ދުންޔާ އާއި ޣައްސާން ފައުންޑޭޝަންގައި ހިމެނެނީ އާއިލީ ހައިސިއްޔަތުން: މައުމޫން

ދަ މައުމޫން ފައުންޑޭޝަން (ޓީއެމްއެފް) އަކީ ސިޔާސީ ވިސްނުމުން އެއްކިބާވެފައިވާ ފައުންޑޭޝަނަކަށް ވިޔަސް، އެމަނިކުފާނުގެ ދަރިކަލުން ޣައްސާން މައުމޫނާއި ދަރިކަނބަލުން ދުންޔާ މައުމޫން ފައުންޑޭޝަންގައި ބައިވެރިވެވަޑައިގަންނަވަނީ ސިޔާސީ ހައިސިއްޔަތުން ނޫން ކަމަށާއި އާއިލީ ހައިސިއްޔަތުން ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ބުރާސްފަތި ވިލޭރޭ ވިދާޅުވެއްޖެ އެވެ.
ޓީއެމްއެފްއާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ވިދާޅުވީ އެއީ ދުނިޔޭގެ އެހެން ފައުންޑޭޝަންތަކުގައި ވެސް އޮންނަ ގޮތް ކަމަށާއި ފައުންޑޭޝަންތަކަކީ އާއިލާތަކުން ހިންގާ ޖަމާއަތްތަކެއް ކަމަށެވެ.
ޓީއެމްއެފަކީ ސިޔާސީ ވިސްނުމުން އެއްކިބާވެފައިވާ ފައުންޑޭޝަނެއްގެ ގޮތުގައި ހަމަޖައްސާފައި ވުމުން ބައެއް ކަހަލަ ދަތިތައް ކުރިމަތިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެ ގޮތުން ސިޔާސީ ބައެއް ޕާޓީތަކުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން އެ ފައުންޑޭޝަންގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެކަމަށް ފުރުސަތު ނުދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.
މައުމޫން ކުރިން ނެރުއްވާފައިވާ ހައްޖާއި އުމްރާގެ ހުކުމްތަކާ ބެހޭ ފޮތް ޓީއެމްއެފުން އަލުން ނެރޭ ގޮތަށް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
މައުމޫން ވިދާޅުވީ މީގެ 27 އަހަރު ކުރިން 1983 ގައި އެމަނިކުފާނު ލިޔުއްވި ފޮތް 2006 ވަނަ އަހަރާ ހަމައަށް އަށް ޗާޕު ނެރުއްވާފައިވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ އަމިއްލަފުޅު ފިކުރީ މިލްކަކަށް ވާތީ އެ ފޮތް އެ ފައުންޑޭޝަނަށް ހަދިޔާކުރައްވާފައިވާ ކަމަށާއި ފޮތް ވިއްކައިގެން ލިބޭ ފައިސާ ހޭދަކުރައްވާނީ ޓީއެމްއެފްގެ ކަންތަކަށް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ "އަޙްކާމުލް ޙައްޖު ވަލް ޢުމްރާ"ގެ ނަމުގައި މީގެ ކުރިން ނެރުއްވި ފޮތަށް ކުރިން ވެސް ބައެއް އިސްލާހުތައް ގެންނެވި ކަމަށެވެ. އަދި މި ފޮތުގައި ހުންނާނީ ހައްޖާއި އުމްރާގެ ހުކުމްތައް އެކަނި ނޫން ކަމަށާއި، ރާއްޖޭގައި ހުރި މީހަކު ހައްޖަށް ނުވަތަ އުމްރާ އަށް ނިޔަތް ގަތީއްސުރެ އަމަލުކުރަންވީ އެންމެހައި ގޮތްތައް ފޮތުގައި ހިމެނޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޓީއެމްއެފްގެ ވައިސް ޗެއާމަން އަހުމަދު ފާރިސް މައުމޫން ވިދާޅުވީ އެ ފޮތް ޗާޕުކޮށްގެން ރާއްޖެ ގެނައުމަށް ފަހު އެ ފޮތުގެ 100 ވަރަކަށް ކޮޕީ ރާއްޖޭގެ ލައިބްރަރީތަކަށް ހަދިޔާކުރައްވާނެ ކަމަށެވެ. މިއީ އެ ފައުންޑޭޝަނުން ކުރަން ރާވާފައިވާ ކަންތަކުގެ ފެށުމެއް ކަމަށާއި ކުރިމަގުގައި ކުރަން ރާވާފައިވާ ކަންތަކާ ބެހޭ ގޮތުން ޕްރޮޖެކްޓްތައް ތައްޔާރުކުރަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޓީއެމްއެފްގެ ފަރާތުން ތައުލީމީ ދާއިރާ އިން ބޭރުގެ އެހީ ހޯއްދެވުމަށް މަސައްކަތްތަކެއް ރާވާފައި އެބަހުރި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ