ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރަން އޮތް ހުރަސް، މާސްޓާސް ޑިގްރީ ފުރިހަމަކުރެއްވުމާ އެކު، ނެތިއްޖެ ކަމަށް އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރުގައި ހުންނަ އިނގިރޭސިވިލާތުގެ ހަލް ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސްގެ ފަހު އިމްތިހާންތަކަށް ފަހު އުމަރު ރޭ ރާއްޖެ ވަޑައިގަތުމާ އެކު ޕީޕީއެމްގެ މެންބަރުން އޭނާ އަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.
މީގެ ކުރިން ތައުލީމީ ރޮނގުން ވަކި ކަމެއް ހާސިލްކޮށްގެން އައި ދިވެއްސަކަށް އާންމުން ނުކުމެ މަރުހަބާ ކިޔައި، އަދި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ ކުރިން ހިންގި އިމާރާތުގެ ކުރިމަތީގައި އެ ޕާޓީގެ މެންބަރުން އޭނާގެ ފޮޓޯތައް ހިފައިގެން ތިއްބެވެ. އަދި އެތަނުގައި ބާއްވާފައި އޮތް ލޮރީއަކުން އުމަރުގެ ވީޑިއޯތައް ދައްކައި، ތައުރީފުގެ ލަވަތައް ޖަހަމުން ވެސް ދިޔަ އެވެ.
އެ ސަރަހައްދުގައި ހުންނަވާ އުމަރު ވިދާޅުވީ އޭނާ އެމްބީއޭ ފުރިހަމަކުރެއްވީ ބުރަ މަސައްކަތުން ކަމަށާއި، ރާއްޖެ އައީ އެމްބީއޭގެ އެންމެ ފަހު އިމްތިހާނު ފުރިހަމަކުރެއްވުމަށް ފަހު ކަމަށެވެ.
"އެންމެ ފަހުގެ އިމްތިހާނު ނިންމާފަ މިއައީ. މީގެ ކުރިން ނިންމި ހުރިހާ އިމްތިހާންތަކުން ވެސް ފާސްވި. އެހެންވެ އިރާދަކުރެއްވިއްޔާ މި ނިންމި ހުރިހާ އިމްތިހާނުތަކަކުން ވެސް ފާސްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް،" އީޕީއެސް އިން އޯލެވެލް ހައްދަވައި އަދި ސްރީ ލަންކާގައި އޭ ލެވެލް ފުރިހަމަކުރެއްވި އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު ގޮތެއް ނުނިންމަވައި މަޑުކޮށްގެން ހުންނެވި އެއް ސަބަބަކީ މާސްޓާސް އަށް ކިޔަވާ ވިދާޅުވަމުން ގެންދެވުން ކަމަށާއި، އެހެންކަމުން އެކަމާ މެދު މިހާރު ގޮތެއް ނިންމައި ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި މިއީ ވިޔަފާރީގަ އާއި ސިޔާސީ ދާއިރާގައި އުޅެމުން މާސްޓާސްއެއް ހާސިލްކުރި ފުރަތަމަ މީހާ. މިއީ ވަރަށް ބުރަ ކަމެއް. އެއީ ކޮންމެ މަހެއްގެ 10 ދުވަހު ސިންގަޕޫރު ކެމްޕަހުގައި އަޅުގަނޑަށް ހޭދަކުރަން ޖެހުނު،" އުމަރު ވިދާޅުވި އެވެ.
މާސްޓާސް ފުރިހަމަކުރުމުން ޕްރައިމަރީ އަށް ހުރަހެއް ނެތް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ