މިހާރު ކުރިއަށްދާ ރިއާސީ އިންތިހާބުގެ ވޯޓު ނެގުމުގައި ދިމާވި މައްސަލަތަކުގެ ޝަކުވާ ހުށަހަޅަން ނަސަންދުރައަށް ދިޔަ ގިނަ އަދަދެއްގެ އާންމުންގެ ބަޔަކު ފުލުހުން ފޮނުވާލައިފި އެވެ.
ނަސަންދުރައަކީ ވޯޓުގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ މައްސަލަ ހުށަހަޅަންޖެހޭ މަރުކަޒެވެ. ވޯޓުގެ އެއްވެސް މައްސަލައެއް ޖެހިއްޖެ ނަމަ ވޯޓުނަގާ މަރުކަޒުތަކުން ވެސް އާންމުންނަށް އަންގަނީ ނަސަންދުރައަށް ގޮސް މައްސަލަ ހުށަހެލުމަށެވެ.
ވޯޓު ނަގަން ފެށިތާ މާގިނައިރުތަކެއް ނުވަނީސް ވެސް އާންމުންގެ މީހުން ނަސަންދުރައަށް ޝަކުވާ ހުށަހަޅަންވެގެން އެތަނަށް ދިޔަ އެވެ. ނަމަވެސް 30: 11 ކަންހާއިރު ވަރަށް ގިނަ އަދަދެއްގެ ބަޔަކު ނަސަންދުރަ ދޮށަށް އެއްވެ އަޑުގަދަ ކުރަން ފެށި އެވެ. އަދި ނަސަންދުރަގެ މައި ދޮރުން ވަނުމަށްޓަކައި މަސައްކަތް ކުރަން ފެށި އެވެ.
އޭރުވެސް ކޮންމެ ވެސް ވަރަކަށް ފުލުހުން ދިޔައީ އެތަން ގާޑު ކުރަމުންނެވެ. އެކަމަކު އެތަނަށް އެއްވެފައި ތިބި މީހުންނާ އަޅާބަލާއިރު ފުލުހުން ތިބީ މާ މަދުންނެވެ. ރަޔަޓް ގިޔަރުގައި ފުލުހުންގެ ގޮސް އެތަނަށް އެއްވެފައި ތިބި އާންމުން ފޮނުވާލީ އެވަގުތެވެ.
އާންމުން އެތަނަށް އެއްވެ އަޑުގަދަ ކުރަމުން ދިޔަ އިރުވެސް ވޯޓު ނެގުމުގައި ދިމާވަމުން ދިޔަ މައްސަލަތައް ހައްލު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދިޔައީ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރަމުންނެވެ.
އެތަނަށް ޝަކުވާ ހުށަހެޅުމަށް ދިޔަ އާންމުން ކުރި ޝަކުވާތަކުގެ ތެރޭގައި، ވޯޓު ލިސްޓުގައި އައިޑެންޓިޓީ ކާޑުގެ ނަންބަރު ނުބައިކޮށް ޖަހާފައި ވުމާއި ލިސްޓުގައި ނަންނެތުން ހިމެނެ އެވެ.
އެއްވެފައި ތިބި އާންމުން އެތަނުން ފޮނުވާލުމުގެ ކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ވެސް އެތަނަށް އެއްވެފައި ތިބ އާންމުން މަސްލަހަތު ކުރެވޭތޯ މަސައްކަތް ކުރެއްވި އެވެ.
އެތަނުން އެއްވެފައި ތިބި އާންމުން ފޮނުވާލުމަށް ފަހު ފުލުހުން ބޮޑުތަކުރުފާނު މަގުގެ، ނަސަންދުރަ ކަންމަތިން ފަށައިގެން ބޭންކް އޮފް މޯލްޑިވްސްއާ ހަމައަށް އޮތީ ބަންދު ކޮށްފައި އެވެ.
ރިޔާސީ އިންތިހާބު 2008: ޝަކުވާ ހުށަހަޅަން ނަސަންދުރައަށް އެއްވި ގިނަ އަދަދެއްގެ ބަޔަކު ފޮނުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ