ޕޭ ކޮމިޝަންގެ މެޖޯރިޓީ އޮންނަންވާނީ ސަރުކާރަށް: ގާސިމް

ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ދައުލަތުގެ މުސާރައަށް ބަދަލު ގެނައުމަށްޓަކައި މަޖިލީހުން ދިރާސާ ކުރަމުންދާ "ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު"ގައިވާ ޕޭ ކޮމިޝަންގެ މެޖޯރިޓީ އޮންނަން ޖެހޭނީ ސަރުކާރަށް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ދިރާސާ ކުރަމުންދާ މުސާރައިގެ ސިޔާސަތުގެ ބިލާ ބެހޭ ގޮތުން ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީއެއްގެ މައްޗަށް ބުރަވެ، ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޭނުންވާ ގޮތަކަށް ބަދަލު ގެނެވޭނީ ޕޭ ކޮމިޝަނަކީ ސަރުކާރަށް މެޖޯރިޓީ އޮންނަ ތަނަކަށް ވެގެން ކަމަށެވެ.
އަދި އެ ކޮމިޝަނަކީ މުވައްޒަފުންގެ އޮނިގަނޑާއި މުވައްޒަފުން މަދުކުރުމާއި އިތުރުގެ ކުރުމުގެ ބާރު ލިބެންޖެހޭނެ ކޮމިޝަނަކަށް ވެގެން ނުވާނެ ކަމަށާއި އެ ކޮމިޝަން ވާންޖެހޭނީ ހަމައެކަނި މުސާރައިގެ އުސޫލުތައް ބަޔާން ކުރާ ކޮމިޝަނަކަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލާ ބެހޭ ގޮތުން އޮޑިޓާ ޖެނަރަލްގެ އޮފީހުން ކޮމެޓީއަށް ފޮނުވި ރިކޮމަންޑޭޝަނުގައި ވަނީ އެ ބިލު ދިރާސާކޮށް ނިންމާއިރު، ޕޭ ކޮމިޝަނަށް ލިބިދޭ ބާރުގެ ތެރޭގައި މުސާރައިގެން އޮނިގަނޑާއި މުވައްޒަފުންގެ ކަނޑައެޅުމުގެ އޮނިގަނޑަށް ބާރު ފޯރުވެންޖެހޭނެ ކަމަށެވެ.
މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 11 މެންބަރުންގެ ޕޭ ކޮމިޝަންގެ ޗެއާ ކުރައްވާނީ ބިލުގައިވާ ގޮތުން ފިނޭންސް މިނިސްޓަރެވެ.
މަޖިލީހުން ޑްރާފްޓްކޮށްފައިވާ މުސާރައިގެ ސިޔާސަތުގެ ބިލުގައިވާ ގޮތުން ކޮމިޝަންގެ މެޖޯރިޓީ ލިބިގެންވަނީ ދައުލަތުގެ އެގްޒެކްޓިވް ބާރަށެވެ. ނުވަތަ ސަރުކާރަށެވެ. ބިލު ދިރާސާ ކުރެއްވި ކޮމެޓީގެ މެންބަރުން ވެސް އެއްބަސްވެ ވަޑައިގެންނެވީ ޕޭ ކޮމިޝަންގެ މެޖޯރިޓީ ކޮންޓްރޯލް ކުރަންޖެހޭނީ ސަރުކާރުންނެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަޖިލީހަށް ހުށަހަޅުއްވާފައިވާ މުސާރައިގެ ސިޔާސަތުގެ ބިލުގައިވާ ގޮތުން ޕޭ ކޮމިޝަންގެ މެންބަރުންގެ މުއްދަތަކީ ހަތް އަހަރެވެ.
މިއަދު ބޭއްވި އިގްތިސާދީ ކޮމެޓީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ކޮމެޓީން ދިރާސާ ކުރަމުންދާ އަށް ބިލެއްގެ މަސައްކަތް ނިންމާލާނީ މިއަހަރުގެ ނޮވެންބަރު މަހުގެ 30 ގެ ނިޔަލަށް ކަމަށެވެ. އެ ބިލުތަކުގެ ތެރޭގައި އާބިޓްރޭޝަންގެ ބިލާއި ރަހުނުގެ ބިލާއި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ބިލާއި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ބިލު ހިމެނެ އެވެ.
މިއަދުގެ ބޭއްވި އިގްތިސާދީ ކޮމެޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ ކިނބިދޫ ދާއިރާގެ މެންބަރު އަދި ކޮމެޓީގެ މުގައްރިރު މޫސާ ޒަމީރު ތިނަދޫ ދާއިރާއިގެ މެންބަރު މުހައްމަދު ގަސަމް އާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއާއި މާމިގިލީ ދާޢިރާގެ މެންބަރު ގާސިމް އިބްރާހިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ