ވަނީ ލަންކާގެ ރައީސަށް ޝުކުރުގެ ސިޓީފުޅެއް ފޮނުއްވާފައި ކަމަށް މައުމޫންގެ ސެކްރެޓޭރިއޭޓުން ބުންޏެވެ. އެ ސިޓީފުޅުގައި ލަންކާ ސަރުކާރުން މައުމޫނަށް ދެންނެވި ހޫނު މަރުހަބާއަށްޓަކައި އަދި ދެއްވި ފުރިހަމަ މެހުމާންދާރީއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި ކަމަށް މައުމޫންގެ ސެކްރެޓޭރިއޭޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ