މެމްބަރު ނިހާނަށް ކުއްލި ބޮޑު ބަދަލެއް!

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާނު ޕާޓީ ބަދަލުކުރެއްވީ ހެއްޔެވެ؟ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަން ދޫކޮށްލެއްވީ ހެއްޔެވެ؟ ނިހާނު ބަދަލުވެއްޖެއޭ ބުނުމުން މި ހުރިހާ ސުވާލެއް ވެސް އުފެދޭނެ އެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ނުވެ އެވެ. އުމުރުން 42 އަހަރުގެ ނިހާނަށް އައި ހަމައެކަނި ބަދަލަކީ އޭނާގެ އިސްތަށިގަނޑު "ކުއްލިއަކަށް" ނުރަވުމެވެ. އޭނާގެ މުޅި އިސްތަށިގަނޑު އެއްކޮށް ކަހަލަ ގޮތަކަށް ނުރަވެފައި ވާއިރު، މިއީ އެންމެން ވެސް ހައިރާންވި ކަމެކެވެ. "އަަޅުގަނޑަށް ވެސް ލިބުނީ ހަމަ ވަރުގަދަ ޝޮކެއް. އެއްގޮތަކަށް ވެސް ހިއެއް ނުކުރަން ނިހާނުގެ އިސްތަށިގަނޑު އެ ވަރަށް ނުރަވެފައި ހުރި ކަމަކަށް. މީގެ ކުރިން ދުވަހަކު ވެސް މިހާރު އެހުރި ގޮތަށް ނިހާނުގެ އިސްތަށިގަނޑު ހުއްޓައެއް ނުފެނޭ،" ޕީޕީއެމްއަށް ނިސްބަތްވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވި އެވެ. ވޭތުވެދިޔަ އެތައް އަހަރަކު ނިހާނާ އެންމެ ގާތުގައި އުޅުއްވި ބޭފުޅުންނަށް ވެސް ނިހާނުގެ ކުއްލި ބަދަލުން ހައިރާކަން ލިބުނެވެ. އެހެންވެ އެކަމުން ދެން ތިބި މީހުންނަށް ލިބޭ ހައިރާންކަން ވަކި ކުޑައެއް ނުވާނެ އެވެ. އެހެންވެ އެ ވާހަކަ ވަރަށް ގިނަ މީހުން ދައްކަ އެވެ. އަދި ނިހާނުގެ އިސްތަށިގަނޑަށް އައި ބަދަލު ގަބޫލު ކުރަން ދަތި މީހުން ވެސް އެބަ ތިއްބެ އެވެ. "އެހެން ކުއްލިއަކަށް ވާންވީ ކީއްވެ. އެއީ ނުރަވެފައެއް ނޫން. ކުލަ ޖައްސާފަ ކަމަށް ވެދާނެ،" ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާއިން ނިހާނު ވާހަކަ ދައްކަވަން ހުއްޓައި ފެނުމުން، "ހަވީރު"ގެ ނޫސްވެރިޔަކު ވެސް ބުނެލި އެވެ.  ހަގީގަތުގައި ނިހާނުގެ އިސްތަށިގަނޑު ނުރަވީ ކުއްލިއަކަށް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އުމުރުން 29 އަހަރުން ފެށިގެންގެން ވަރަށް ބޮޑަށް ނުރަ ޖަހަން ފަށައިފި އެވެ. ނަމަވެސް އޭރު އިސްތަށިގަނޑު ކަޅެއް ނުކުރެ އެވެ. ދުވަހެއް ދުވަހަކަށް އިސްތަށިގަނޑުގެ ހުދުކުލަ ގަދަވާން ފެށުމުން، ކަޅުނުކޮށެއް ނިހާނަށް ކެތެއް ނުކުރެއްވުނެވެ.  2009 ގައި ނިހާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް "ބޯ ނުރަވެފައި ހުރި މިންވަރު އިހްސާސް ކުރެވުނީ 2010 ވަނަ އަހަރު އުމްރާއަށް ގޮސް، ބޯ ބޭލުމުން،" ނިހާން ވިދާޅުވި އެވެ. އެތައް އަހަރެއް ވަންދެން އިސްތަށިގަނޑު ކަޅުކުރައްވަމުން ވަޑައިގެންނެވި ނިހާނު މިހާރު ނިންމަވާފައިވަނީ އިތުރަށް އިސްތަށިގަނޑު ކަޅު ނުކުރެއްވުމަށެވެ. އޭނާ ބޭނުންވަނީ މިހާރު ހުންނެވި ސްޓައިލްގައި ދެމި ހުންނަވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ