މިއަދުން ފެށިގެން ކަނޑުމަހުގެ އިމްޕޯޓް ޑިއުޓީ ކަނޑާލަން އިނގިރޭސިވިލާތުން ނިންމުމުން، ރާއްޖޭން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައަޅާފައި ހުންނަ ސަފީރު، ނިކް ލޯ ވަނީ މި ބަދަލުގެ ސަބަބުން އެ ގައުމުގައި މަހުގެ އަގުތައް ހެޔޮވެ، ދިވެހި މަހަށް އިނގިރޭސި މާކެޓުގައި ރަނގަޅު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ އަގުހެޔޮކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި ދޮށީގެ މަހަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
ތަފްސީލް - ލޯގެ މިވާހަކަތަކަށް ޖަވާބު ދެއްވަމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުހައްމަދު މުުއިއްޒު ވަނީ އިނގިރޭސި ސަރުކާރުގެ މި ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ:
މިއީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށް ލިބޭނެ ލުޔެއްގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރާނެ ބޮޑު ފައިދާއެއް ކަމަށް
އޭގެ ސަބަބުން، މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ވިދާޅުވި
ރައީސް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ، ދޮށީގެ މަސްވެރިކަމުގެ ނަމޫނާ ގައުމެއް ކަމަށާއި މިއީ ޒިންމާދާރު އަދި ދެމެހެއްޓެނިވި މަސްވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
"މި ތާރީހީ ނިންމުމުން ހާމަވަނީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުމާއި ދެމެހެއްޓެނިވި ވިޔަފާރި އާއި އިގްތިސާދީ ކުރިއެރުމަށް ދެ ގައުމުން ދޭ އަހަންމިއްޔަތެވެ." ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އިނގިރޭސިވިލާތުން ކަނޑުމަހުގެ ޑިއުޓީ ކަނޑާލައިފި؛ ރާއްޖޭން މަރުހަބާ ކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ