މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މާދަމާ ހުޅުވާލަނީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރުޞަތު މާދަމާ ހުޅުވާލައްވައި އެކަމާ ބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެއްވުމަށް އިނާ މާބެހޭ ކޮމިޓީ އިން ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އިނާމާ ބެހޭ އިތުރު ތަފްޞީލު މަޢުލޫމާތު، ޚާއްޞަ އިނާމާ ބެހޭ ކޮމިޓީން މާދަމާ މީޑިއާއާ ހިއްސާ ކުރާނެ ކަމަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމުގައި ބެއްލެވުމަށް ކަނޑައެޅުއްވި އުޞޫލުތަކާއި، އިނާމާ ބެހޭ އިތުރު މަޢުލޫމާތު، އެ ކޮމިޓީން ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ޙިއްޞާކޮށްފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ މައްޗަށް ރިޢާޔަތް ކުރައްވައި، ކޮމިޓީން ގެންނެވި ބަދަލުތަކާ އެކު، މި އިނާމާ ބެހޭ ލިޔުން، މި މަހުގެ ހަތް ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ރާއްޖެ އަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ސަރުކާރުން ކުރިން ދެއްވަމުން ގެންދެވި އިނާމު، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ގޮތުގައި މިއަހަރުން ފެށިގެން ގަވާއިދުން ދެއްވަމުން ގެންދެވުމަށާއި، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާ ފަންނީ ކޮމިޓީއަކުން މި އިނާމުގެ ކަންތައްތައް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ، މިއަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު އެވެ.
ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ މާފަންނު މެރީލިއާ ޑޮކްޓަރ ޙަސަން ޙަމީދާއި ހެންވޭރު ސަންދަރޯސްގޭ ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދާއި މާފަންނު ބްލޫ ސްޓޯން ޑޮކްޓަރ އަޙްމަދު އަންވަރާއި މާފަންނު ދާޝިން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި ހެންވޭރު ކަނޑޫމާގޭ އާމިނަތު ރީނާ އެވެ. އަދި މި ކޮމިޓީގައި ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ފަރާތުން އެ ކޮމިޓީގެ މެންބަރު ހެންވޭރު މާދޫގޭ ޙުސައިން ޢާމިރު ހިމެނިވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ