ވީނުވީ ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރުވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވިދާޅުވުން ތަހުގީގު ކުރަން ޖެހޭ ކަމަށް ރިލްވާންގެ އާއިލާއިން ބުނެފިއެވެ.
ރިލްވާނުގެ އާއިލާއިން އަލުން ތަހުގީގަކަށް ގޮވާލީ, މީގެ ކުރިން ފުލުހުން ކުރި ތަހްގީގުންވެސް އަދި ދާދި އިހަކަށް ދުވަހު ނިމިގެން ދިޔަ އެމައްސަލާއިގެ ޝަރީއަތަށް ވެސް ރިލްވާނަށް ވީގޮތެއް ބުނެދެވިފައި ނެތް އިރު, މިއަދު ރައީސް ޔަމީން ކުއްވަމުންގެންދެވި ކެމްޕެއިން ދަތުރެއްގައި ގދ މަޑަވެލީގެ ރައްޔިތުންނާ ބައްދަލުރައްވާ ދެއްކެވި ވާހަކަފުޅުގައި ރިލްވާން މަރުވެއްޖެ ކަމަށާއި ޝައްކެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ރައީސް ޔާމީން ވަނީ ފަރެހަށް ވަޑައިގެން އެވާހަކަތަކަށް މައާފަށް އެދިވަޑައިގެންފައެވެ. އަދި ﷲގެ އިރާދަފުޅުން ރިލްވާން ދިރިހުއްޓާ ހޯދޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީނުގެ ވާހަކަތަކާ ގުޅިގެން ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒް މިއަދު ބުނީ ރިލްވާނަށްވީ ގޮތް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ސާފުކޮށް ނުދެވިގެން އުޅެނިކޮށް ރައީސް ޔާމީން އެގޮތަށް ވާހަކަ ދެއްކުމުން ސުވާލު އުފެދޭ ކަމަށެވެ. ރައީސް ޔާމީންގެ އެ ވާހަކަފުޅުތައް ތަހުގީގު ކުރަން ޖެހޭ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށަހަޅުއްވާނެ ކަމަށް ޝެހެނާޒު ބުންޏެވެ.
ރައީސް ޔާމީންގެ އެވާހަކަތަކާއި ގުޅިގެން ޝެހެނާޒު ބުނީ އެހާ ޔަގީންކަމާއެކު ރިލްވާން މަރުވި ކަމަށް ވިދާޅުވުމަށްފަހު އެ ވާހަކަތައް މަތި އަޅަން އެހެން ގޮތަކަށް މާނަކޮށްގެން ދައްކަމުން ދިޔަ ނަމަވެސް އާއިލާއިން އެކަން ގަބޫލެއް ނުކުރާނެއެވެ.
ރިލްވާން ގެއްލުނު މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. ނަމަވެސް އެކަކު ރާއްޖެއިން ބޭރަށް ގޮސްފައިވާތީ އޭނާގެ ދައުވާ ކުރިއަށް ނުގެންދެވެއެވެ. އެ މައްސަލާގައި ދައުވާ ކުރަނީ ގ ހިލްޓަން، އާލިފް ރައޫފާއި ގދ ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. ބޭރަށް ގޮސްފައިވަނީ ސުއައިދުއެވެ.
އާލިފު ރައޫފާއި ނޫރައްދީންގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް މިހާރުވަނީ ހުކުމްކޮށްފައެވެ.
ރިލްވާން މަރުވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި މައްސަލަ ބެލެންޖެހޭ: އައިލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ