އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އާއި ރަނިންމޭޓު ޑރ. މުހަންމަދު ޖަމީލު އަހުމަދު އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފިއެވެ.
އިންތިހާބުގައި ވާދަ ކުރެއްވުމަށް އިލެކްޝަން ކޮމިޝަނަށް ޔާމީން ފޯމް ހުށަހަޅުއްވާފައި ވަނީ ދާދި ދެންމެއަކު، އިލެކްޝަން ކޮމިޝަނުގައި ބޭއްވި ހާއްސަ ބައްދަލުވުމުގައި ނޫސްވެރިންގެ ހާޒިރުގައެވެ. މިރަސްމިއްޔާތުގައި ރަނިންމޭޓާއި ޕާޓީގެ އިސްބައެއްވެރިން އަދި ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ޔާމީން ވެސްވަނީ ޕީޕީއެމުގެ ފަރާތުން ކުރިއަށް އޮތް އިންތިހާބާއި މެދު ހުރި ބައެއް ކަންބޮޑުވުންތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން ވޯޓުލާންދާ މީހާގެ ރަޖިސްޓްރީ އެހެންތަނެއްގައި އޮވެ، ފުރަތަމަ ބުރުން ވޯޓު ނުލެވި، ވޯޓުލުމަކީ ބުރައަކަށް ވެއްޖެ ނަމަ ގިނަ ބަޔަކު ވޯޓު ލުމުގައި ބައިވެރިނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެހެން ކަމުން އެމައްސަލައަށް ހައްލެއް ހޯއްދަވާ ދެއްވުމަށް ޔާމީން އެދިވަޑައިގެންނެވިއެވެ. އޭގެއިތުރުން ވެސް ބައެއް ކަންބޮޑުވުންތައް ޔާމީނު ކޮމިޝަނާއި ހިއްސާ ކުރެއްވިއެވެ.
މިރަސްމިއްޔާތުގައި އިލެކްޝަން ކޮމިޝަނުގެ މެންބަރުންވަނީ މިއަދު ހަވީރު ޔާމީނުގެ ކެންޑިޑޭސީގެ ސައްހަ ކަމާމެދު ގޮތެއް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ޔާމީން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ފޯމް ހުށަހެޅުއްވި އިރު މިއަދު ހެނދުނު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް އާއި ރަނިންމޭޓު ޑރ. ހަސަން ސައީދުވެސް ވަނީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައެވެ. އަދި އިއްޔެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާއި ރަނިންމޭޓު ތަސްމީނު އަލީވެސް ވަނީ އިލެކްޝަނަށް ފޯމް ހުށަހަޅާފައެވެ.
ރައީސް ވަހީދުގެ ކެންޑިޑެސީ ބަލައިގަތުމާއި މެދު އިލެކްޝަނުން މިއަދު ގޮތެއް ނިންމާނެ ކަމަށް ބުނެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ރައީސް މުހަންމަދު ނަޝީދާއި ރަނިންމޭޓު ޑރ. މުސްތަފާ ލުތުފީގެ ކެންޑިޑެސީ ވަނީ ހުށަހަޅާފައެވެ. އަދި ހަމަ އެ ދުވަހު ރައީސް ނަޝިދުގެ ކެންޑިޑެސީ އިލެކްޝަނުން ވަނީ ބަލައިގަނެ އެކަން އަންގާފައެވެ.
ރައީސް ކަމަށް ވާދަ ކުރެއްވުމަށް ޔާމީން ފޯމް ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ