އެމްއެމްޕީއާރުސީ ހިޔާނާތުން ގެއްލުނު ފައިސާ ނުހޯދިގެން އުޅެނީ އެ ފައިސާ ހުރިތަން ނޭނގޭތީ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ތ.ގުރައިދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައަކީ ތަހުގީގު ކުރަން ޖެހޭ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ އޭސީސީން ތަހުގީގުކޮށްފައިވާ ކަމަށެވެ. އަދި އެ ހިޔާނާތުގައި ގެއްލުނު ކަމަސް އަންދާޒާ ކުރާ ފައިސާގެ އަދަދު ވެސް އޭސީސީން ބުނެފައިވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީން ފައިސާ ގެއްލުނީ ކިހާވަރަކަށްކަން އެނގިވަދައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ނުހޯދިގެން އުޅެނީ އެ ފައިސާ ހުރިތަން ނޭނގޭތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކޮށްފީމު. އަޅުގަނޑުމެންނަށް އެނގޭ މި ފައިސާ ގެއްލިފައި ވެއްޖެކަން. އެކަމަކު މި ފައިސާ ހުރިތަން އަޅުގަނޑުމެންނަށް ނޭނގެނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެ ފައިސާގެ މަދަދުވެރިކަން ލިބުނީ ކޮންބަޔަކަށްކަން އެބޭފުޅުންގެ ތެރެއިން އެއް މެންބަރަކު ވަރަށް ފަރިތަ ކަމާއެކު ވިދާޅުވަމުންދާ ކަމަށެވެ.
ރައީސް ޔާމީން ވަނީ މިއަދު ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އާއި އޭގެ ކުރިން ހިންގާފައިވާ ކޮރަޕްޝަނުގެ ފައިސާތައް ވެސް އިދިކޮޅަސް ނުހޯދޭނެ ކަމަސް ވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތިން އަހަރާއި އެފްޕީއައިޑީގެ ހިޔާނާތުގެ ފައިސާ ނުހޯދޭނީ އެ ފައިސާ ލިބުނު ފަރާތްތަކުގެ އެހީ މިހާރު ވެސް އެމްޑީޕީއަށް ލިބެމުންދާތީއެވެ.
އިދިކޮޅު ފަރާތްތަކުން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި އޮންނަ ގުޅުމައި ބެހޭ ގޮތުން ވެސް ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ކޮށްފައިވާ ކަންކަމަށް މާފުދީ އަދީބު ބޭހަށް ދިއުމުގެ ހުއްދަ ދޭން ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް ދައުލަތުން ގެއްލުނު ފައިސާ އަދީބު ދައްކަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުގައި އިހުލާސްތެރިކަމެއް ހުރި ނަމަ އެބޭފުޔޅުންގެ ސަރުކާރެއްގައި އެމްޑީޕީގެ ތިން އަހަރުގައި ގެއްލުނު ކަމަށްބުނާ 1.2 ބިލިއަން ރުފިޔާ ވެސް ހޯދަން ރައީސް ޔާމީން ގޮވާލެއްވިއެވެ. ނަމަވެސް ތިން އަހަރުގެ ވެރިކަމުގައި އެ ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.
އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ނުހޯދިގެން އުޅެނީ ހުރިތަން ނޭނގޭތީ: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ