އެންޓި ކޮރަޕްޝަން ކޮމިޝަންގެ އަހަރީ ރިޕޯޓު: 11 މުއައްސަސާއަކުން ފައިސާ އާއި މުދަލުގެ މުއާމަލާތް ހިންގި ގޮތް މިދިއަ އަހަރު ބަލައި ފާސްކުރ

ދައުލަތުގެ 11 މުއައްސަސާއަކުން ފައިސާ އާއި މުދަލުގެ މުއާމަލާތް ހިންގާފައިވާ ގޮތް މިދިއަ އަހަރު ބަލާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
އެ ކަމިޝަނުން އާންމުކުރި އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖެ އިން ކޮރަޕްޝަން ހުއްޓުވުމަށް މިދިއަ އަހަރު ކުރި މަސައްކަތުގައި 11 މުއައްސަސާއެއްގެ ފައިސާ އާއި މުދަލާ ބެހޭ މުއާމަލާތްތައް ހިންގާފައިވާ ގޮތް ބަލާ ފާސްކޮށްފައިވާނެ ކަމަށެވެ.
ރިޕޯޓުގައިވާ ގޮތުން ފައިސާ އާއި މުދަލުގެ މުއާމަލާތް ހިންގާފައިވާ ގޮތް ކޮމިޝަނުން މިދިއަ އަހަރު ބަލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާއި އެސްޓީއޯ އާއި އައިޖީއެމްއެޗާއި ވޭސްޓްމެނޭޖްމެންޓް ސެކްޝަނާއި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި ޓީވީ މޯލްޑިވްސް އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ އެވެ.
ރިޕޯޓުގައި ބުނެފައި ވަނީ އެ ތަންތަން ބަލައި ފާސްކުރިއިރު ރައީސް އޮފީހާއި ވޭސްޓްމެނޭޖްމެންޓް ސެކްޝަންގެ ފައިސާ އާއި މުދަލާ ބެހޭ މުއާމަލާތްތައް ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ހުރި ކަމަށެވެ. އެކަންތައްތައް އިސްލާހުކުރަން އެ ދެ ތަނަށް އިރުޝާދު ދީފައިވާނެ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭސީސީގެ ރައީސް އަލީ ރަޝީދު އުމަރު ވިދާޅުވީ ރައީސް އޮފީހުގެ ފައިސާ އާއި މުދަލާ ބެހޭ މުއާމަލާތްތައް ހިންގާފައިވާ ގޮތް އޭސީސީން ބަލާފައި ވަނީ ފިނޭންސް މިނިސްޓްރީގެ ތެރެއިންނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން ގާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 2008 ވަނަ އަހަރު އެކޮމިޝަން ހިންގި ގޮތުގެ ރިޕޯޓު ކޮމިޝަންގެ ރައީސް ނެރުއްވި އިރު މިދިއަ އަހަރުގެ ތަފާސްހިސާބުތައް ވެސް ހިމަނާފައިވެ އެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި ކޮމިޝަން އުފެދުނު ފަހުން 41 މައްސަލައެއް ހުށަހެޅި އެވެ. އޭގެ ތެރެއިން 12 މައްސަލަ ދޫކޮށްލީ ކޮމިޝަނުން ބަލާ ބާވަތުގެ މައްސަލަތަކަށް ނުވެގެންނެވެ. ސަރުކާރުގެ ކަމާ ބެހޭ އެހެން ފަރާތްތަކުން ބެލުމަށް އަށް މައްސަލައެއް ފޮނުވި އިރު ކޮމިޝަނުން ބަލާ ގޮތަށް ހަމަޖެއްސީ 21 މައްސަލައެކެވެ. އެ 21 މައްސަލައިގެ އިތުރުން ކުރީގެ އެންޓި ކޮރަޕްޝަން ބޯޑުން ކޮމިޝަނަށް ވާރުތަވެފައިވާ 99 މައްސަލައެއް ވެސް ކޮމިޝަނުން ބަލަން ނިންމި އެވެ.
އޭސީސީ އަކީ ގާނޫނު އަސާސީގެ 199 ވަނަ މާއްދާގެ (ހ) ދަށުން އޮކްޓޫބަރު ،16 2008 ގައި އުފެއްދި މިނިވަން މުއައްސަސާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ