އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ސުޕްރީމް ކޯޓުގެ އަނެއް ހަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރަކު އެ ބޭފުޅުންގެ މަގާމުގެ ހުވާ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި މިރޭ ހުވާ ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުން ސުޕްރީމް ކޯޓުގެ ބެންޗަށް ހަތް ބޭފުޅުން ފާސްކުރިތާ ދެގަޑިއެއްހާއިރު ފަހުން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ހުވާ ކުރެއްވީ އަބްދުﷲ ސައީދާއި އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބްދުﷲ އާއި އަލީ ހަމީދާއި ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ. އަހްމަދު މުއުތަސިމް އަދުނާން ރަށުގައި ނޫޅުއްވާތީ މިރޭ ހުވައެއް ނުކުރައްވަ އެވެ.
އުއްތަމަ ފަނޑިޔާރަށް ހުވާލައިދެއްވީ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. ފަސް ފަނޑިޔާރުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރެވެ.
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އަނެއް ހަ ފަނޑިޔާރުންގެ ނަންތައް ފާސްކުރުމަށް މަޖިލިހުގެ މިރޭގެ ޖަލްސާގައި ވޯޓަށް އެހީ ހުރިހާ ބޭފުޅުންނަށް އެކުގަ އެވެ. އެ ގޮތުން ވޯޓު ނެގިއިރު ހާޒިރުވެ ތިއްބެވި 72 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 71 މެމްބަރުން އެ ކަމަށް އިއްތިފާގުވި އެވެ.
25: 22 - ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރަކު ދެންމެ ހުވާ ކުރައްވައިފި އެވެ. ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ފާއިޒު އެވެ. މުއުތަސިމް ރަށުގައި ނޫޅުއްވާތީ ހުވައެއް ނުކުރައްވަ އެވެ.
23: 22 - ފާއިޒު އުއްތަމަ ފަނޑިޔާރު ކަމުގެ ހުވާ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި ދެންމެ ކުރައްވައިފި އެވެ. ރައީސް އޮފީހުގައި ކުރިއަށްދާ ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރަށް ހުވާލައިދެއްވީ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
56: 20 - އިންތިގާލީ މަރުހަލާ އަށް ފަހު އޮންނަ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އަލްއުސްތާޒް އަހްމަދު ފާއިޒް ހުސައިންގެ ނަމާއި އެ ކޯޓުގެ އިތުރު ހަ ފަނޑިޔާރުންގެ ނަން މީގެ ކުޑައިރުކޮޅެއް ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ހެނދުނު މަޖިލީހުން ފާސްކޮށް މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަސްދީގުކުރެއްވި ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން، ސުޕްރީމް ކޯޓަށް އައްޔަންކޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވި ނަންފުޅުތަކަކީ، އިންތިގާލީ މަރުހަލާގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ހައިކޯޓުގެ ފަނޑިޔާރުން ކަމަށްވާ އާދަމް މުހައްމަދު އަބްދުﷲ އާއި އަލީ ހަމީދާއި، މަޖިލީހުގެ ކައުންސެލް ޖެނެރަލް ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ގާނޫނީ ވަކީލު އަހްމަދު މުއުތަސިމް އަދުނާނެވެ.
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އަނެއް ހަ ފަނޑިޔާރުންގެ ނަން ފާސްކުރުމަށް މިރޭގެ ޖަލްސާގައި ވޯޓަށް އެހީ ހުރިހާ ބޭފުޅުންނަށް އެކުގަ އެވެ. އެ ގޮތުން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ނަން ފާސްކުރުމަށް ވޯޓު ނެގިއިރު ހާޒިރުވެ ތިއްބެވި 72 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 71 މެމްބަރުން އެ ކަމަށް އިއްތިފާގުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަންތައް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމާފައިވަނީ އެ ހަ ބޭފުޅުންނަކީ ވެސް އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު ކަމަށް ފާއިޒްގެ ކިބައިގައި ޝަރުތު ހަމަވާ ކަމަށް މި މަހުގެ 7 ވަނަ ދުވަހު ވަނީ ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފަ އެވެ.
އެ ހަތް ފަނޑިޔާރުންގެ ނަން ކޮމިޓީގެ އިއްތިފާގުން ފާސްކުރި ނަމަވެސް، އިންތިގާލީ މަރުހަލާ ނިމިފައިވާތީ އާއި މުސްތަގިއްލު މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންގެ ނަންތައް ދިރާސާކުރުމުގައި ފުރިހަމަކުރަންޖެހޭ މަރުހަލާތައް ފުރިހަމަކުރުމަށް ވަގުތު ނެތުމުގެ ސަބަބުން، އެ ބޭފުޅުންގެ ކިބައިގައި ޝަރުތު ހަމަވާކަމަށް ނިންމާފައިވަނީ، އެ ބޭފުޅުންނާ އިންޓަވިއު ކުރުމެއް ނެތި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އައްޔަންކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ހަ ފަނޑިޔާރުންގެ ނަން މަޖިލީހަށް ހުށަހެޅުއްވީ މިއަދު ހަވީރު ހަޔެއް ޖެހި އިރު ފެށި ޖަލްސާގަ އެވެ. އެ ނަންތައް މަޖިލީހަށް އިއްވުމަށް ފަހު އެ ނަންތައް ދިރާސާކުރުމަށް ކޮމެޓީ އަށް ފޮނުއްވުމަށް ފަހު އެ ކަމަށް ވަގުތު ދިނުމުގެ ގޮތުން ޖަލްސާ މެދުކަނޑައިލި އެވެ. އަދި 50: 6 ހާއިރު ކޮމިޓީން މި ބިލް ދިރާސާކޮށް ނިންމުމާ ގުޅިގެން މިރޭ އަށެއް ޖެހި އިރު އަލުން ޖަލްސާ ފަށައި ކޮމިޓީގެ ރިޕޯޓް އިއްވެވި އެވެ.
މީގެ އިތުރުން، ރައީސް ނަޝީދު މިއަދު މެންދުރު ފަހު ފަނޑިޔާރުންގެ ގާނޫނު ތަސްދީގުކުރެއްވިތާ ތިން ގަޑިއެއްހާ އިރުގެ ތެރޭގައި އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވަނީ، ވެރިކަންކުރާ އެމްޑީޕީ އާއި އިދިކޮޅު ޕީއޭގެ ފަރާތުން ހުށަހަޅައިފަ އެވެ. ފަނޑިޔާރުންގެ ގާނޫނަށް ދެ އިސްލާހެއް ގެނައުމުގެ އެ ބިލް ވެސް މިރޭގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައިދެއްވީ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެއަށް ފަހު އެ ބިލް އިތުރަށް ދިރާސާކުރުމަށް ކޮމިޓީ އަށް ފޮނުވައިގެން، ކޮމިޓީން ދިރާސާކުރި ގޮތަށް ފާސްކުރީ އިތުރު އެއްވެސް އިސްލާހެއް ނުގެނެހެވެ. މި ބިލް މަޖިލީހުގެ މިރޭގެ ޖަލްސާގައި ފާސްކުރީ ހާޒިރުވެ ތިއްބެވި 72 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން މިރޭ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރެވިގެންދާ އިރު، އިންތިގާލީ މަރުހަލާގެ ސުޕްރީމް ކޯޓުން ބާކީވެގެން ދިޔަ ދެ ފަނޑިޔާރުން ޝަރަފުވެރިކަމާ އެކު މުސްކުޅިކުރެއްވުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައި މިހާރު ދަނީ ބަހުސްކުރަމުންނެވެ.
29: 20 - އުއްތަމަ ފަނޑިޔާރު ކަމަށް އަހުމަދު ފާއިޒު ހުސައިން އައްޔަން ކުރެއްވުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ހަ ނަންފުޅު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން މަޖިލިހުން ދެންމެ ފާސްކޮށްފި އެވެ.
26: 20 - ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު 71 ވޯޓުން ފާސްކޮށްފި އެވެ.
20: 20 - މަޖިލިހުގައި ހިމެނޭ ސިޔާސީ ފަސް ޕާޓީގެ ފަރާތުން މެމްބަރުން ވާހަކަ ދައްކަވައިފި އެވެ. އަދި ވޯޓަށް އަހަން ތައްޔާރު ވެއްޖެ އެވެ.
05: 20 - ޖަލްސާ އަލުން ފަށައިފި އެވެ.
52: 18 - ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ނަޝީދު މަޖިލިހަށް ހުށަހެޅުއްވި ހަ ބޭފުޅުން ވެސް ޝަރުތު ހަމަވާ ކަމަށް ކޮމިޓީން ދެންމެ ނިންމައިފި އެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ފާއިޒުގެ ޝަރުތު ހަމަވާ ކަމަށް ވެސް ކޮމިޓީން ކުރިން ވަނީ އިއްތިފާގުން ނިންމާފަ އެވެ.
46: 18 - 30: 6 ގައި ޖަލްސާ މެދުކަނޑާލުމަށް ފަހު 00: 7 ގައި ފަށަން ވަނީ ހަމަޖައްސާފަ އެވެ.
06: 18 - މަޖިލިހުގެ ޖަލްސާ އަލުން ފަށައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ނަޝީދު ފޮނުއްވި ހަ ނަމުގެ ތެރޭގައި އިންތިގާލީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދު ހިމެނިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ހިމެނިވަޑައިގަންނަވަނީ އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚު އަބްދުﷲ އަރީފާއި ހައި ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަލްއުސްތާޒު އަލީ ހަމީދު މުހައްމަދާއި އަލްއުސްތާޒު އާދަމް މުހައްމަދު އަބްދުﷲ އާއި ރައްޔިތުންގެ މަޖިލިހުގެ ކައުންސެލް ޖެނެރަލް ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި އަލްއުސްތާޒު އަހުމަދު މުއުތަސިމް އަދުނާނެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް، އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު ފާއިޒުގެ ނަން ރައީސް ނަޝީދު ވަނީ ކުރިން މަޖިލިހަށް ފޮނުއްވާފަ އެވެ.
ޖަލްސާ ފެށުމާއެކު ފަނޑިޔާރުންގެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.
40: 17 - ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް ފޮނުއްވި ނަންތަކާ މެދު އެމްޑީޕީ އާއި އިދިކޮޅު ޑީއާރުޕީގެ ހިޔާލު ތަފާތު ވެއްޖެ ކަމަށް ހަވީރަށް ނުރަސްމީކޮށް އެނގިއްޖެ އެވެ. އެނގިފައިވާ ގޮތުގައި ޖަލްސާ އަލުން ފެށުން ލަސްވަމުން ދަނީ މި ދެބަސްވުން އުފެދުމާ ގުޅިގެންނެވެ. ނަމަވެސް އެއްވެސް ފަރާތަކުން މިކަމާ މެދު އަދި ވަކި އެއްޗެއް ނުބުނެ އެވެ.
މީގެ ގަޑިއެއްހާއިރު ކުރިން ޖަލްސާ 30: 5 އަށް ފަސް ކުރުމަށް ފަހު މިހާރު ވަނީ، ހަތަރުވަނަ ފަހަރަށް، 00: 6 އަށް ފަސްކޮށްފަ އެވެ.
25: 17 - ބޮޑު ދެ ޕާޓީގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ނިމުން ގެނެސް، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރުންގެ ބިލް ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި އެ ގާނޫނުގައިވާ ގޮތަށް ސުޕްރީމް ކޯޓަށް އައްޔަން ކުރާނެ ފަނޑިޔާރުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އެހެން ނަމަވެސް، އެ ނަންތައް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު "ހަވީރަ" ށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން ހުރިހާ ބޭފުޅުންގެ ނަންތަކެއް ރައީސުލްޖުމްހޫރިއްޔާ ނުފޮނުއްވަ އެވެ.
ދާއިމީ ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާނެ ފަނޑިޔާރުންގެ ނަންތައް ރައީސް ނަޝީދު މަޖިލީހަށް މި ފޮނުއްވީ ނަންތައް ނުފޮނުއްވައިގެން މަޖިލީހުގެ ޖަލްސާ މިއަދު ތިން ފަހަރަށް ފަސްކުރި ފަހުންނެވެ.
ފަނޑިޔާރުންގެ ބިލް މެންދުރު 30: 3 ވާން އުޅެނިކޮށް ރައީސް ނަޝީދު ތަސްދީގު ކުރެއްވިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޒާރު ކުރައްވައިގެން ތިއްބެވީ އެ ބިލް ތަސްދީގު ކުރެއްވުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަންތައް އެ މަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. އަދި ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވިދާޅުވީ ފަނޑިޔާރުންގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފަހު މެންދުރު 30: 2 ގައި ބާއްވާ ޖަލްސާގައި ކުރިއަށް ގެންދަވާނީ ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތައް ދިރާސާ ކުރުމަށްޓަކައި ކޮމެޓީއަކަށް ފޮނުވުމުގެ މަސައްކަތް ކަމަށެވެ. އެހެންވެ ފަނޑިޔާރުންގެ ބިލް ހެނދުނު 30: 11 ވާން އުޅެނިކޮށް ފާސްކުރުމަށް ފަހު ޖަލްސާ މެދުކަނޑާލީ އެ ބިލް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވުމަށެވެ. އެހެން ނަމަވެސް މެންދުރު 30: 2 ވާން އުޅެނިކޮށް ވެސް ފަނޑިޔާރުންގެ ނަންތައް ރައީސް އޮފީހުން ނުފޮނުވުމުން ދެން މަޖިލީހުގެ އިދާރާއިން ނިންމީ 00: 3 ގައި ޖަލްސާ ފެށުމަށެވެ. އެހެން ނަމަވެސް އެ ގަޑީގައި ވެސް ފަނޑިޔާރުންގެ ނަންތައް މަޖިލީހުގެ އިދާރާއަށް ނުލިބުމުން ދެން ޖަލްސާ ފަސްކުރީ 30: 4 އަށެވެ. އަދި ފަނޑިޔާރުންގެ ނަންތައް މަޖިލީހުގެ އިދާރާއަށް ރައީސް އޮފީހުން ފޮނުވީ އެންމެ ފަހުން ޖަލްސާ 30: 5 އަށް ފަސްކުރި ފަހުންނެވެ.
ސުޕްރީމް ކޯޓަށް އައްޔަން ކުރާނެ ފަނޑިޔާރުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން ލަސްވި ސަބަބެއް ރައީސް އޮފީހަކުން ނުބުނެ އެވެ. އެހެން ނަމަވެސް ނަންތައް ފޮނުވުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުންގެ ލަފާ ރައީސް ނަޝީދު ހޯއްދެވި ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވި އެވެ. އެ ލަފާ ރައީސް ހޯއްދެވީ ޖޭއެސްސީގެ މެމްބަރުންނާ ރައީސް އޮފީހުގައި މެންދުރު 30: 1 ގައި ބައްދަލު ކުރެއްވުމަށް ފަހު އެވެ.
ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެ ގޮތުން ގާނޫނުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަހާމަށް އައްޔަން ކުރާނީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އިހުތިޔާރު ކުރާ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން އެ ނަންތަކެއް ފާސްކުރުމުންނެވެ.
ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގައި ތިބޭނީ އުއްތަމަ ފަނޑިޔާރާއެކު ޖުމުލަ ހަތް ފަނޑިޔާރުންނެވެ. އަދި ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓަށް ކުރިމަތިލާ ފަނޑިޔާރެއްގެ ކިބައިގައި ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންޖެހެ އެވެ. ހައި ކޯޓަށް ކުރިމަތިލާ ފަނޑިޔާރެއްގެ ފަސް އަހަރު ދުވަސް އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.
މަޖިލީހުގެ ދެވަނަ ދަންފަޅި ހަވީރު 30: 5 ގައި ބޭއްވުމަށް އެޖެންޑާކޮށްފައިވާއިރު މަޖިލީހުގެ ރިޔާސަތުން ޝާހިދު ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަންތަކަށް ވޯޓަށް އަހާނީ އެއްކޮށް ކަމަށެވެ. އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވާފައި ވަނީ މިހާރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒް ހުސެއިނެވެ. އޭނާގެ ނަން ކޮމެޓީން ވަނީ އިއްތިފާގުން ފާސްކޮށްފަ އެވެ.
އިންތިގާލީ މަރުހަލާ ނިމިފައިވާ ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހިފެހެއްޓުމަށް ފަހު ފަހުން ސަރުކާރުން އެ ތަޅުދަނޑި ދޫކޮށްފައި ވަނީ އެތަނުގެ އިދާރީ މަސައްކަތްތައް ކުރުމަށް އެކަންޏެވެ. މިހާރު ސިފައިން ބަލަހައްޓަމުންދާ، ސުޕްރީމް ކޯޓަށް އިއްޔެ އާއި މިއަދު ވެސް ފަނޑިޔާރުންނަށް ނުވަދެވެ އެވެ. މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ސަރުކާރަށް ދަނީ އޮހެމުންނެވެ.
41: 16 - ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަޔަން ކުރެއްވުމަށް ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާ ނަންތައް މަޖިލިހަށް ފޮނުއްވައިފި ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެއްޖެ އެވެ. ނަމަވެސް އެ ނަންތަކެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
އުއްތަމަ ފަނޑިޔާރާ އެކު ސުޕްރީމް ކޯޓުގައި ތިއްބަވާނީ ހަތް ފަނޑިޔާރުން ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ކަނޑައަޅާފައި ވާއިރު ރައީސް ނަޝީދު މިއަދު ފޮނުއްވީ ވެސް ހަތް ނަމެއް ކަމަށް ހަވީރަށް އެނގިފައިވެ އެވެ. ނަމަވެސް ރައީސް ކުރިން ވަނީ އުއްތަމަ ފަނިޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު ފާއިޒުގެ ނަންފުޅު ފޮނުއްވާފަ އެވެ.
21: 16 - އަނެއްކާ ވެސް ޖަލްސާ ފަސްކޮށްފި އެވެ. އަމީން އާއްމު އަހުމަދު މުހައްމަދު ވިދާޅުވީ މިހާރު ނިންމާފައި ވަނީ 30: 5 ގައި ދެވަނަ ދަންފަޅި ފެށުމަށް ކަމަށެވެ.
28: 15 - ފަނޑިޔާރުންގެ ބިލު ރައީސް މުހައްމަދު ނަޝީދު ތަސްދީގު ކުރައްވައި އެ ގާނޫނު ގެޒެޓުގައި ޝާއިއު ކޮށްފި އެވެ.
10: 15 - އަނެއްކާ ވެސް ޖަލްސާ ފަސްކޮށްފި އެވެ. އަމީން އާއްމު ވިދާޅުވިގޮތުގައި ދެވަނަ ދަންފަޅި ފަށަން މިހާރު ހަމަޖައްސާފައިވާ ގަޑިއަކީ 30: 4 އެވެ.
އޭނާ ވިދާޅުވީ ޖަލްސާ އަލުން ފެށޭނީ ރައީސް އޮފީހުން މަޖިލިހަށް ފޮނުވަން ޖެހޭ ލިޔުންތައް ލިބުމުން ކަމަށެވެ.
43: 14 - މަޖިލިހުގެ ޖަލްސާ މެދުކަނޑާލުމަށް ފަހު 30: 2 ގައި ފަށަން މަސައްކަތްކޮށް ކާމިޔާބެއް ނުވި އެވެ. އަމީން އާއްމު ވިދާޅުވީ ރައީސް އޮފީހުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ނިމިފައި ނުވާތީ 00: 3 އަށް ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ ބިލު ރައީސް ނަޝީދު ތަސްދީގު ކުރެއްވި ކަމެއް މިހާތަނަށް އެނގިފައި ނުވާ ކަމަށް ވެސް އަމީން އާއްމު ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ބިލު ފާސްކުރުމާ އެކު މަޖިލިސް މެދުކަނޑާލައްވަމުން މަޖިލިހުގެ ރައީސް ޝާހިދު ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އެ ބިލު ތަސްދީގު ކުރެއްވުމަށް ފަހު 30: 2 ގައި ދެވަނަ ދަންފަޅި ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ފަނޑިޔާރުން ކަނޑައެޅުމަށް ރައީސް ނަޝީދު 30: 2 ގެ ކުރިން ނަންތައް ފޮނުއްވުމަށް ވެސް އޮތީ ހަމަޖެހިފަ އެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ކުރިން ވިދާޅުވިގޮތުގައި ބިލުގައިވާ ގޮތުގެ މަތިން ނަންތަކެއް ފޮނުއްވުމަށްޓަކައި ރައީސް ނަޝީދު 30: 1 ގައި ޖޭއެސްސީގެ މެމްބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ އެވެ.
39: 12 - ސުޕްރީމް ކޯޓަށް އައްޔަން ކުރާނެ ފަނޑިޔާރުންނާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުންނާ މެންދުރު ފަހު 30: 1 ގައި ރައީސް މުހައްމަދު ނަޝީދު ރައިސް އޮފީހުގައި ބައްދަލު ކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މީގެ ގަޑިއެއްހާ އިރު ކުރިން ރައްޔިތުންގެ މަޖިލިހުން ފާސްކުރި ފަނޑިޔާރުންގެ ބިލުގައިވާ ގޮތުން ސުޕްރީމް ކޯޓަށް އައްޔަން ކުރާނެ ފަނޑިޔާރުންގެ ލިސްޓެއް ޖޭއެސްސީން ތައްޔާރު ކުރަން ޖެހެ އެވެ. އަދި އެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުމުން އޭގެ ތެރެއިން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވާނެ އެވެ. ބިލުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ، އުއްތަމަ ފަނޑިޔާރާ އެކު، ހަތެކެވެ.
"އަޅުގަނޑުމެން މި ބަލަނީ 00: 2 ވާއިރަށް އެ ލިސްޓު އެ ބޭފުޅުން އަޅުގަނޑުމެންނަށް ދެއްވާނެ ކަމަށް. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަނޑިޔާރުންގެ ނަންތައް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވާނެ،" ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މަޖިލިހުން ފާސްކުރި ފަނޑިޔާރުންގެ ބިލު ތަސްދީގު ކުރެއްވުމަށް ރައީސަށް އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ.
28: 11 - ފަނޑިޔާރުންގެ ބިލު ކޮމިޓީން ހުށަހެޅި ގޮތަށް، އިސްލާހުތަކާ އެކު ދެންމެ ފާސްކޮށްފި އެވެ.
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެމްބަރުންގެ ތެރެއިން 71 މެމްބަރަކު ބިލު ފާސްކުރަން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރެކެވެ.
ބިލުގައިވާ ގޮތުން އުއްތަމަ ފަނޑިޔާރާ އެކު ސުޕްރީމް ކޯޓުގައި ތިބޭނީ ޖުމްލަ ހަތް ފަނޑިޔާރުންނެވެ. އަދި ސުޕްރީމް ކޯޓަށް ފަނޑިޔާރުން ކަނޑައަޅާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވުމުން އޭގެ ތެރެއިން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިގެންނެވެ.
ބިލުގައިވާ ގޮތުން، ފަނޑިޔާރުންގެ ގާނޫނަށް އަމަލު ކުރަން ފަށާއިރު ތިބި ޝަރުތު ހަމަނުވާ ފަނޑިޔާރުންގެ ޝަރުތު ފުރިހަމަ ކުރުމަށް ހަތް އަހަރު ދުވަހުގެ މުއްދަތެއް ދޭން ވާނެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރުތު ފުރިހަމަ ނުކޮށްފިނަމަ އެ ފަނޑިޔާރަކު ވަކިކުރެވިދާނެ އެވެ.
ފަނޑިޔާރުންގެ ބިލު ފާސް މިކުރީ މި ބިލު ފާސްކުރުމާއި އުއްތަމަ ފަނޑިޔާރު ކަނޑައެޅުމާ ދެ ކަމުން ކުރެ ފުރަތަމަ ނިންމާނީ ކޮން ކަމެއް ކަމާމެދު އެމްޑީޕީ އާއި އިދިކޮޅު ޕާޓީތަކުގެ ހިޔާލު ތަފާތުވުން ބޮޑުވެ، އެއިން އެއްވެސް ކަމެއް ނުނިންމި އިންތިގާލީ މުއްދަތު ހަމަވެފައި ވަނިކޮށް އެންމެ ފަހުން އެމްޑީޕީން އިއްޔެ ހަވީރު ދޫދީގެން މި ބިލު އިސްކުރަން އެއްބަސްވުމުންނެވެ.
ފަނޑިޔާރުންގެ ބިލު ފާސް ކުރުމާ އެކު މިއަދުގެ ޖަލްސާ ވަނީ މެދުކަނޑާލާފަ އެވެ. ޖަލްސާ މެދުކަނޑާލައްވަމުން މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މެދުކަނޑާލައްވަނީ ބިލު ތަސްދީގު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވުމަށް ކަމަށެވެ. އަދި މެންދުރު ފަހު 30: 2 ގައި ޖަލްސާ ފެށުމަށް އުއްމީދު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މަޖިލިހުގެ ރައީސް ކުރިން ވިދާޅުވެފައިވާ ގޮތުގައި ފަނޑިޔާރުންގެ ބިލު ތަސްދީގު ކުރެއްވުމަށް ފަހު، ސުޕްރީމް ކޯޓަށް ފަނޑިޔާރުން ކަނޑައެޅުމަށް ރައީސް ނަޝީދު ފޮނުއްވާ ނަންތައް މެންދުރު ފަހު ދަންފަޅީގައި ކޮމިޓީއަކަށް ފޮނުވާނެ އެވެ. އަދި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ މުޅި ބެންޗު ކަނޑައަޅާނީ ހަވީރު 00: 4 ގައި ފަށާ ދަންފަޅީގައި އެއްފަހަރާ ވޯޓު ނަގައިގެން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
02: 11 - ބިލަށް މެމްބަރުން ހުށަހެޅުއްވި އިސްލާހުތަކަށް ވޯޓަށް އަހަން ފަށައިފި އެވެ.
45: 10 - ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސައި ފަނޑިޔާރުންގެ ބިލަށް އިސްލާހު ހުށަހަޅައި ބަހުސް ފަށައިފި އެވެ.
ހެނދުނު 10: 10 ހާއިރު ޖަލްސާ ފެށުމާ އެކު، ފަނޑިޔާރުންގެ ބިލު ކޮމިޓީން ދިރާސާ ކުރުމަށް ފަހު އެކުލަވާލި ރިޕޯޓް ވަނީ ހުށަހަޅާފަ އެވެ.
ޖަލްސާ ފެއްޓެވުމަށް ފަހު މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ހެނދުނު ދަންފަޅީގައި ފަނޑިޔާރުންގެ ބިލު ފާސް ކުރުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރުމަށްޓަކައި ފޮނުވުމުގެ ގޮތުން ޖަލްސާ މެދުކަނޑާލާނެ ކަމަށެވެ. ޝާހިދު ވިދާޅުވިގޮތުގައި އެ ބިލު ލަސްނުކުރައްވައި ރައީސް މުހަމައްދު ނަޝީދު ތަސްދީގު ކުރައްވާނެ ކަމުގެ ޔަގީންކަން ސަރުކާރު ހިންގާ އެމްޑީޕީން ދީފައިވެ އެވެ. އަދި ބިލް ތަސްދީގު ކުރެއްވުމަށް ފަހު ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް އެ ބިލުގައިވާ އަދަދަށް ނަންތަކެއް ރައީސް ނަޝީދު މަޖިލިހަށް ފޮނުއްވާނެ ކަމުގެ ޔަގީންކަން ވެސް ވެރިކަން ކުރާ އެމްޑީޕީން ވަނީ ދީފަ އެވެ.
މަޖިލިހުގެ ރައީސް ވިދާޅުވީ ފަނޑިޔާރުންގެ ނަންތައް މަޖިލިހަށް ހުށަހެޅުމަށް މެންދުރު ފަހު 30: 2 ގައި ޖަލްސާ ފެށުމަށް ފަހު ކޮމިޓީއެއް ހޮވައި އެ ނަންތައް ދިރާސާ ކުރުމަށް ފޮނުވާނެ ކަމަށާއި އެ އަށް ފަހު ހަވީރު 00: 4 ގައި ޖަލްސާ ފަށައި ކޮމިޓީގެ ރިޕޯޓް ހުށަހެޅުން އޮންނާނެ ކަމަށެވެ. ޝާހިދު ވިދާޅުވިގޮތުގައި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ބެންޗު ކަނޑައެޅުމަށް ވޯޓަށް އަހާނީ އެކުއެކީގަ އެވެ.
މިއަދުގެ ޖަލްސާ ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު މަޖިލިސް ތެރޭގައި އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ. އޭނާ ވިދާޅުވަމުން ގެންދެވީ ކޯޓުތަކުގެ ގާނޫނެއް ނެތި ފަނޑިޔާރުންގެ ބިލު ފާސް ނުކުރެވޭނެ ކަމަށާއި ފަނޑިޔާރުން އައްޔަން ވެސް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދު ފަނޑިޔާރުން މި ހަމަޖެއްސެނީ "ނުއުފަންނަ ކޯޓުތަކަކަށް" ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ތިން ހަތަރު މެމްބަރަކު ވަނީ އޭނާ ގޮވައިގެން ބޭރަށް ނިކުމެވަޑައިގެންފަ އެވެ. އެއަށް ފަހު މިހާތަނަށް ޖަލްސާ ކުރިއަށް ދަނީ ސުލްހަވެރިކޮށެވެ.
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރަކު ހުވާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ