ގަމުގެ ވައިގެ ބަނދަރު ޕްރައިވެޓައިޒްކުރުމުގެ އެއްބަސްވުމުގައި ސުޕްރީމް ގްލޯބަލްއާ އެކު މި މަހު ސޮއިކުރަނީ

ސ. ގަމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ވިޔަފާރި އުސޫލުން ހިންގުމަށް ކުރިމަތިލި ދުބާއީގެ ސުޕްރީމް ގްލޯބަލް ސާވިސަސްއާ އެކު އެއާޕޯޓް ހިންގުމުގެ އެއްބަސްވުމުގައި މި މަހުގެ 17 ވަނަ ދުވަހު ސޮއިކުރަން ހަމަޖައްސާފައިވާ ކަމަށް
އިންވެސްޓް މޯލްޑްވިސް އިން ބުނެފި އެވެ.
އިންވެސްޓް މޯލްޑިވްސްގެ އެޑްވައިޒާ އޮން އިންވެސްޓްމަންޓް މިފްޒާލް އަހުމަދު މިއަދު ވިދާޅުވީ ރާއްޖޭގެ ދެވަނަ ބައިނަލްއަގްވާމީ އެއާޕޯޓް ހިންގުން ސުޕްރީމް ގްލޯބަލްއާ ހަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި 17 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު، އެއާޕޯޓް ހިންގުމުގެ ކަންތައްތަކާ އެ ކުންފުނިން ހަވާލުވާނެ ކަމަށެވެ. އެހެންނަމަވެސް އެ ކުންފުންޏާ ހިންގުން ހަވާލުކުރާ އިރު ނިންމަން ޖެހޭ ބައެއް ކަންތައްތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ކުރިން ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގަމުން ދިޔަ ގަމުގެ ވައިގެ ބަނދަރު، ޖެނުއަރީ ،1 2010 އިން ފެށިގެން ގަން އެއާޕޯޓް ކޮމްޕެނީގެ ދަށުން ހިންގަމުން އަންނަ އިރު، މިހާރު އެތަނުގައި ތިބި މުވައްޒަފުންނާއި އެކުންފުނީގެ ދަށަށް ދިޔަ ގަން ބަލަހައްޓާ ޔުނިޓުގައި ތިބި މުވައްޒަފުންގެ ތެރެއިން ގަން އެއާޕޯޓް ކުންފުންޏަށް ބޭނުންވާ މުވައްޒަފުން އެ ކުންފުނީގެ ދަށަށް ގެނައުމުގެ މަސައްކަތައް ނިންމަން ޖެހޭ ކަމަށް ވެސް މިފްޒާލް ވިދާޅުވި އެވެ.
ގަން އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދުދީދީ އާދީއްތަ ދުވަހު ވިދާޅުވީ އެއާޕޯޓުގައި ތިބި ސިވިލް ސާވިސް މުވައްޒަފުންނާއި ގަން ބަލަހައްޓާ ޔުނިޓުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން ކުންފުނީގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ އެ ކަންތައްތައް ދެން ކުރިއަށް ގެންދާނީ އެއާޕޯޓް ހިންގަން ހަވާލުކުރާ ކުންފުންޏާ އެކު އެއްބަސްވުމަކަށް އާ ދެވެމުން ކަމަށެވެ. އެގޮތުން ކުންފުންޏާ ގުޅެން ބޭނުން މުވައްޒަފުންނަށާއި އަދި ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މުހައްމަދު ދީދީ ވިދާޅުވި އެވެ
ސުޕްރީމް ގްލޯބަލްއާ ގަމުގެ ވައިގެ ބަނދަރު ހިންގުން ހަވާލުކުރަނީ އެ ކުންފުންޏަކީ މިކަމަށް އެކަށީގެންވާ އަދި ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ވެސް އެއްގޮތްވާ، ތަޖުރިބާ ހުރި، ދުނިޔޭގެ ކާމިޔާބު ކުންފުންޏަކަށް ވާތީ ކަމަށް ވެސް އިންވެސްޓް މޯލްޑިވްސް އިން ބުންޏެވެ. އަދި މިއީ "އެއާޕޯޓް ވިއްކާލުން ނޫން" ކަމަށާއި "މިއީ އެއާޕޯޓް ހަރުދަނާކޮށް ހިންގުމުގެ ގޮތުން ކުރާ ކަމެއް" ކަމަށް ވެސް އިންވެސްޓް މޯލްޑިވްސް އިން ބުނެ އެވެ. މިބަދަލާ އެކު ގަމުގެ ވައިގެ ބަނދަރު ފޭސްތަކެއްގެ ދަށުން ތަރައްގީވެ، ކުރިއަރައިގެން ދާނެ ކަމަށް ވެސް އިންވެސްޓް މޯލްޑިސް އިން ބުނެ އެވެ.
ސުޕްރީމް ގްލޯބަލްއާ ގަމުގެ އެއާޕޯޓް ހިންގުން ހަވާލުކުރާ އިރު، އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީ ބެލެހެއްޓުން އެމްއެންޑީއެފާ ސަރުކާރުން އާދީއްތަ ދުވަހު ވަނީ ހަވާލުކޮށްފަ އެވެ.
ގަމުގެ ވައިގެ ބަނދަރު ވިޔަފާރި އުސޫލުން ހިންގާނެ ބަޔަކު ހޯދުމަށް އެޕްރީލް ،11 2010 ގައި އިއުލާން ކުރުމާ ގުޅިގެން، އެޕްރީލް 25 ވަނަ ދުވަހަށް ސުން ގަޑި ހަމަވި އިރު ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ ސުޕްރީމް ގްލޯބަލް ސާވިސަސް އިން އެކަންޏެވެ.
ސްވިޒްލެންޑަށް ނިސްބަތްވާ ސްޕްރީމް ގްލޯބަލް ސާވިސަސް އަކީ 1957 ގައި އުފެއްދި ކުންފުންޏެކެވެ. މިއީ މަތިންދާ ބޯޓުފަހަރާއި ހެލްކޮޕްޓަރާއި މުދާ އުފުލާ ބޮޑެތި އުޅަނދުފަހަރާއި މުދާ ރައްކާކުރާ ބޮޑެތި ގުދަންތައް ގެންގުޅޭ އަދި އދ. އާއި ނޭޓޯ އަށް ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދީފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ވައިގެ ދަތުރުފަތުރާއި ތެލުގެ ވިޔަފާރި އާއި މުދާ އެއް ތަނުން އަނެއް ތަނަށް އުފުލުމާއި އަދި ރީޓެއިލް ވިޔަފާރީގައި ވެސް ހަރަކާތްތެރިވެ އެވެ. ޔޫރަޕާއި އެމެރިކާގައި ވެސް އެ ކުންފުނީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަ އެވެ.
ސަރުކާރުން ކުރިއަށް ގެންދާ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމުގެ ދަށުން ގަމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ބޭރުގެ ކުންފުންޏަކާ ހިންގުން ހަވާލު ކުރުމަށް ތައްޔާރު ވަމުން އަންނަ އިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ވެސް ބޭރުގެ ކުންފުންޏަކާ
ހިންގުން ހަވާލު ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ