މިހާރު ސަރުކާރު އޮތް ޙާލަތުން 2023 ގެ ކުރިން އަވަސް އިންތިޚާބެއް ބާއްވަންޖެހޭކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓްރ އަދި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އދ. މަހިބަދޫގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަޢީދު ވިދާޅުވީ އެމްޑީޕީން އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ދޮޅު އަހަރު ދުވަހުގެ ތެރޭގައި އަވަސް އިންތިޚާބެއް ބާއްވާނެ ކަމަށް ބުނެފައިވާ ކަމަށާއި އޭގެ ކުރިންވެސް، މިހާރުން މިހާރަށް ހުރިހާ ޕާޓިތަކެއް ބައިވެރިވާ އަވަސް އިންތިޚާބެއް ބާއްވަން ގޮވާލާ ކަމަށެވެ. "އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިތުބާރުގެ މެންޑޭޓެއް އެމަނިކުފާނުގެ އަތްޕުޅަކު މިއަދަކުނެތް. ޤައުމުދަނީ ފަހަތަށް. އަޅުގަނޑު ނެތިން ރިޒަރވް ފަހަތަށްދާ ވާހަކަ ދައްކާކަށް. ވައްކަން އެންމެ ބޮޑަށް ކުރަނީ ރިޒަރވް ދަށްވީމަ. ދިވެހި ރައްޔިތުން ރައްކާކުރިހާ ފައިސާކޮޅު އެދަނީ ރާޅެއްޖަހާލާހެން ގިރަމުން ގިރަމުން. މަސްވެރިކަމުގެ ބިލުގައި މަންޒަރާ އަޑަކާ ދިމައެއްނުވޭ. ވީޑިއޯއާއި އޯޑިއޯ ދިމަލެއް ނުވޭ" ސަރުކާރަށް ފާޑު ވިދާޅުވަމުން ސަޢީދު ވިދާޅުވިއެވެ. ދިވެހި ޒުވާނުންނަށް ވަޒީފާ ދޭން ނުޖެހޭ ކަމަށް ޕޯޑިއަމްތަކުގައި ބުނަމުންދާ ކަމަށާއި ސަރުކާރުއައީ ވަޒީފާ ދޭކަށް ނޫން ކަމަށް ބުނަމުންދާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ކުރެއްވި ކޮންމެ ކަމެއްގައިި ފޮރުވިފައިއޮތީ ޒުވާނުންގެ ވަޒީފާކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ. ދިވެހި ރައްޔިތުންނަށްޓަކައި އަޑެއް އުފެއްދެވީ ރައީސް ޔާމީން ކަމަށް ސަޢީދު ވިދާޅުވިއެވެ. "ވެރިކަމަށް އައީ އެތައް ދޮގު އިލްޒާމްތަކެއް އަޅުވައިގެން އެކަމަކު މިހާރު އެއުޅެނީ ރައީސް އޮފީހުގައި ރަސްމީ ޢިއްޒަތުގައިވެސް ނީނދެވިގެން ވާ ހޫނަކުން. ރައްޔިތުންގެ މަޖިލީހުގައި ވެސް ނުތިބެވިގެން އެއުޅެނީ. 65 ގޮނޑީގެ މެޖޯރިޓީއަކީ މިއަދު އެމީހުންނަށް މުޞީބާތަކަށް ވެއްޖެ. " ސަޢީދު ފާހަގަކުރެއްވިއެވެ. އަވަސް އިންތިޚާބެއް ބާއްވަން ޖެހެނީ މިފަދަ އެތައް ސަބަބުތަކާހެދި ކަމަށާއި، ރައީސް ޔާމީން ކުރިންވެސް މިޤައުމަށްޓަކައި ކުރެއްވީ މަތިވެރި ޖިހާދެއް ކަމަށާއި އަދިވެސް އެމަނިކުފާނު އެގޮތަށް ދެމިހުންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަވަސް އިންތިޚާބެއް ބާއްވަން މެމްބަރު ސަޢީދު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ