ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ގާސިމް ދޫކޮށްލަން ހައިކޯޓުން ކުރި އަމުރާއެކު ގާސިމް މިނިވަންވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ ގާސިމްގެ ބަންދަށް ހަ ދުވަސް ޖަހާފަ އެވެ.
ގާސިމްގެ ބަންދަށް ހަ ދުވަސް ޖެހި މައްސަލަ ގާސިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބުދަ ދުވަހު އެ ކޯޓުން ވަނީ ގާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ޚިލާފަށް ކަމަށް ފާހަގަކޮށް، ގާސިމް މިހިނދުން މިހިނދަށް ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރުން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށް ވެސް އެ މާއްދާގައި ބުނެފައި ވެއެވެ.
ހައިކޯޓުން ނެރުނު އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، ގާސިމްއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ފެނިގެން ނުވަތަ ކުށުގެ ވެށިން ނޫން ކަމަށެވެ.
އަދި ގާސިމް ހައްޔަރުކުރީ ހައްޔަރުކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ފުލުހުން ހުށަހެޅި ފޯމާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންކަން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ އަމުރަކީ ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫން ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އެހެންކަމުން ގާސިމް ބަންދުކޮށްފައި ހުރީ ގާނޫނާ ޚިލާފަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި ވަކީލުން ވެސް ވަނީ ގާސިމް ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް އެދި ފުލުހުންގެ ފަރާތުން އެ އޮފީހުގައި އެދިފައިނުވާ ކަމަށާއި، ގާސިމް ހައްޔަރުކުރި އަމުރަކީ ފުލުހުން އަމިއްލައަށް ކްރިމިނަލް ކޯޓުގައި އެދިގެން ނެރުނު އަމުރެއް ކަމަށް ވިދާޅުވެފަ އެވެ.
ތަފްސީލު އަންނަނީ
ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ