ގާސިމާއި ޔާމީންގެ މިނިވަންކަން ހިފަހައްޓާފައި ވަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ދަށު ކޯޓުތަކުން ކަނޑައަޅާފައެއް ނުވޭ: ސުޕްރީމް ކޯޓ

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ތިން ދުވަހު ބަންދުގައި ބެހެއްޓުމަށް ޖިނާއީ ކޯޓުން ނެރުނު އަމުރާއި ބަންދުގެ މުއްދަތު އިތުރުކޮށް ހައި ކޯޓުން ނެރުނު އަމުރަކީ ގާނޫނު އަސާސީއާ އެއްގޮތަށް ނެރެފައިވާ އަމުރެއްކަން ކަނޑައެޅޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފަ އެވެ. އަދި އެ ދެ ބޭފުޅުން ދޫކޮށްލުމަށް ވަނީ އަމުރު ކޮށްފަ އެވެ.
ގާސިމާއި ޔާމީނުގެ މައްސަލައިގައި ވެސް ސުޕްރީމް ކޯޓުން ކޮށްފައި ވަނީ އެއް ހުކުމެކެވެ.
"މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ދިވެހި ރާއްޖޭގެ ހައި ކޯޓުގެ ގަޒިއްޔާ ނަންބަރު [ނަންބަރު] ގަޒިއްޔާގެ ހުކުމާއި ޖިނާއީ ކޯޓުގެ ނަންބަރު [ނަންބަރު] ކޯޓު އަމުރު ބާތިލު ކަމަށް ކަނޑައަޅައި މ. މާފަންނުވިލާ ގާސިމް އިބްރާހިމް ބަންދުން ދޫކުރުމަށް އަމުރުކޮށް މައްސަލަ ނިންމީ،" ސުޕްރީމް ކޯޓުގައި ގާސިމްގެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މީހަކު ބަންދު ކުރުމަށް ފަހު އެ މީހަކު ހައްޔަރުކޮށްފައި ވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ކޯޓަކުން ނުވަތަ ފަނޑިޔާރަކު ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އެގޮތް ކަނޑައެޅޭނީ ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެ މާއްދާތަކުގައި ކަނޑައަޅާފައިވާ އިޖްރާއަތްތަކާ އެއްގޮތަށް އެމީހަކު ހައްޔަރު ކުރުމާއި ބަންދު ކުރުމުގެ އެންމެހައި ކަންތައްތަކަށް އަމަލު ކުރެވިފައިވާކަން ކޯޓަށް ސާބިތުވެގެން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މީހަކު ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ސާބިތު ކުރަން ޖެހޭނީ ދައުލަތަށް ނޫން ނަމަ އެމީހަކު ހައްޔަރުކުރި ފަރާތަށް ކަމަށެވެ.
ގާނޫނު އަސާސީގެ 41 ވަނަ މާއްދާ އިން ލިބިދޭ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމާއި 21 ވަނަ މާއްދާ އިން ގާސިމަށް ލިބޭ އަމިއްލަ މިނިވަންކަން އޭނާގެ ކިބައިން ހިފަހައްޓާފައި ވަނީ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިންކަން ޖިނާއީ ކޯޓުގެ އަމުރާއި ހައި ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ. އަދި ގާސިމް ބަންދު ކުރުމަށް ކަނޑައަޅާފައި ވަނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގެ ރ. އާ އެއްގޮތްވާ ގޮތުގެ މަތިން އެކަށީގެންވާ މިންވަރަށް ކަމާއި 57 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އޭނާގެ މިނިވަންކަން މަހްރޫމްކޮށްފައި ވަނީ ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށް ޖިނާއީ ކޯޓުގެ އަމުރާއި ހައި ކޯޓުގެ ހުކުމުން އެނގެން ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ހުކުމް ކުރެއްވުމުގެ ކުރިން އެ މައްސަލައިގައި ފާހަގަކުރެވުނު ނުކުތާތައް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވީ ރާއްޖެ އިން ސޮއިކޮށްފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކަށް ބަލާއިރު "އެންމެ ނުރައްކާތެރި އަދި އެންމެ ނޭއްގާނީކޮށް" ނަގާލެވޭ ހައްގަކީ ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން ކުރާ ބަންދު ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއްވެސް މީހަކު ހައްޔަރުކޮށްފި ނަމަ "ހަމަ ވަގުތުން ލަސްނުކޮށް" ކަމާ ބެހޭ ޝަރުއީ ކޯޓަކަށް ނުވަތަ ހައްޔަރުކުރުމުގެ އަމުރު ދިނުމުގެ ބާރު އޮތް ފަރާތަކަށް އެމީހަކު ހާޒިރު ކުރަންވާނެ ކަމަށެވެ. އަދި އެމީހަކު ހައްޔަރުކުރުމުގެ އެންމެހައި ކަންތައްތައް ކޮށްފައި ވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ތަނަކުން ކަނޑައަޅަންވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މީހަކު ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކުރި ސަބަބު ވަގުތުން އަންގަން ޖެހޭނެ ކަމަށާއި އެމީހަކަށް ލިބިގެންވާ ހައްގުތައް ވެސް ކިޔައިދޭން ޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު، ސުޕްރީމް ކޯޓުގެ ހުކުމުގައި ވިދާޅުވި އެވެ.
ޖިނާއީ ކުށުގެ ހުރިހާ މަރުހަލާއެއްގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތާއި މުޖްތަމައު ތަމްސީލު ކުރާނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމައި ދަށު ކޯޓުން ނެރޭ އަމުރުތައް ހަމައެކަނި އިސްތިއުނާފް ކުރެވޭނީ ވެސް ޕީޖީ އަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން މި މައްސަލައިގައި ޖިނާއީ ކޯޓުގެ އަމުރު ހައި ކޯޓުގައި ފުލުހުން ކުރި އިސްތިއުނާފު ގާނޫނީ ގޮތުން ސައްހަ ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ