ކަރަންޓު ބިލް ދައްކަން ދަތިވެފައިވާ ފަރާތްތަކަށް އެ ކަމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދޭން މަސައްކަތްކުރަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ސަރުކާރުން އެ ފަދަ ފިޔަވަޅެއް ނާޅާ ކަމަށް ބުނެ ޑީއާރްޕީން އަނެއްކާ ވެސް މާދަމާރޭ މުޒާހަރާ އަށް ނުކުންނާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެ ޕާޓީގެ ކައުންސިލް މެމްބަރުން އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން ވިދާޅުވީ ރައްޔިތުންނަށް ދަތިވެފައިވާ މި ދަނޑިވަޅުގައި ކަންތައް ރަނގަޅުކުރުމަށް ސަރުކާރަށް މިހާރު ވަގުތު ދެވިއްޖެ ކަމަށާއި ސަރުކާރުން ފިޔަވަޅެއް ނޭޅުމުން އަނެއްކާ ވެސް މުޒާހަރާ އަށް ނުކުންނަށް ނިންމީ ކަމަށެވެ.
"ރައްޔިތުން ރަތަށް އެރީމާ މި ނުކުންނަނީ. ހޫނު ކުޑައެއް ނުވޭ. ބިލް ކުޑައެއް ނުވޭ. ބިލް ކުޑަވެގެން ދިޔައީ ހިޔާލީ ދުނިޔެއެއްގައި. ރައީސް ނަޝީދު އެކުލަވާލެއްވި ކޮމިޓީން އެ ކުރާ ކަމެއްގެ ތަފްސީލެއް ވެސް ރައްޔިތުންނަށް ދެވޭ ވަރެއް ނުވޭ. ހަމަޖެހޭ އުސޫލަކުން އެކަން ކުރާކަށް ނޫޅޭ،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ކުރަންޖެހޭހާ ވެސް ކަމަކީ ކަރަންޓު ޔުނިޓެއްގެ އަގު މިހާރު ހުރި ވަރަށް ވުރެ ކުޑަކުރުން ކަމަށާއި ރައްޔިތުން ހިތްހަމަނުޖެހެނީ، ކަރަންޓު އަގު ބޮޑުނުކުރާނެ ކަމަށް ބުނެފައި ސަރުކާރުން އެކަން ކުރުމުން ކަމަށެވެ.
"ސަބްސިޑީ ދިނުމާއި ފިއުލް ސާޗާޖަށް ބަދަލު އައުމަކީ މުޅިން އެހެން ވާހަކައެއް. އަޅުގަނޑުމެންގެ މައިގަނޑު އެއްޗަކީ ރައްޔިތުންނަށް ވައުދެއްވެފައި އެ ވައުދު ނުފުއްދުން. އަދި ވައުދު ނުފުއްދާ ސަރުކާރެއްގެ ގާނޫނީ ހިއްސާ އެ ގެއްލުނީ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވޭ. އަޅުގަނޑުމެން މަގުމައްޗަށް މި ނުކުންނަނީ ރައީސް އެ ކަމަށް ޒިންމާދާރުކުރުވުމަށް."
މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ޑީއާރްޕީން މުޒާހަރާ ކުރުމާ ގުޅިގެން، 14 ވީ ހުކުރު ދުވަހު ރައީސް ނަޝީދު ދެއްވި ރޭޑިއޯ އެޑްރެހުގައި ވިދާޅުވީ ކަރަންޓު ބިލު ދައްކަން ދަތިވާ މީހުންނަށް ސަބްސިޑީ ދިނުމުގެ ކަންކަން ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރައީސްގެ އެ ވާހަކަފުޅަށް ފަހު ހުކުރު ދުވަހުގެ ރޭ ޑީއާރްޕީން ކުރި މުޒާހަރާ ނިންމައިލީ ރައީސްގެ ރޭޑިޔޯ ތަގުރީރުގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ސަރުކާރަށް ވަގުތު ދިނުމަށްޓަކައި މުޒާހަރާތައް މެދުކަނޑައިލީ ކަމަށް ބުނަމުންނެވެ.
ނަމަވެސް ޑީއާރްޕީން މިއަދު ބުނީ ކަރަންޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ކަންތައްތަކެއް ކުރުމަށް ބުނެފައިވީ ނަމަވެސް ވެއަތުވެ ދިޔަ ހަފުތާގެ ތެރޭގައި އެ ފަދަ އެއްވެސް ކަމެއް ސަރުކާރުން ކޮށްފައިނުވާ ކަމަށެވެ.
ޑީއާރްޕީގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ މާދަމާ ރޭ ވެސް މުޒާހަރާ އަށް ނުކުންނާނީ ރަތް ކުލައިގައި ކަމަށާއި ރައްޔިތުން މިހާރު ތިބީ ހަގީގަތުގައި ވެސް ރަތަށް އަރާފައި ކަމަށެވެ. އޭނާ ވިދާޅުވީ ދެ ވަނަ ފަހަރަށް މުޒާހަރާ އަށް ނުކުތުމަށް ނިންމީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.
ނިހާން ވިދާޅުވީ މާދަމާ ރޭ ސުނާމީ ބިނާ ކައިރީގައި ބާއްވާ މުޒާހަރާގައި ވެސް ކުރީ ފަހަރެކޭ އެއްގޮތަށް އިދިކޮޅު އެހެން ބައެއް ޕާޓީތަކުން ވެސް ބައިވެރިވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. އެ ގޮތުން ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީން ވެސް ބައިވެރިވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ޑީއާރްޕީން ބޭއްވި ކުޑަކުދިންގެ ބަގީޗާ ކުރިމަތިން ފުލުހުން ހުއްޓުވައި މުޒާހަރާ ރޫޅައިލީ ޕްރެޝަރުގައި ފެންޖެހުމަށް ފަހު ކަރުނަ ގޭސް ވެސް ޖަހައިގެންނެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ފުލުހުން ވަނީ އެ މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.
ސަރުކާރުން ޔުޓިލިޓީ ކުންފުނިތަކެއް އުފައްދައިގެން އެ ތަންތަނުގެ ދަށުން ކަރަންޓުގެ ހިދުމަތް ދޭން ފެށުމާ އެކު ކަރަންޓުގެ އަގު ބޮޑުކުރި ނަމަވެސް، 2008ގެ ރިއާސީ ކެމްޕޭންގައި އެމްޑީޕީގެ އޭރުގެ ރިއާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ކަރަންޓުގެ އަގު ބޮޑު ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
"އޭގެ ތެރޭގައި ކަރަންޓުގެ ޔުނިޓެއްގެ އަގު މިހާރު މިހުރި މިންވަރަށް ވުރެ މައްޗަށް ނުދާނެ ކަމަށާއި ދިވެހި ރުފިޔާގެ އަގު މިހާރު މިހުރި މިންވަރަށް ވުރެ ތިރިއަށް ނުވެއްޓޭނެ ކަމަށާއި، ތަކެތީގެ އަގު މިހާރު މި ހުރި މިންވަރުން މައްޗަށް އުފުލިގެން ނުދާނެ ކަމަށާއި، [ސަރުކާރު] މުވައްޒިފުންނަށް މުސާރަ އާއި އިނާޔަތްތައް ކަނޑައެޅިފައި އޮތް މިންވަރަށް ލިބޭނެ ކަމަށާއި، އަދި ރާއްޖޭގެ މަސްވެެރިންގެ މަސް މިހާރު މި ގަންނަމުންގެންދާ ބައިނަލްއަގްވާމީ އަގުގައި ސަރުކާރުންނާއި ކުންފުނިތަކުން ގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ތި ބޭފުޅުންނަށް އަރުވަން،" ދެ ހާސް އަށް ވަނަ އަހަރުގެ އޮކްޓޫބަރު 26 ވަނަ ދުވަހުގެ ރޭ، ދަރުބާރުގޭ ދެކުނުން އޮތް އުސް ފަސްގަނޑުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ކަރަންޓު އަގު ހެޔޮކުރުމަށް ސަރުކާރުން ފިޔަވަޅު ނާޅާ ކަމަށް ބުނެ ޑީއާރުޕީ އަނެއްކާވެސް މުޒާހަރާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ