ޑީއާރުޕީ އާއި ޕީއޭ ގުޅިގެން އުފައްދާ ސަރުކާރަކީ ރާއްޖެއަށް އިގުތިސާދީ އިންގިލާބީ
ބަދަލުތަކެއް ގެންނާނެ ސަރުކާރެއްކަމުގައި ޑީއާރުޕީގެ ކައުންސިލް މެންބަރު އަދި ރިފޯމް މިނިސްޓަރު މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޕީއޭއިން އިންތިޒާމްކޮށްގެން މިއަތޮޅު ހިތަދޫ މުހިއްބުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޕީއޭއާއި ޑީއާރުޕީ ގުޅިގެން އުފައްދާފައިވާ އިގްތިސާދީ އެޖެންޑާ ވަރަށް ވަރުގަދަކަމުގަ އެވެ.
'އެ އެޖެންޑާގައިވަނީ ރާއްޖޭގެ އިގްތިސާދުގެ ތަނބުތައް ވަރުގަދަކުރުމާއި ފުޅާ ކުރުމާއި އާ ތަނބުތައް ބިނާކުރުމަށް. އަޅުގަނޑުމެންގެ އިގްތިސާދު މިހާރު ބިނާވެފައިވާ މައިގަނޑު ސިޔާސަތުތައް އިތުރަށް ވަރުގަދަ ކުރުމަށާއި އާސިޔާސަތުތައް އަޅުގަނޑުމެންގެ ތެރޭގައި އުފެއްދުމަށް. އާ ޚިދުމަތްތައް ފެށުމަށް. އާ ވިޔަފާރިތައް އަޅުގަނޑުމެންގެ ތެރޭގައި ފެށުމަށް. އާ އިގުތިސާދީ މަޝްރޫއުތައް ފެށުމަށް.'
ޑީއާރުޕީއާއި ޕީއޭގެ ސަރުކާރަކުން އިގްތިސާދު ކުރިއަށް ގެންދާނެ ގޮތުގެ ތަފުސީލު ނަޝީދު ވިދާޅުވެ ދެއްވި އެވެ.
އޭނާ ޕީއޭގެ އިގްތިސާދީ މެނިފެސްޓޯ ކުރު ގޮތަކަށް ސިފަކޮށްދެއްވީ އެމެނިފެސްޓޯއަކީ، ކޮންމެ މީހަކަށް ވެސް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ގިނަވާނޭގޮތް ހެދުމަށާއި ޖީބަށް ލެވޭ ފައިސާ ގިނަވާނޭގޮތް ހެދުމަށާއި ޚަރަދު ކުރަން ލިބޭ ފައިސާ ގިނަވާނޭ ގޮތް ހެދުމަށާއި ރައްކާ ކުރެވޭ ފައިސާ ވެސް ގިނަވާނޭ ގޮތް ހެދުމަށް އިސްކަން ދެވިފައިވާ އެއްޗެއްގެ ގޮތުގަ އެވެ.
'ކުރިއަށްއޮތްތާނގައި ގާއިމުކުރެވޭ ސަރުކާރަކީ ޕީއޭއާއި ޑީއާރުޕީ ގުޅިގެން އުފައްދާ ސަރުކާރަކަށް ވެއްޖެނަމަ، ސިޔާސީ އިސްލާހީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތް ކާމިޔާބުވީގޮތަށް ޑީއާރުޕީއާއި ޕީއޭ ގުޅިގެން ހިންގަން ކަނޑައަޅާފައިވާ އިގުތިސާދީ އިސްލާހީ އެޖެންޑާވެސް ކާމިޔާބު ވާނެކަމާމެދަކު ޝައްކެއް ނެތް.' އޭނާ ވިދާޅުވި އެވެ. 'އެކަން ކުރާނެ ޓީމެއް ޑީއާރުޕީގައި ވެސް އެބައޮތް. އަދި ޕީއޭގައިވެސް އެބައޮތް. މި ދެ ޕާޓީ ގުޅިގެން އެކަން ކުރާނަމަ ނިކުންނާނެ ނަތީޖާ އެހެން ޕާޓީތަކާ ނުބައްދަލުވާނެ.'
މުހިއްބުއްދީންގައި ޕީއޭއިން އިންތިޒާމުކޮށްގެން ބޭއްވި ބައްދަލުވުމަކީ ޕީއޭ އާއި ޑީއާރުޕީ އެއްގަލަކަށް އެރި ފަހުން ދެޕާޓީ ގުޅިގެން އައްޑޫގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ނަޝީދުގެ އިތުރަށް ޑީއާރު ޕީގެ ބައެއް މެންބަރުންނާއި ޕީއޭގެ ބައެއް މެންބަރުން ވެސް ވާހަކަ ދެއްކެވި އެވެ.
ޕީއޭއިން ހިތަދު އާއި ފޭދޫގައި ކެމްޕޭން އޮފީސް ހަދައިގެން ރައީސް މައުމޫނަށް ކެމްޕޭން ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ރިޔާސީ އިންތިހާބު 2008: ޑީއާރުޕީ އާއި ޕީއޭ ގުޅިގެން އުފައްދާ ސަރުކާރަކުން ރާއްޖެ އަށް އިގްތިސާދީ އިންގިލާބީ ބަދަލުތަކެއް އަންނާނެ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ