"އަމާން ދޯދި 16އާ ޖެހިގެން އޮތް ބިމުގައި އަޅާ ޕާކިން ބިލްޑިން ނިމެންދެން، ޕާކުކުރެވޭނެ ޖާގަ ހަމަޖައްސައިދޭނަން"

ހުޅުމާލެ އަމާން ދޯދި ޓަވަރު 16 އާ ޖެހިގެން އޮތް ހުސް ބިމުގައި އަޅަނީ ޕާކިން ބިލްޑިންއެއް ކަމަށާއި, އެތަން ތަރައްގީކުރެވެންދެން އެތަނުގައި ޕާކުކުރާ އުޅަނދުތަކަށް ފަސޭހައިން ޕާކުކުރެވޭނެ ޖާގަ ހަމަޖައްސައިދޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ. އަމާން ދޯދި ޓަވަރު 16 އާ ޖެހިގެން އޮތް ހުސް ބިމަކީ ގިނަ ބަޔަކު ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުންކުރި ބިމެކެވެ. ނަމަވެސް މިފަހުން އެ ބިމުގައި މަސައްކަތްކުރާތީ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕާކުކުރާނެ ޖާގަ ވަނީ ގެއްލިފައެވެ. އަދި އެ ސަރަހައްދުގެ އެކި ދިމަދިމާލުގައި ސައިކަލުތަކާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ހުރީ ޕާކުކޮށްފައެވެ. އަމާން ދޯދި 16އާ ޖެހިގެން އޮތް ހުސް ބިމުގައި ޕާކިން ބިލްޑިން އަޅާތީ ވެހިކަލްތައް ޕާކުކުރާނެ ޖާގަ ނެތިފައި -- ސަން ފޮޓޯ 'ސަން' އަށް މައުލޫމާތު ދެއްވައި ހަމްދާން ވިދާޅުވީ އެ ހުސް ބިމުގައި މިހާރު ކުރަމުންދާ މަސައްކަތަކީ ޕާކިން ބިލްޑިންއެއް އެޅުން ކަމަށެވެ. ކުރިން ވެސް އޮތް ފަދައިން އެތަނުގައި ޕާކިން ބިލްޑިން އިމާރާތްކުރުމުގެ ޕްލޭނަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތަކީ ކުރީ ސަރުކާރުން އިންޑިއާގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އެންބީސީސީ އަދި ކޭޕީއައިއެލް ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފައި އޮތް މަޝްރޫއެކެވެ. ހަމްދާން ވިދާޅުވީ މިހާރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެއްބަސްވުމުގައިވާ ގޮތުން ފުލެޓްތަކަށް ކަނޑައަޅާފައިވާ ޕާކިން ޖާގަ އެކަށީގެންވާ ވަރަށްވުރެ މަދު ކަމަށް ހަމްދާން ވިދާޅުވިއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް -- ސަން ފޮޓޯ އެހެންކަމުން މިހާރު ސަރުކާރުގެ އަމާޒަކީ ކޮންމެ ޔުނިޓަކަށް މަދުވެގެން ދެ ސައިކަލު ޕާކުކުރާނެ ޖާގަ ހަމަޖައްސައިދިނުން ކަމަށް ހަމްދާން ވިދާޅުވިއެވެ. "މިހާރުވެސް އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކޮށްފައި އެބަހުރި. މި އިމާރާތުގެ ތަރައްގީއާއެކު އެކަމަށް ހައްލެއް ލިބިގެންދާނެ،" ހަމްދާން ވިދާޅުވިއެވެ. އެ އިމާރާތުގެ މަސައްކަތް ނިމެންދެން ވަގުތީ ގޮތުން، އެ ސަރަހައްދާ ކައިރި ފުލެޓްތަކުގެ ވެރިންނަށް ފަސޭހައިން ޕާކުކުރެވޭނެ ޖާގަ ހަމަޖައްސައިދޭނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ