އަދަދުން އުފެއްދި "އައިޝާ" ޑޮކިޔުމެންޓްރީގައި ރައީސް މުހައްމަދު މުއިއްޒަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަށް ދައުވާނުކޮށް، އެ ތުހުމަތު ރިޕޯޓުކުރި ނޫސްވެރިންނަށް ދައުވާ ކުރުމުން ސުވާލު އުފެދޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ ބޭއްވި އިވެންޓެއްގައި ނަޝީދު ވިދާޅުވީ ގިނަ ސުވާލުތަކެއް ހުރުމާއެކު އެ ޑޮކިޔުމެންޓްރީގެ ވާހަކަދެއްކުން ހުއްޓާލެވެން ނެތް ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި އެމްޑީޕީއިން އިހްތިޖާޖުގައި ދެމިއޮންނަން ޖެހޭ ކަމަށެވެ.
"އަދަދު ނޫހުގައި ޝާއިއުކުރެވުނީ ހަބަރެއް، ޑޮކިޔުމެންޓްރީއެއް. މަސްދަރަކުން މި ހަބަރުގައި މި ތުހުމަތު ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު، އެ ބޭފުޅާގެ އޮފީހުގެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ، މުވައްޒަފަކާ އެކުގައި ބަދުއަހްލާގީ އަމަލު ހިންގާފައިވާ ކަމަށް. މިހެން މި ތުހުމަތު ކުރެވުނީމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދެ ނޫސްވެރިއަކަށް ދައުވާ ހުށަހެޅީ،" ނަޝީދު ވިދާޅުވި އެވެ.
އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބައެއް ނޫސްތަކަށް ބުނެފައި ވަނީ ފުލުހުންގެ ތަހުގީގަށް ހާޒިރުކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ދައުވާކުރުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް ގަޒުފްގެ ދައުވާކޮށްފައި ވަނީ އަދަދުގެ ސީއީއޯ ހުސެން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އެކަންޏެވެ.
އެމްޑީޕީގެ އިވެންޓުގައި ނަޝީދު އިތުރަށް ވިދާޅުވީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން "އައިޝާ" ޑޮކިޔުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ރައްޔިތުންގެ މައްޗަށް ނެރުނު އަމުރަށް އަމަލުކުރަމީ އުނދަގޫ ކަމެއް ކަމަށެވެ.
"މިއީ ވަރަށް ދަތި ކަމަކަށް ވެގެން މި ދަނީ. ފުރަތަމަ ވެގެން އުޅޭ ގޮތެއް އޮޅުމެއް ނުފިލާ. ރައީސުލްޖުމްހޫރިއްޔާ މި އަމަލުތަކެއް ހިންގެވި ކަމަށް ބުނާ ކަމަށް ތުހުމަތު ކުރެވޭ ފަރާތާ ގުޅޭ ގޮތުން ދައުލަތުގެ ދައުވާއެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވަނީ. އެހެން ނަމަވެސް މި ދެންނެވި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މުވައްޒަފު އެ ތުހުމަތު ކުރި ކަމަށް ބުނާ ބަސް ރިޕޯޓުކުރި ނޫހަށް އެބަ ދައުވާ ކުރޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި މިކަމެއް އަދި އެއްގޮތަކަށް ވެސް ވާއެއްނުވާއެއް އަޅުގަނޑުމެންނަކަށް ސާފެއް ނުވޭ،" ނަޝީދު ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ވެސް ގަޒްފުކުރި ކަމަށް ދައުލަތުން ތުހުމަތު ކުރާއިރު، އެފަދަ ބަސްމަގެއް ޑޮކިޔުމެންޓްރީގައި ހިމަނާފައި ނުވާ ކަމަށާއި، ނަމަވެސް މުއިއްޒާ ގުޅުން ބަދުއަހުލާގީ އަމަލުތަކެއްގެ ވާހަކަ ހުރި ކަމަށް އެމަނިކުފާނު ނަޝީދު ވިދާޅުވި އެވެ.
"އައިޝާ" ޑޮކިޔުމެންޓްރީ މައްސަލައިގައި މުއިއްޒުއާ ސުވާލުކުރުމުން، އެ ރޭ ފުލުހުން ފޮނުވައި އަދަދު އޮފީހުގެ ކޮމްޕިއުޓަރުތަކާއި އެހެނިހެން އިލެކްޓްރޯނިކް ސާމާން ތަހުގީގަށް ކަމަށް ބުނެ ގެންދިޔަ އެވެ. އެކަން ހިނގީ ޑޮކިޔުމެންޓްރީ އާއްމުކުރިތާ މަހެއް ފަހުން، ސުވާލުކުރުމުންނެވެ.
އޭގެ ފަހުން ފިޔާޒް އާއި ހަސަން ތަހުގީގަށް ހާޒިރުކޮށް، ދައުވާ އުފުލައި، މިދިޔަ ހަފުތާގައި ސިއްރު ޝަރީއަތް ފެށި އެވެ. މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އީދު ބަންދަށް ފަހުގައި ކަމަށް ކްރިމިނަލް ކޯޓުން އިއުލާންކުރި އެވެ.
މި ޝަރީއަތް ފެށުމުގެ ކުރިން ކޯޓުން ވަނީ އަނގަ ބަންދުކުރުމުގެ އަމުރުގެ ވާހަކަ ނޫހުގައި ލިޔުމުން އަދަދުގެ ލީވާން އަލީ ނަސީރް 10 ދުވަހަށް ޖަލަށް ލާފަ އެވެ. އަދި މުއިއްޒަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އަދަދުގެ ޝަހުޒާން މުހައްމަދު 15 ދުވަހަށް ޖަލަށްލި އެވެ.
ދެ ނޫސްވެރިން ނުހައްގުން ޖަލުގައި ބަންދުކޮށްފައި ތިބި އިރު، އެ މީހުންގެ ހައްގުތައް ފޯރުކޮށްދެމުން ނުދާތީ ގާނޫނީ ވަކީލުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ކޯޓު އަމުރާ ހިލާފުވެ ދެ ނޫސްވެރިން ޖަލަށްލީ ނަމަވެސް، އެ އަމުރާ ފާޅުގައި ހިލާފުވަމުންދާ އެހެން ފަރާތްތަކާ މެދު ފިޔަވަޅެއް ނާޅާތީ ވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
މުއިއްޒަށް ކުރި ތުހުމަތު ރިޕޯޓުކުރި ނޫސްވެރިންނަށް އެކަނި ދައުވާ ކުރުމުން ނަޝީދުގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ