އެމްޑީޕީގެ ހުވަފެންތައް ބެލިމީހުން ސަރުކާރު ބަދަލު ކުރަން ބޭނުންވާ ކަމުގެ ނިޝާންތައް ފެންނަން ފަށައިފި: ތަސްމީނު

ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެ ޕާޓީގެ ބައިވެރިން ދެއްކި ހުވަފެންތައް ބެލި ފަރާތްތައް ލޯ ހުޅުވައި މިހާރުގެ ސަރުކާރު ބަދަލު ކުރަން ބޭނުންވެފައިވާ ކަމުގެ ނިޝާންތައް ފެންނަން ފަށައިފި ކަމަށް ޑީއާރްޕީގެ އިލެކްޓެޑް ލީޑަރު އަދި ޕާލަމެންޓްރީ ގްރޫޕްގެ ވެސް ލީޑަރު އަހުމަދު ތަސްމީނު އަލީ ރޭ ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީން މާލޭގެ ހެދި ގޮނޑުދޮށުގައި ބޭއްވި އާންމު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ތަސްމީނު ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ފަރާތްތަކުން ވަރަށް ބޮޑެތި ހުވަފެންތައް ދެއްކި ކަމަށާއި އޭރު ވެސް ޑީއާރްޕީން އެ ހުވަފެންތައް ބަލައި ނުގަންނަ ކަމަށާއި އޭގެ ހަގީގަތް އޭރު ވެސް ޑީއާރްޕީގެ މެންބަރުން ދެނެތިބި ކަމަށެވެ.
"އެހެންނަމަވެސް ވަރަށް ގިނަ ބަޔަކަށް އެ ހުވަފެންތައް ދައްކަމުން ދިޔައީ. ނަމަވެސް މިއަދު އެ ހުވަފެންތަކުގައި ތިބި ވަރަށް ގިނަ މީހުން ނިދިން ހޭލައި ލޯ ހުޅުވާލައިފި. މިއަދު ކަން ހިނގަމުންދާ ގޮތް އެ ފަރާތްތަކަށް މިހާރު ފެނިއްޖެ. ސަރުކާރުން މިހާރުގެ ކަންތައްތައް ކުރާ ގޮތް އެ ފަރާތްތަކުން މިއަދު ބަލައެއް ނުގަނޭ،" ތަސްމީން ވިދާޅުވި އެވެ.
ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެއްވި ޖަލްސާގައި ތަސްމީނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރި ފަރާތްތަކާއި އެމްޑީޕީ އަށް ނިސްބަތްވާ ހުރިހާ ފަރާތްތައް ވެސް މިއަދު ތާއީދު ކުރަނީ ޑީއާރްޕީ އަށް ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކު ޑީއާރްޕީއާ ގުޅެމުން ވެސް އަންނަ ކަމަށެވެ.
"މިއަދު މި އޮތް އަނިޔާވެރި ސަރުކާ ބަދަލުކުރުމުގެ އަޒުމުގައި އެންމެން ވެސް މިހާރު ތިބީ، މިކަމުގެ ނިޝާންތައް ފެންނަމުން އެބަ ދޭ. ބަދަލުކުރަން އެދޭކަމުގެ ވަރަށް ވަރުގަދަ ސިގްނަލެއް ގިނަ އަދަދެއްގެ ބަޔަކު މިޕާޓީއާ ގުޅުން އެއީ،" ތަސްމީނު ވިދާޅުވި އެވެ.
ތަސްމީނު ވިދާޅުވީ ވަރަށް ކުދިކުދި ވައުދުތަކާއި ކަންކަމުން ފެށިގެން ސަރުކާރުން ކަންތައް ކުރާ ގޮތާއި ސަރުކާރުގެ ހާލަތު އެންމެނަށް މިހާރު އެނގޭ ކަމަށާއި ސަރުކާރުން ވައުދުތައް ނުފުއްދާއިރު ސަރުކާރު ހިންގުމުގެ ހުރިހާ ކަމެއް ވެސް ބޮއްސުންލާފައިވާ ކަމަށެވެ. ކުރާ ކޮންމެ ކަމަކުން އިތުރު މައްސަލަތައް ނުކުންނަކަން އެންމެންނަށް މިހާރު އެނގޭ ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ.
މިހާރު ސަރުކާރުން ހުށަހަޅާފައިވާ ލާމަރުކަޒީ ބިލާ މެދު ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ އެބިލް ދިރާސާކުރަން ނަގާފައިވާ ކޮމިޓީ އަކީ ޑީއާރުޕީ ބޭނުންވާ ގޮތަށް އޮތް ކޮމިޓީއެއް ކަމާއި އެހެންކަމުން ބިލް ފާސްވެގެން އަންނަ އިރު ޕްރޮވިންސްތައް ހަދަން ޖާގަ ނުދެއްވާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ތަސްމީނުގެ އިތުރުން ޕާޓީގެ ހަތަރު ނައިބު ލީޑަރުންނާއި އެހެން ވެސް ބައެއް ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ. ހުރިހާ ބޭފުޅުންގެ ވާހަކަފުޅުގެ ވެސް މައިގަނޑަކީ މިހާރުގެ ސަރުކާރު ބަދަލު ކުރަން ޖެހިފައިވާ ކަމަށާއި އެކަން ކުރުމަށް ޑީއާރްޕީ މަސައްކަތް ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ