ސެޕްޓެމްބަރު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް މުހަންމަދު ވަހީދާ އެކު ސިޔާސީ ބައެއް ޕާޓީތަކުން ކޯލިޝަން ހެދި ނަމަވެސް ޕީޕީއެމަށް އެއްވެސް ބިރެއް އަދި ނުރައްކަލެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑު އަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސް މުހައްމަދު ވަހީދާ އެކު ޑީއާރުޕީ އާއި އަދާލަތު އަދި ގައުމީ ޕާޓީގެ ކޯލިޝަނާ ގުޅޭގޮތުން ވިދާޅުވީ ކޯލިޝަން ހަދާ ޕާޓީތަކުގެ މެމްބަރުންގެ އަދަދު މުހިއްމު ނޫން ކަމަށެވެ. އޭގެ އިތުރުން ވެސް ޕާޓީތަކުން ނުކުންނަ ކެންޑިޑޭޓުންނަށް ވޯޓު ލިބޭނީ އެ ޕާޓީތަކުގައި ތިބި މެމްބަރުންގެ އަދަދުން އެކަނި ނޫން ކަމަށާއި އެ ޕާޓީގެ އަދަދު މުހިންމު ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގައި ވޯޓު ދޭނީ ހަމައެކަނި ޕާޓީގެ މެމްބަރުންނެއް ނޫން، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވޯޓުދިނުމުގެ ހައްގު އެބައޮތް. އެހެންވީމާ ޕާޓީތަކުގެ އަދަދަކީ 110،000 ނުވަތަ 120،000 ކަމަށް ވިއްޔާ އޭގެ ޑަބަލް އެބައޮތް ޕާޓީތަކާ ނުގުޅި. އެ މީހުންގެ ވޯޓަކީ ވެސް މުހިއްމު ވޯޓެއް، އެހެންވީމަ އަޅުގަނޑު ދަންނަވާނީ ކޯލިޝަން ހެދުމަކުން އަޅުގަނޑުމެންނަށް ބިރެއް ނުރައްކަލެއް ނެތޭ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ކޯލިޝަން ހެދުމަކީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫން ކަމަށާއި ރިޔާސީ ނިޒާމުގައި އޮންނަނީ ކޮންމެ ކެންޑިޑޭޓަކު ވަކިން ވާދަކުރުން ކަމަށެވެ. ރިޔާސީ ނިޒާމުގެ އެންމެ ފުރިހަމަ ސިފަ އޮތީ އެމެރިކާގައި ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ ކޯލިޝަން ހެދުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށެވެ.
"އެމެރިކާގައި ނޯވޭ ބުނެފައެއް ކޮންމެހެން 50 ޕަސެންޓް ލިބެން ޖެހޭނެއޭ ހޮވިވަޑައިގަންނަވާ ކެންޑިޑޭޓަކަށް. އެމެރިކާގައި މި ބުނަނީ އެންމެ މަތިން ވޯޓު ހޯއްދަވާ ބޭފުޅަކީ ރައީސޭ،" މައުމޫން ވިދާޅުވި އެވެ. "ރާއްޖޭގައި މިވާގޮތަކީ ފުރަތަމަ ބުރުން މިސާލަކަށް އަޅުގަނޑަށް ލިބުނު ސަތޭކައަކުން 40، ރައީސަކަށް ހޮވިވަޑައިގެންނެވި މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ ސަތޭކައަކުން ފަންސަވީސް. އެމެރިކާގައި ނަމަ އަޅުގަނޑު ހުރީހީ ހޮވިފައި. އެކަމަކު 50 ޕަސެންޓް ހޯދަންވީމަ މި ކޯލިޝަން މައްސަލަ މި ޖެހުނީ."
އެމަނިކުފާނު ވިދާޅުވިގޮތުގައި ޕީޕީއެމް ރިޔާސީ އިންތިހާބާ ދިމާލަށް ކުރިއަށް ދަނީ ސާބިތުކަމާ އެކުގަ އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނާއި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ ރައްޔިތުން ގަބޫލުކުރާނެ ހަރުދަނާ، ރަނގަޅު ސިފަތަކެއް ހުރި ދެ ބޭފުޅުން ކަމަށާއި އެހެންކަމުން އެއް ވަނަ މަގާމް ހޯދާނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމާ އެކު އެހެން ޕާޓީތަކުން ކޯލިޝަން ހަދަން ބޭނުން ނުވަނީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޔާމީން ހުންނެވުމުން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރެއްވުމުން މައުމޫން ވިދާޅުވީ ޔާމީން އެ މަގާމަށް ހޮވިވަޑައިގަތި ޕީޕީއެމްގެ ގިނަ ބައެއްގެ ތާއީދާއެކު މިނިވަން، ހާމަކަންބޮޑު ޕްރައިމަރީއަކުން ކަމަށެވެ. ޔާމީނަކީ ތާއީދު އޮތް ގާބިލް ކެންޑިޑޭޓެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރުގެ މަގާމުން ޑރ. ޖަމީލް ވަކިކުރެއްވުމާ ގުޅިގެން މައުމޫން ވިދާޅުވީ ވަޒީރުން ވަކިކުރުމާއި އައްޔަންކުރެއްވުމަކީ ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރެއް ކަމަށެވެ. އެހެން ނަމަވެސް ޖަމީލް ވަކިކުރައްވާފައި އޭގެ ތަފްސީލު ދެއްވައި ރައީސް އޮފީހުގެ އިސް ބޭފުޅަކު ދެއްކެވީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް އޮފީހުން ދިން ބަޔާނުގައި ވެސް ޕީޕީއެމަށް ގަބޫލުނުކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން ޕީޕީއެމް މެމްބަރުން ވެސް ކެބިނެޓްގެ ވުޒާރާގައި މި ހިމެނެނީ ރައްޔިތުންނަށް ހިދުމަތް ދޭން ބޭނުންވާތީ، އެއީ ވަކި ބޭފުޅަކު ރައީސްކަމަށް ކުރިމަތިލައްވާތީ ތައީދުކުރުމަށް އުފެދިފައިވާ ކޯލިޝަން ސަރުކާރެއް ނޫން. އެހެންވީމަ އެ ވިދާޅުވާ މަސްލަހަތު ފުށުއެރުން އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން، މުޅިން ތަފާތު ވާހަކައެއް އެއީ،" މައުމޫން ވިދާޅުވި އެވެ.
އައްޑޫ ސިޓީ އަށް ޕީޕީއެމުން ކުރި ހަތަރު ދުވަހުގެ ދަތުރުގައި އެ ޕާޓީ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ވަހީދާ އެކު ޕާޓީތަކުން ކޯލިޝަން ހެދިޔަސް ޕީޕީއެމަށް ބިރެއްނެތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ