އަބްދުﷲ ގާޒީ ހުންނެވީ "ހެޔޮ ހާލުގައި" ކަމަށް އެޗްއާރުސީއެމުން ބުނުމުން ޑީއާރުޕީން ރައްދު ދީފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ވަނީ އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރަން ފަސްޖެހިފައި ކަމަށް ބުނެ ޑީއާރުޕީން އެ ކޮމިޝަނަށް މިއަދު ރައްދު ދީފި އެވެ.
ޑީއާރުުޕީން މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު (އައްޑޫ ޝަރީފު) ހިއުމަން ރައިޓްސް ކޮމިޝަނަށް ބަހުގެ ހަމަލަތަކެއް ދެއްވީ، ގިރިފުށީ ޓްރެއިނިން ސެންޓަރުގައި އެމްއެންޑީއެފުން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދުގެ ހާލު ބެލުމަށް އެ ކޮމިޝަނުން މިއަދު ކުރި ޒިޔާރަތާ ގުޅޭ މައުލޫމާތު މީޑިއާއަށް ހާމަކޮށްފައި ވަނިކޮށެވެ.
އަބްދުﷲ ގާޒީ ހުންނެވީ ހެޔޮ ހާލުގައި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވާތީ، އައްޑޫ ޝަރީފު ވިދާޅުވީ، "ހިސޯރުކޮށްގެން، ވަގަށް ނަގައިގެން، އަނިޔާވެރި ގޮތަކަށް ގެންގޮސްފައިވާ މީހަކު" ހެޔޮ ހާލުގައި ހުންނާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"އެކަމަކު ހިއުމަން ރައިޓްސް ކޮމިޝަނަށް ފެނުނީ ]އަބްދުﷲ ގާޒީ[ ވަރަށް އުފާވެރިކޮށް ހުންނެވި މަންޒަރު. މިއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް. މިއީކީ އެކަމަކު ހައިރާންވާންޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. "ސަރުކާރުން ރާއްޖޭގެ ހުރިހާ މިނިވަން މުއައްސަސާތަކަށް ނުފޫޒު ހިންގައި، ބިރު ދައްކައިި، ބަޑީގެ އުންޑަ ބޮލާ ދިމާލަށް ދިއްކުރީމަ، ހަމަ މިހާރު މި ނުކުންނަ ނަތީޖާ ނުކުންނާނެ ކަމާ ދޭތެރޭގައި ޝައްކެތް ނެތް."
އައްޑޫ ޝަރީފު ވިދާޅުވީ، "ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާ" އަދި "ދިވެހިރާއްޖޭގެ ޖުޑީޝަރީ ނައްތާލައި ފުނޑުފުނޑުކޮށްލުމަށް" ހިންގާ އަމަލުތައް ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކުރުމުގެ ބަދަކުގައި ބަޔާނެއް ނެރުނީ "ވަރަށް ފަނޑު ގޮތަކަށް" އަދި "ވަރަށް ފެން ގޮތަކަށް" ކަމަށެވެ.
އަބްދުﷲ ގާޒީއާ ބައްދަލުކުރުމަށް ފަހު، މީޑިއާއަށް މައުލޫމާތު ދެއްވަމުން ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ، އޭނާއަށް ފޯރުކޮށްދީފައިވާ ހިދުމަތްތައް ވެސް ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބޭރުން ކަމަށް ސުޕްރީމް ކޯޓާއި ހައި ކޯޓު އަދި ކަމާއި ގުޅޭ އެތައް މުއައްސަސާއަކުން ވަނީ ބުނެފަ އެވެ. އަދި އޭނާ ދޫކޮށްލުމުގެ އަމުރު ވަނީ ސުޕްރީމް ކޯޓުން ނެރެފަ އެވެ. އެކަމަކު އެއަށް އެމްއެންޑީއެފުން ތަބާނުވާތީ ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އެ މުއައްސަސާއަށް އަމާޒުވެފަ އެވެ.
އަބްދުﷲ ގާޒީ ހުންނެވީ ހެޔޮ ހާލުގައި ކަމަށް އެޗްއާރުސީއެމް އިން ބުނިއިރު، އޭނާ ގެންދިޔަ ތަނަކާއި ބެހޭ މައުލޫމާތު އާއިލާއަށް ދީފައި ވަނީ 48 ގަޑިއިރުވާން ކައިރިވެފައި ވަނިކޮށެވެ. އަދި ހައްޔަރުކުރިތާ 24 ގަޑިއިރުވުމުން، އަބްދުﷲ ގާޒީ ހުރި ތަނެއް ބެލުމަށް އާއިލާއިން ފުލުހުންގެ އިދާރާ އަށާއި އެމްއެންޑީއެފަށް ދިއުމުން ޖަވާބުދާރީ ނުވި ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ