އަބްދުﷲ ގާޒީ އިނގިރޭސިވިލާތަށް ދިއުމަށް ތޮލްހަތު ހުށަހެޅި: ހެެއްކެއް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާއި އޭނާގެ އާއިލާ އިނގިރޭސިވިލާތަށް ދިއުމަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ހުށަހެޅުއްވި ކަމަށް ވިދާޅުވެ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ބޭފުޅަކު ހެކިބަސް ދެއްވައިފި އެވެ.
ތޮލްހަތުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި އެގޮތަށް ވިދާޅުވީ އަބްދުﷲ ގާޒީ ގިރިފުށީގައި ސިފައިންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި އޭނާގެ ވެލްފެއާ ކަންކަން ބެލެހެއްޓުމާއި ހަވާލުވެ ހުންނެވި ސިފައިންގެ ސައިކޮލޮޖިސްޓެއް ކަމަށްވާ އައިޝަތު ޒީނާ އެވެ.
ޒީނާ ވިދާޅުވީ އޭނާ ގިރިފުއްޓަށް ދިޔައީ ވެލްފެއާގެ ކަންކަން ހަމަޖައްސައިި ދިނުމަށް ތޮލްހަތު އަންގަވައިގެން ކަމަށެވެ. އަބްދުﷲ ގާޒީއާ އޭނާގެ އާއިލާ އިނިގިރޭސިވިލާތަށް ދިއުމަށް ތޮލްހަތު ހުށަހެޅުއްވީ ޒީނާ ގިރިފުށީގައި ހުންނަވަނިކޮށް ތޮލްހަތު ފޮނުވި މެސެޖަކުން ކަމަށާއި އެމެސެޖު އަބްދުﷲ ގާޒީއަށް ރައްދުކޮށްދެއްވި ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވީ އެ މެސެޖު ރައްދުކުރުމުން އަބްދުﷲ ގާޒީ ވިދާޅުވި ވަކި އެއްޗެއް މިވަގުތު ހަނދާން ނެތް ކަމަށެވެ.
ޒީނާ ވިދާޅުވީ ގިރިފުށީގައި އަބްދުﷲ ގާޒީ ބަންދުގައި ހުންނެވި ދުވަސްވަރު ތޮލްހަތު ގިރިފުއްޓަށް ވަޑައިގެން އަބްދުﷲ ގާޒީއާ ދެ ފަހަރަކު ބައްދަލުކުރެއްވި ކަން އޭނާއަށް އެނގޭ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ސިފައިންގެ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި އައިޖީއެމްއެޗްގެ މިހާރުގެ ސީއީއޯ ފަރުހަތު ޝަހީރު ވެސް މިއަދު ވަނީ ހެކިބަސް ދެއްވާފަ އެވެ.
ފަރުހަތު ވިދާޅުވީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން ތޮލްހަތު ސިފައިންގެ އިސް ބޭފުޅުންނާއެކު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އެބައްދަލުވުމުގައި ސިފައިން ނިކުމެ ބަޔަކު ހައްޔަރުކުރަން ޖެހިދާނެ ކަމަށް ތޮލްހަތު ވިދާޅުވި ކަމަށާއި ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރާ ވާހަކަ އެ ބައްދަލުވުމުގައި ތޮލްހަތު އެއްވެސް ގޮތަކަށް ވިދާޅުނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ތޮލްހަތުގެ އިތުރުން ޓެރެރިޒަމްގެ ދައުވާކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަދި މިހާރު ރައްޔިތުން މަޖިލީހުގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީއާ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ