ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހިޔާނާތްވި ކަމަށް ބުނާ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ކުރުމަށް ހުށަހެޅުމުން، ކަންތައްތަކެއް ފުރިހަމަ ނުވާ ކަމަށް ބުނެ ޖިނާއީ ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.
ކޯޓުގެ އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވީ ނޮވެމްބަރު 5 ގައި ޕީޖީ އޮފީހުން ހުށަހެޅި ގިނަ އަދަދެއްގެ މައްސަލަތަކެއް، ފުރިހަމަ ކުރަން ޖެހޭ ލިޔުންތަކެއް ނެތުމުގެ ސަބަބުން އަނބުރާ ފޮނުވާލާފައިވާނެ ކަމަށެވެ. އެ މައްސަލަތަކުގެ ތެރޭގައި ނާޒިމާއި ހަމީދުގެ މައްސަލަ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯޓު އޮފިޝަލް ވިދާޅުވީ މައްސަލައަކާ ގުޅިގެން ހުށަހަޅާ ލިޔުންތަކާއި ހެއްކާއި ގަރީނާގެ ގޮތުގައި ހުށަހަޅާ ތަކެތީގެ އަސްލާއި މައްސަލައިގައި ހިމެނޭ މީހުންގެ އައިޑީ ކާޑުގެ ކޮޕީ އާއި އެޑްރެހާއި ޕީޖީ އޮފީހުން ހުށަހަޅާ ތަކެތީގެ ތަފްސީލު އެނގޭނެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް އަންގައި މިދިޔަ ޖުލައި 1 ގައި ޕީޖީ އަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އޭގެ އިތުރުން ޕީޖީ އޮފީހުން ހުށަހަޅާ ތަކެތީގެ ތެރޭގައި މައްސަލައާ ނުގުޅޭ ލިޔުންތަކެއް ހުރެގެން ނުވާނެ ކަމަށް ވެސް އަންގާފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނާޒިމާއި ހަމީދުގެ މައްސަލަ އަނބުރާ ފޮނުވާލީ އޭގެ ތެރެއިން ކަމެއް ފުރިހަމަ ނުވެގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ކަންތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"މީގެ ތެރެއިން ކޮންމެވެސް ކަމެއް އުނިވެގެން އެ ދެ މައްސަލަ އަނބުރާ ފޮނުވާލީ. މިހެން ފޮނުވާލި ވަރަށް ގިނަ އެއްޗެހިތަކެއްގެ ތެރޭގައި އެ ވެސް ހިމެނިގެން ގޮސްފައި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ. "ކޯޓުގެ ހިންގުން ހަރުދަނާކޮށް ރަނގަޅު ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކެއްގެ ތެރެއިން އެ އެއްޗެހި ފުރިހަމަ ކުރަން ޖެހޭ ގޮތަށް އަޅުގަނޑުމެން ނިންމީ."
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގައި ކޮމެންޓެއް ދެވެން ނެތް ކަމަށެވެ.
ކުރީގެ އެޓޯލްސް މިނިސްޓްރީގެ އޯޑިޓް ރިޕޯޓާ ގުޅިގެން ފުލުހުން ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވާފައިވާ އިރު ނާޒިމާއި ހަމީދު ވެސް ވިދާޅުވެފައި ވަނީ އެ ދެ ބޭފުޅުންގެ އެއްވެސް ކަހަލަ މައްސަލައެއް ނޯންނާނެ ކަމަށެވެ. އަދި އެ ދެ ބޭފުޅުންނާ ބެހޭ ގޮތުން ފުލުހުން ދައްކާފައި ވަނީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ނެތިގެން ނާޒިމާއި އަބްދުﷲ ހަމީދުގެ މައްސަލަ ކޯޓުން އަނބުރާ ފޮނުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ