ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އެކުވެގެން އުފައްދާފައިވާ އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމް) ކުންފުންޏާއި ދައުލަތުގެ ފަރާތުން 112.7 މިލިއަން ޑޮލަރު ހޯދަން، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކުން ކޯޓަށް ހިނގައްޖެ އެވެ.
ގާސިމްގެ ހަތަރު ދަރިންނާއި ވިލާ ޝިޕިންގެ ހިއްސާ އޮންނަ ޑަބްލިއު އެލް ޓީ ޕްރައިވެޓް ލިމިޑެޓުން ދައުލަތާއި އެއިމް ކުންފުންޏާ ދެކޮޅަށް ހައި ކޯޓުގައި ދައުވާކުރީ އެއިމް ކުންފުނިން 2007 ގައި ޑަބްލިއު ކުންފުންޏަށް ތިން ރަށެއް ރިސޯޓް ހެދުމަށް އެވޯޑް ކުރުމަށްފަހު އެ ރަށްތައް ހަވާލު ނުކޮށްގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
އެ މައްސަލަ ޑަބްލިއު އެލްޓީން ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް އެ ކޯޓުން ނިންމީ އެ ކުންފުނިން އެދިފައިވާ ބަދަލުގެ ގޮތުގައި ހިމެނޭ 112.7 މިލިއަން ޑޮލަރު ނަގައި ދެވޭނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް އެ ރަށްތަކުގެ އެޑްވާންސް ކުލީގެ ގޮތުގައި އެއިމް ކުންފުންޏާއި ދައުލަތަށް ލިބިފައިވާ 16.9 މިލިއަން ޑޮލަރު ޑަބްލިއު އެލްޓީއަށް ދޭންޖެހޭނެ ކަމަށް މިދިޔަ ޖެނުއަރީ މަހު އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ނަމަވެސް ބަދަލުގެ ގޮތުގައި 112.7 މިލިއަން ޑޮލަރު ދެވެން ނެތް ކަމަށް ކުރި ހުކުމާ މެދު ހިތްހަމަނުޖެހޭތީ މިދިޔަ މަހު ޑަބްލިއު އެމްޓީން ވަނީ ދަށު ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި އެ މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.
ޑަބްލިއު އެލްޓީން ހައި ކޯޓުގައި އެދިފައިވަނީ އެ ރަށްތައް ހަވާލު ނުކުރުމުގެ ސަބަބުން އޮކްޓޫބަރު 15، 2010 ގެ ނިޔަލަށް ލިބުނު ގެއްލުމުގެ ގޮތުގައި ހޯދަން އެދުނު 122.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް ލިބެންޖެހޭނެ ކަމަށް ނިންމައި ދިނުމަށެވެ. އެ 112.7 މިލިއަން ޑޮލަރަކީ ފައިނޭންސް ކޮސްޓަށް ވާ 7.3 މިލިއަން ޑޮލަރާއި ވަކީލުގެ ފީ އާއި ޑިޒައިނިން ފީއަށް ވާ 59،000 ޑޮލަރާއި ދަތުރު ފަތުރާއި އެހެނިހެން ޙަރަދުތަކަށް ވާ 7،000 ޑޮލަރާއި އޮޕޮޗިއުނިޓީ ކޮސްޓަށްވާ 105.3 މިލިއަން ޑޮލަރު ހޯދުމަށެވެ.
ޑަބްލިއު އެލްޓީގައި ގާސިމްގެ ހަތަރު ދަރިންގެ 20 އިންސައްތަ ހިއްސާ އޮންނައިރު ވިލާ ޝިޕިންގެ 70 އިންސައްތަ އަދި އަހުމަދު ޝަރީފް ކިޔާ މީހެއްގެ 10 އިންސައްތަ ހިއްސާ އޮވެއެވެ. އެ މައްސަލަ ދަށު ކޯޓުގައި ހިނގިއިރު ބައެއް ޝަރީއަތްތަކަށް ސީދާ ގާސިމް ވެސް ހާޒިރުވެފައިވެ އެވެ.
އެއިމް ކުންފުންޏަކީ އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އިތުރުން އެމްޓީސީސީ ހިއްސާވާ ގޮތަށް 2007 ގައި އުފައްދާފައިވާ ކުންފުންޏެކެވެ.
ދައުލަތުގެ ކިބައިން 112 މިލިއަން ޑޮލަރު ހޯދަން ގާސިމް އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކުން ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ