ފޯކައިދޫ ގެތަކުގެ ކަރަންޓު ފީ ހޯދުމަށް އަނެއްކާ ވެސް ކޯޓަށް

ކަރަންޓުގެ މައްސަލައިގައި ހިޔާލު ތަފާތުވެފައިވާ ށ. ފޯކައިދޫގެ ބައެއް ގެތަކުން މިދިޔަ މަހުގެ ކަރަންޓު ބިލް ނުދައްކާތީ ކަރަންޓު ފީ ހޯދުމަށް ކައުންސިލުން ރަށު ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ، އެ ރަށު އިންޖީނުގެ ޔުޓިލިޓީސްއާ ހަވާލުނުކުރުމުން ކަމަށް ބުނެ، 87 ގެއަކުން މިދިޔަ މަހުގެ ކަރަންޓު ފީ ނުދައްކާ ކަމަށެވެ. އަދި ފީ ދެއްކުމަށް އެދި ތިން ފަހަރެއްގެ މަތިން އެ ގެތަކަށް ޗިޓު ފޮނުވުމުން ވެސް އެކަމަށް އިޖާބަ ނުދިނުމުން ކޯޓު މެދުވެރިކޮށް އެ ފައިސާ ހޯދުމަށް މިއަދު މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑީއާރުޕީގެ މެޖޯރިޓީ އޮންނަ ރަށު ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ކަރަންޓު ފީގެ ގޮތުގައި 67،000ރ އެ ގެތަކުން އިންޖީނުގެ އަށް ދައްކަންޖެހެ އެވެ. ނަމަވެސް އެ ފައިސާ އަނބުރާ ދައްކަން ކޯޓުން އަމުރުކޮށް، އެކަމަށް އިޖާބަ ނުދީފިނަމަ އެ ގެތަކުން ކަރަންޓު ކަނޑާލާނެ ކަމަށް ރާޝިދު ވިދާޅުވި އެވެ.
ކަރަންޓު ފީ ދައްކަން ދެކޮޅުހެދުމާ ގުޅިގެން މިދިޔަ ޖޫން މަހު ވެސް ވަނީ ކައުންސިލުން ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ކަރަންޓު ފީ ނުދައްކާ 91 ގެ އިން ފީ ދެއްކުމަށް އެ ފަހަރު ކޯޓުން އަމުރުކުރި ނަމަވެސް އެކަމަށް އެއްވެސް ބަޔަކު އިޖާބަނުދިނުމުން އެ ގެތަކުން ވަނީ ކަރަންޓު ކަނޑާލާފަ އެވެ. އެކަމަކު މާ ގިނަ ދުވަހެއް ނުވެ، އެ ގެތަކުގެ މީހުން އަމިއްލަ އަށް ޑިސްޓްރިބިއުޝަން ފޮށިތައް ހުޅުވައިގެން އެ ގޭގެއަށް ވަނީ ކަރަންޓު ގުޅައިފަ އެވެ. އަދި އެކަމާ ގުޅިގެން މުޅި ރަށުން ކަރަންޓު ކަނޑާލައި މައްސަލަ ވަރަށް ގޯސްވި އެވެ. އެ ފަހަރު އެ މައްސަލަ ހައްލުވީ 91 ގޭގެ ކަރަންޓު ބިލަށް އެރި 67،000 ރުފިޔާ އަމިއްލަ ފަރާތަކުން ދެއްކުމުންނެވެ.
ފޯކައިދޫގައި ކަރަންޓުގެ މައްސަލަ މިހާރު އަނެއްކާ ވެސް ބޮޑުވެފައިވާ އިރު ރަށުގެ އިންޖީނުގެ ޔުޓިލިޓީސްއާ ހަވާލުކުރަން ފެނޭތޯ ބެލުމަށް ވަނީ ވޯޓެއް ލައިފަ އެވެ. އަދި އެ ވޯޓުގައި 238 މީހުން ބައިވެރިވި އިރު، ގިނަ ބަޔަކު އެދުނީ އިންޖީނުގެ ޔުޓިލިޓީސްއާ ހަވާލުކުރުމަށެވެ. ނަމަވެސް އެ ވޯޓުގައި އިދިކޮޅު ހިޔާލުގެ އެއްވެސް މީހަކު ބައިވެރިވެފައި ނުވާތީ އެ ވޯޓާ މެދު ގޮތެއް ނިންމުމަށް މިއަދު ކައުންސިލުން ބައްދަލުވުމެއް ބާއްވާނެ ކަމަށް ކައުންސިލުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ