"ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް" ޝިއާރުގެ ދަށުން ރީކޯ މޫސަގެ ރިޔާސީ ރޭސް ފަށައިފި

އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ޕާޓީގެ ތެރޭގައި ބާއްވާ އިންތިޚާބުގައި ވާދަކުރުމުގެ ގޮތުން، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ލ. މެންބަރު މޫސާ މަނިކު އޭނާގެ ރިއާސީ ރޭސް، ކަލާފާނު ސްކޫލްގައި ރޭ އިފްތިތާހުކޮށްފި އެވެ.
އެއްވެސް ޕާޓީއެއްގައި ހިމެނިވަޑައިނުގަންނަވާ، އަދި ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެންބަރު އަލީ ވަހީދު ތައާރަފްކޮށްދެއްވި ރޭގެ ޖަލްސާގައި މޫސާ މަނިކު، އޭނާގެ ރިއާސީ ވެރިކަމެއްގައި އެންމެ މުހިންމު އިސްކަމެއް ދެއްވާނެ ތިން ކަމެއްގެ މައްޗަށް ވާހަކަ ދެއްކެވި އެވެ.
މޫސާ މަނިކު ވިދާޅުވި ގޮތުގައި އޭނާ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާން ގަސްދުކުރީ "ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް" ހޯދައިދިނުމުގެ މަގްސަދުގަ އެވެ. "ﷲގެ ވާގިފުޅާއެކު އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބު ކުރާނަން."
މޫސަ ވިދާޅުވި ގޮތުގައި އޭނާ އަށް ރާއްޖޭގެ ވެރިކަން ލިބިއްޖެ ނަމަ، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ކޮރަޕްޝަން ނައްތާލުމަށާއި މަސްތުވާތަކެތި އެތެރެކުން ހުއްޓުވުމަށާއި ވިޔަފާރީގެ މިނިވަން ފުރުސަތުތައް މިހާރަށް ވުރެ ތަނަވަސްކޮށްދިނުމަށެވެ.
އެ ގޮތުން މި ގައުމަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މޫސަ ފާހަގަކުރެއްވީ، ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި އޮތް ކޮރަޕްޝަންގެ މައްސަލަ އެވެ.
ދެން އަޅުގަނޑުމެންގެ ތެރޭގައި މިއަދު އޮތް އެންމެ ބޮޑު ވަބާއަކީ މަސްތުވާތަކެތީގެ ވަބާ. ގެރެންޓީއާއެކު މި ދަންނަވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މި ރާއްޖެ އިން މަސްތުވާ ތަކެތި ނައްތާލާނަން. ޔަގީންކަމާ އެކު މި ދަންނަވަނީ."
ތިން ވަނަ ކަމެއްގެ ގޮތުން މޫސާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރައްޔިތުންނަށް ވިޔަފާރިކުރެވޭނެ ގޮތްތައް މިއަށް ވުރެ ފުޅާ ދާއިރާއެއްގައި ހުޅުވާލުމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ އިގްތިސާދީ ހާލަތު ކުރުމަށްޓަކައި މަސްވެރިކަން ވެސް ޓޫރިޒަމާ އެއް ފެންވަރަކަށް ތަރައްގީކުރަންޖެހޭނެ އެވެ. މަސްވެރި ކޮންމެ ކެޔޮޅަކީ ދޯނިމަތީގައި ދޮށި އަޅަން ހުންނަ މީހެއްގެ ބަދަލުގައި ވިޔަފާރިވެރިއަކަށް ވާންޖެހޭނެ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެއްސަކަށް ލިބެންޖެހޭނެ އެންމެ ދަށް މުސާރައަކީ ދިހަ ހާސް ރުފިޔާ. އެވަރު ލިބިގެން ނޫނީ މިހާރު އަޅުގަނޑުމެންނަކަށް ނޫޅެވޭނެ."
ރޭގެ ޖަލްސާ އަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މޫސާ ވިދާޅުވީ، ރެއިން ފެށިގެން އޭނާގެ ރިއާސީ ރޭސް ފެށުމާ އެކު އަތޮޅުތަކުގެ ހުރިހާ ހިސާބަކަށް ވެސް އޭނާގެ ކެމްޕޭން ފެތުރިގެން ދާނެ ކަމަށެވެ.
އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓަކަށް ވުމަށްޓަކައި ކުރިމަތިލާފައިވާ އިންތިޚާބުގައި ޕާޓީގެ ތެރެއިން މާ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ނަމަވެސް ވަރަށް ގިނަ ދަތިތައް ކުރިމަތިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
ގައުމީ އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމުގެ މައްސަލައިގައި މޫސަ ވިދާޅުވީ، އޭނާ ވެސް އަމަލުކުރާނީ އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ. ނަމަވެސް އެއް ކެންޑިޑޭޓަކު ނެރުމުގެ އުސޫލުތަކާ މެދު މި ދަނޑިވަޅުގައި ވަކި އެއްޗެއް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަލާފާނު ސްކޫލްގެ ހޯލު ފުރިފައި އޮތް ރޭގެ ޖަލްސާގައި މޫސަ ދެއްކެވި ވާހަކައިގައި، ރާއްޖެ އަށް މިއަދު އައިސްފައިވާ ސިޔާސީ މިނިވަންކަން އުފެދުނު ގޮތާއި އެ މިނިވަންކަން ލިބިގަތުމަށް ރައްޔިތުން މަސައްކަތްކުރި ގޮތް ވިދާޅުވެދެއްވި އެވެ. މިނިވަން ބަހުސްތަކުން ފެށިގެން ޕާޓީތައް އުފެދުނު ގޮތާއި ސަރުކާރުގެ އެންގުންތަކާ ދެކޮޅަށް އެމްޑީޕީން އިސް ނަގައިގެން ބޭއްވި މުޒާހަރާތަކުގެ ކަންތައް ކުރިއަށް ދިޔަ ގޮތުގެ މައްޗަށް ވެސް މޫސަ އަލި އަޅުއްވާލެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ހަރަކާތްތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި އުޅުމުގެ ހިތްވަރު ރައްޔިތުން ހޯދީ އަމިއްލަ އަށެވެ. އެއީ ވަކި މީހަކަށް މެޑެލް ޖެހެން އޮތް ކަމެއް ނޫން ކަމަށް ވެސް މޫސާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ އެއް ފައުންޑަ މެންބަރު އަދި މިހާރުގެ ގައުމީ ޗެއާޕާސަން މުހައްމަދު ލަތީފު (ގޯގޯ) އާއި ބައެއް ވިޔަފާރިވެރިންނާއި ޓޫރިޒަމް ދާއިރާގެ ބައެއް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ