އައްޑޫ ކަރަންޓު މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން ސަރުކާރު މަސްއޫލިއްޔަތު ބަލާ ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި މިއަދު ހުށަހެޅި އައްޑޫ ކަރަންޓުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން އެ މައްސަލަ ސަރުކާރު މަސްއޫލިއްޔަތު ބަލާ ކޮމެޓީއަށް ހުށަހަޅައިފި އެވެ.
އައްޑޫއިން ކޮންމެ ދުވަހަކު ކަރަންޓު ދާ މައްސަލަ މަޖިލީހަށް މިއަދު ހުށަހެޅުއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.
މިމައްސަލަ މިއަދު މަޖިލީހުން ބޭރުކުރުމާއި ގުޅިގެން އައްޑޫއަށް ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް މެންބަރުން އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޮޒައިނާ އާދަމް ވިދާޅުވީ މި މައްސަލަ މަޖިލީހުން ބަލައި ނުގަނެ، ބޭރުކޮށްލުމަކީ މަޖިލީހުގައި ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ޕީޕީއެމްއާއި ސަރުކާރުން ބޭނުން ނުވާކަން އަންގައިދިން ކަމެއް ކަމަށެވެ. އަދި އެ މައްސަލަ ބަހުސަކާ ހަމައަށް ނުގޮސް ބޭރުކޮށްލީ މަޖިލީހުގައި އައްޑޫ ތަމްސީލު ކުރައްވާ ޕީޕީއެމް މެމްބަރުންގެ ވޯޓުން ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
އައްޑޫގައި ކަރަންޓު ކެނޑޭ މައްސަލަ ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށް ރޮޒައިނާ ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލުމަށް އައްޑޫއަށް ނިސްބަތްވާ ޕީޕީއެމްގެ ދެ މެންބަރުން ކަމުގައިވާ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ވޯޓް ދެއްވާފަ އެވެ.
ރޮޒައިނާ ވިދާޅުވީ އައްޑޫގައި ފެނަކަ ކޯޕަރޭޝަނުން ދެމުންދާ ކަރަންޓު ކެނޑެމުންދާތީ އެ މައްސަލަ، ސަރުކާރު މަސްއޫލިއްޔަތު ބަލާ ކޮމެޓީއަށް ހުށަހަޅައި، އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި، ކަމާ ބެހޭ މިނިސްޓްރީތަކާއި މުއައްސަސާތަކާ ސުވާލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށެވެ. މި މައްސަލަ ކޮމެޓީއަށް ހުށަހެޅީ ރޮޒައިނާ އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ ނަމުގަ އެވެ.
ރައްޔިތުންނާ ގުޅުން ހުރި މިފަދަ މައްސަލައެއް، ބަލައި ނުގަތުމަށް ޕީޕީއެމްގެ މެމްބަރުން ބޭނުންވީ ސަރުކާރު ދިފާއުކުރުމުގެ ގޮތުން ކަމަށާއި އެކަމަކު އެއީ ސަރުކާރު ދިފާއު ކުރުމަށް ވުރެ ރައްޔިތުންގެ އަސާސީ ހައްގަކާ ގުޅުން ހުރި މައްސަލައެއް ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ އައްޑޫ ކަރަންޓުގެ މައްސަލައަކީ މީގެ ދެ އަހަރު ކުރިން ފެށިގެން ހައްލު ނުވެ އޮތް މައްސަލައެއް ކަމަށާއި މައްސަލަ މިހާތަނަށް ހައްލުވެފައި ނުވަނީ ސަރުކާރުން އެކަމަށް މަސައްކަތް ކޮށްފައި ނުވުމުން ކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ނުގެނެސްފިނަމަ މި ރޯދަ މަހު އައްޑޫގެ ބޮޑު ބައި އޮންނާނީ އަނދިރިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
" މީގެ ބިރުވެރިކަމަކީ މިހާލަތުގައި ދެން އިތުރު ޖެނެރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ އައްޑޫ ސިޓީ ހިތަދޫން ފެށިގެން ގަމާ ހަމައަށް، އެއާޕޯޓާއެކީގައި ވެސް އޮންނާނީ ކަނު އަނދިރީގައި،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓު ނެތި، ސައުންޑް ސިސްޓަމް ބޭނުން ނުކުރެވުމުގެ ސަބަބުން އައްޑޫގެ ގިނަ މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރަނީ އެއްވެސް އަޑެއް ނެތި އަނދިރިކަމުގައި ކަމަށާއި އިސްލާމިކް މިނިސްޓްރީގެ މިސްކިތު ފަންޑުން ހަރަދު ކޮށްގެން ނަމަވެސް މިކަމަށް ހައްލެއް ގެނެސްދޭން ޖެހޭ ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ މި ފަދަ މައްސަލަތަކުގެ ވާހަކަ މަޖިލީހުގައި ދެއްކުމަކީ މެމްބަރުންނަށް ވާޖިބުކަމެއް ކަމަށެވެ. އެކަމަކު ރައްޔިތުންގެ ކިތަންމެ ބޮޑު ހައްގެއް ގެއްލިގެން ދިޔަ ނަމަވެސް ގަރާރެއް އަދި ކުއްލި މައްސަލައެއް ވެސް މަޖިލިސް ތެރެއިން މިހާރު ފާސް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވާންދެން ހައްލު ނުކުރެވިފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި މެމްބަރުން ވިދާޅުވީ އޭގެ ސަބަބުން އާއްމުންނާއި ވިޔަފާރިވެރިންގެ މުދަލަށް ގެއްލުން ލިބި، މަގުމަތީ ބައްތިތައް ނުދިއްލި އެކަމުން އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ