މުލީއާގޭގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ ސަބަބުން ކަރަންޓު ބިލްގެ 50 ޕަސެންޓް ސަލާމަތް ކުރެވޭނެ: ޕްރެސް ސެކްރެޓަރީ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދިރިއުޅުއްވާ މުލީއާގޭގައި ހަރުކުރި ސޯލާޕެނަލްތަކުގެ ސަބަބުން އެ ގެކޮޅުގެ ކަރަންޓުގެ ބިލްގެ 50 ޕަސެންޓް ސަލާމަތް ކުރެވޭނެ ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސަންގެވިޓީގެ ފަރާތުން ހަދިޔާކުރި ސޯލާ ޕެނަލްތައް މުލީއާގޭގެ ފުރާޅުގައި ރައީސް ނަޝީދު ހަރުކޮށްދެއްވީ ބުރާސްފަތި ދުވަހުގެ ހެނދުނު 30: 7 ގަ އެވެ.
ޕްރެސް ސެކްރެޓަރީ ވިދާޅުވީ މުލީއާގޭގައި ސޯލާ ޕެނަލްތައް ހަރު ކުރެއްވުމަކީ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އޭގެ ސަބަބުން މުލީއާގޭގެ ކަރަންޓު ބިލް ވަރަށް ބޮޑުތަން ކުޑަވެގެން ދިއުމަކީ ފާހަގަ ކުރެވޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރަކު ގާތްގަނޑަކަށް 153،000ރ. ވަރު އެބަ ސަލާމަތް ކުރެވޭ،" ޒުހައިރު ވިދާޅުވި އެވެ. "އަދި މިއީ ރާއްޖޭގެ ވެރިއަކު އެއްވެސް ގެއެއްގައި ސޯލާ ޕެނަލްތަކެއް ހަރުކޮށްދެއްވި ފުރަތަމަ ފަހަރު. އެހެންވީމަ މިއީ ވަރަށް ތާރީހީ ކަމެއް."
ސޯލާ ޕެނަލްތައް ހަރުކޮށްދެއްވުމަށް ފަހު މުލީއާގޭގެ ފުރާޅުން ފައިބައި ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މުލީއާގޭގައި ކަރަންޓް އުފައްދައި ވިއްކުމުގެ ހުއްދައެއް ހޯދަންޖެހޭ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ޖަނެރޭޓަރު ބެހެއްޓުމާއި މި ބާވަތުގެ ކަންތައްތަކަކީ ސްޓެލްކޯ އަށް ހާއްސަ ގޮތެއްގައި އުސޫލެއްގެ ގޮތުގައި ދެވިފައިހުރި ކަންތައްތަކެއް. ކަރަންޓް އުފައްދައި ވިއްކުމުގެ އުސޫލެއް އަޅުގަނޑުމެން ގާއިމްކުރަން އެބަޖެހޭ. އެހެން ނަމަވެސް ކަރަންޓް ގަންނަ ފަރާތަކީ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް މި ރޭވިފައި އޮތް ރޭވުމުގައި ސްޓެލްކޯގެ ގޮތުގައި ބާއްވަންވެއްޖެހެން،" މުލީއާގޭ ގޯތިތެރޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މުލީއާގޭގައި ބަހައްޓާފައިވާ ކޮންމެ ޕެނަލެއް ގުޅިފައި ހުންނާނީ ސްޓެލްކޯގެ ގްރިޑާ ކަމަށާއި އެ ގްރިޑް މެދުވެރިކޮށް ކޮންމެ ގެއަކަށް ވެސް ކަރަންޓް ވިއްކޭނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓް ސްޓެލްކޯ އަށް ވިއްކޭނެ އިންތިޒާމެއް ހަމަޖެހޭތޯ އެނާޖީ މިނިސްޓްރީގައި ދަންނަވައިގެން ބައްލަވާނެ އެވެ.
"ދެން ފަހަރެއްގައި އޭގެ ދަތިތަކެއް ވެސް ހުރެދާނެ. ކިހިނެއްތޯ ޖުމްލަކޮށް އާންމުކޮށް ކަރަންޓް ވިއްކުމުގެ ހުއްދަ މީސްމީހުންނަށް ލިބެންޖެހޭތޯ؟ އެ ކަމުގެ އިންތިޒާމްތައް އޮތް ގޮތް އެނާޖީ މިނިސްޓްރީން މި ގެ އަށް އޮޅުންފިލުވައި ދެއްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަނީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސޯލާ ޕެނަލްތައް ހަރުކުރުމަކީ މާ ބޮޑު އުނދަގުލެއް އޮތް ކަމެއް ނޫން ކަމަށެވެ.
"އަމިއްލަ އަށް ހުކުރު ދުވަހެއްގައި ހުކުރަށް ދިއުމުގެ ކުރީގައި 11 ޖަހަންވާއިރަށް ގޭގައި ހަރުކޮށްލެވޭނެ ހުރިހާ ސާމާނެއް. ހަމަ ވަރަށް ފަސޭހަ. އެއްގޮތަކަށް ވެސް އިތުރު ބަޔަކު ހޯދަންޖެހޭ ކަމެއް ނޫން. ހަމަ އާދައިގެ ނަރު ގުޅާލުމާއި އިސްކުރު އެނބުރުމާއި އެ ނޫން ކަމެއް އޮތް ކަމެއް ނޫން. އެލްމެނިއަމް އެންގަލް ދަގަނޑު އެހެރީ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ހަމަ ދަންނަވަން އޮތް ވާހަކަ އަކީ ހަތަރު މިލިއަން ރުފިޔާ 30 އަހަރުގެ ތެރޭގައި ގެއެއްގެ އުމުރުގެ ތެރޭގައި މީގެއިން އެބަ ސަލާމަތްވެއޭ. އެއީ ގެއެއްގެ އަގު. އެހެންވީމަ އަޅުގަނޑު އުއްމީދުކުރަން ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެގެން މި މަސައްކަތް ފަށާނެ ކަމަށް."
ރައީސް ވިދާޅުވީ ސްޓެލްކޯ އަށް ޖަނެރޭޓަރު ބެހެއްޓުމުގައި ޖާގައިގެ ދަތިކަން އެބަހުރި ކަމަށާއި ކަރަންޓާ ގުޅޭ ޕްރޮގްރާމްތައް ހުންނާނެ ކަމަށާއި އެ ފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ރައްޔިތުންނަށް ލުއި ގޮތެއްގައި ސޯލާ ޕެނަލްތައް ހަރުކުރެވޭނެ ގޮތްތަކެއް ހަމަޖެހިދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މުލީއާގޭގައި ރައީސް ނަޝީދު ސޯލާ ޕެނަލްތަކެއް ހަރުކޮށްދެއްވިއިރު ދުނިޔޭގެ އެންމެ ބާރުގަދަ އެމެރިކާގެ ރައީސް ބަރަކް އޮބަމާ ނިންމާފައި ވަނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު ވައިޓް ހައުސްގައި ސޯލާ ޕެނަލް ހަރުކޮށްދެއްވުމަށެވެ.
މުލީއާގޭގެ ފުރާޅުމަތީގައި ސޯލާ ޕެނަލްތައް ހަރުކުރަން ކުރިން ހަމަޖައްސާފައި އޮތީ މި އަހަރު އަންނަ އެންމެ ރީތި ތާރީހު ކަމަށްވާ 10- 10- 10 ގަ އެވެ. އެހެން ނަމަވެސް އެ ދުވަހު ޕަބްލިސިޓީއަށް ބަލާފައި ކުންފުނީގެ އެދުމަކަށް އަވަސްކުރީ ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ