އޭސީސީއަށް އަޅުގަނޑު ދާނަން، އެބޭފުޅުން އަންނާކަށް ނުޖެހޭނެ: މައުމޫނު

ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅިގެން ސުވާލު ކުރަން އޭސީސީގެ ބޭފުޅުން އަންނަން ނުޖެހޭނެ ކަމަށާއި އެ ކޮމިޝަނަށް ވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅިގެން ރައީސް މައުމޫނާ ސުވާލު ކުރެއްވުމަށް އެމަނިކުފާނު އަރިހަށް ވަޑައިގަންނަވާނެ ކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ ވަނީ ވިދާޅުވެފަ އެވެ. ރައީސް މައުމޫނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު އޭސީސީ އަށް ހާޒިރުވާނެ ކަމަށާއި އޭސީސީން އެމަނިކުފާނު އަރިހަށް އަންނަން ނުޖެހޭނެ ކަމަށެވެ. ރައީސް މައުމޫނު ވަނީ އެމަނިކުފާނު އޭސީސީއަށް ހާޒިރުވާދުވަހު އެތަނަށް ދިއުމަށް މީޑިއާއަށް ވެސް ދައުވަތު ދެއްވައިފަ އެވެ. އަދި ވިދާޅުވެފައި ވަނީ ކަންތައްތައް ހިނގާ ގޮތް އެނގުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އޭސީސީއަށް އެމަނިކުފާނު ހާޒިރުވާ ދުވަހެއް އަދި ސާފެއް ނުވެ އެވެ. ތީމުގޭގެ ހަރަދުތަކާ ގުޅޭ ގޮތުން ކުރީގެ އޮޑިޓާ ޖެނަރަލް އިބްރާހިމް ނައީމް، 2009 ވަނަ އަހަރު ނެރުއްވި އޮޑިޓް ރިޕޯޓުގައި ވަނީ، ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ކޮރަޕްޝަން ހިންގެވި ކަމަށާއި މަގާމުގެ ބާރު ބޭނުންކޮށްގެން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވާފައިވާ ކަމަށެވެ. ރައީސް މައުމޫނަށް ރައްޔިތުން ކުރި އިތުބާރަށް އެމަނިކުފާނު ހިޔާނާތްތެރިވެފައިވާ ކަމަށާއި އެ މަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓުގައި ނައީމް ފާހަގަ ކުރައްވާފައިވެ އެވެ. އެގޮތުން ވަކި ބަޔަކަށް ނުވަތަ އަމިއްލަ ފައިދާއަށް ރައީސް މައުމޫން ދައުލަތުގެ ބަޖެޓުން ހަރަދު ކުރައްވާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެގޮތުން އަމިއްލަ ކަންތައްތަކަށާއި އާއިލީ ކަންކަމަށާއި ގާތްތިމާގެ ބޭފުޅުންނަށް ދައުލަތުގެ ބަޖެޓުން މައުމޫން ކުރެއްވި ހަރަދުތައް އެމަނިކުފާނުގެ އަތްޕުޅުން ހޯއްދަވަން ޖެހޭނެ ކަމަށް އެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ކުރީގެ އޮޑިޓާ ޖެނަރަލް އިބްރާހިމް ނައީމް 2009 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އާންމުު ކުރެއްވި އޮޑިޓް ރިޕޯޓަކީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު ތީމުގެއަށް ދައުލަތުގެ ބަޖެޓުން ކުރި ހަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓެކެވެ. އެ ރިޕޯޓުގައި 1992 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރަށް ރިޔާސީ ގަނޑުވަރު އިމާރާތް ކުރުމަށް ހިންގާފައިވާ ހަރަދުތަކަށް ހިމަނާފައިވެ އެވެ. އަދި 2002 ވަނަ އަހަރު ރައީސް މައުމޫން ބައްލަވައިގަތް ލޯންޗުގެ ހަރަދުތަކަށް ވެސް އެ އޮޑިޓުގައި ބަލާލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ